އއ. ރަސްދޫ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ހިއްސާ ކުރައްވައިފިއެވެ.

ރައީސް ސޯލިހް މިހާރު އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރަސްދޫ ކަައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއެކު ބޭއްވެވި ބައްދަލުކުރެެއްވުމުގައި އެ ކަންބޮޑުވުންތައް ހިއްސާކުރެއްވީ ކައުންސިލުންނެވެ.

ކައުންސިލުން ރައީސްގެ ސަމާލުކަމަށް ގެނައި ކަންތައްތަކުގެ ތެރޭގައި، ރަށުގެ ބިން ފުރިފައިވުމުން ރައްޔިތުންނަށް ދިމާވާ ބޯހިޔާވަހިކަމުގެ ދަތިކަމާއި، ޞިއްޙީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ބޭނުންވާކަމާއި، ރަސްދޫގައި ފަށާ މަޝްރޫޢުތައް ނުނިމި ލަސްވާތީ ހުރި ކަންބޮޑުވުންތަކާއި، ރަށުގެ ޔުޓިލީޓީޒްގެ ޚިދުމަތް ލިބުމުގައި ހުރި ގޮންޖެހުންތައް ހިމެނެެއެވެ.

އަދި މީގެ އިތުރުން ރަށުގެ ބޭރު ތޮށި ހަލާކުވެފައިވުމުގެ ސަބަބުން ދިމާވާ ދަތިތަކާއި، ކުޅިވަރު ފެސިލިޓީސްތައް މަދުވުމުން ހުރި ކަންބޮޑުވުންތައް އަދި މިނިސްޓްރީތަކާއި ކައުންސިލާ ދޭތެރޭ އޮންނަ އިދާރީ ގުޅުން ހީނަރުވުމުގެ ސަބަބުން ހުރި ކަންބޮޑުވުންތައް ހިއްސާކުރެއްވިއެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ވަނީ އަލަށް މިފަދަ ކޮމިޓީއެއްގެ މަސައްކަތްކުރިޔަށްދާއިރު ކަމާގުޅޭ ފަރާތްތަކުގެ ފަންނީ ލަފައާއި އިރުޝާދު ބޭނުންވާކަން ރައީސުލްޖުމްހޫރިއްޔާގެ ސަމާލުކަމަށް ގެންނަވާފައެވެ.

މި ވާހަކަތައް އަޑުއެއްސެވުމަށްފަހު ރައީސް ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ރަސްދޫ ރައްޔިތުންނަށް ވެސް ކޮންމެވެސް ވަރެއްގެ ހައްލެއް ވަގުތީ ގޮތުން ވިޔަސް ލިބޭނެކަމަށެވެ. އަދި ދިގު ރާސްތާއަށް ވިސްނައިގެން މިކަމަށް ދާއިމީ ޙައްލެއް ހޯއްދެވުމަަށް މަސައްކަތްކުރައްވާނެކަމުގައި ވިދާޅުވެފައެވެ. މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ ސަރުކާރުގެ ވައޔދުތަކާ އެއްގޮތަށް ފަށާފައިވާ ހުރިހާ މަޝްރޫއެއް ކުރިޔަށް އޮތް ދެ އަހަރު ތެރޭ ނިންމުމަށް މަސައްކަތްކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ރައީސް ވަނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީ މެދުވެރިކޮށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ބޭނުންވާ ފަންނީ ލަފާ ފޯރުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އައްނި

    ފިނޑި ޖަވާ ބަކުން ރަސްދޫ ހައްދާލައިފާ ރައީސް ފޭބީ އުފަލުން ރައްޔިތުންގެ މާލިއްޔަތު ކައިހުސްކުރާއިރު ވަގުތީގޮތުން ކަމެއްމޮއްދެވޭތޯ ބަލާނަމޯ