ސީ ލައިފް ގްލޯބަލް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) ގެ ކޮއްކޮއާއި ދައްތައެއް ޖާމިނުވާ ގޮތަށް، ކަފާލާތުގެ ދަށުން، ޝަރުތުތަކަކާއެކު އައްމަޓީ ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކުރަން ނިންމައިފިއެވެ.

ޕަބްލިކް ޕްރޮސެކިއުޓަރު އަދި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ މީޑިއާ އޮފިޝަލް އަހްމަދު ޝަފީއު "ވަގުތު" އަށް ވިދާޅުވީ އެ މައްސަލަ އިސްތިއުނާފް ކުރަން ނިންމައި، އަންނަ ހަފުތާގެ ތެރޭގައި ހައި ކޯޓަށް އެ މައްސަލަ ހުށަހެޅޭނެ ކަމަށެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވެސް ޓްވީޓެއް ކުރައްވާފައިވެއެވެ. އޭނާ ލިޔުއްވާފައިވަނީ ކަފާލާތުގައި ޖާމިނު ކުރާނެ ވަކި ގޮތެއް ގާނޫނުގައި ބަޔާން ކޮށްފައި ވަނިކޮށް، އެ ނޫން ގޮތަކަށް މައްސަލަ ނިންމުމުން ޖެހޭނީ ހައި ކޯޓަށް ދާން ކަަމަށެވެ.

"ދަށު ކޯޓުގެ ހަމަ އެންމެ ފަނޑިޔާރަކަށް، ޖާމިނު ކުރެވޭ ގޮތް ސާފުވެވަޑައިގެންފައި ނެތުމަކީ އެންމެންގެ ވަގުތު ގެއްލޭ ކަމަކަށް ވެއްޖެއެވެ." ގާޒީ ހަސަން ސައީދަށް އިޝާރާތް ކުރައްވައި ޕީޖީ ޝަމީމް ލިޔުއްވާފައިވެއެވެ.

އައްމަޓީގެ ކޮއްކޮ އަފީފާ މޫސާއާއި ދައްތަ މަރިޔަމް ނައީމާ ވެސް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކޮށް އައްމަޓީ ފިލައިގެން ނުދާނެ ކަމުގެ ޔަގީން ކަން ދިނެވެ. ގާޒީ ދެން ވަނީ އައްމަޓީ ފިލައިގެން ގޮސްފި ނަމަ، އެ ދެ މީހުންނަށް އަންނާނެ އަބަދުތައް ވެސް ކިޔައިދެއްވައިފައެވެ.

މި ގޮތުން، އެއް އަހަރަށް ދިގު ނޫން މުއްދަތަކަށް ޖަލަށް ލުމުގެ ހުކުމެއް ނުވަތަ ދެ އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް ގޭބަންދު ކުރުމުގެ ހުކުމެއް ނުވަތަ 15،000 ރުފިޔާ ޖޫރިމަނާގެ ހުކުމެއް އިއްވިދާނެ ކަން ގާޒީ ފާހަގަ ކުރެއްވިއެވެ.

އައްމަޓީ ދޫކޮށްލީ ބައެއް ޝަރުތުތައް ވެސް ކުރިމަތިކޮށްފައެވެ. އޭގެ ތެރޭގައި ހެކިބަސް ދިނުމަށް ހަމަޖެހިފައިވާ ފަރާތްތަކާ މުއާމަލާތް ނުކުރުމާއި، ކޮންމެ ދުވަހަކު ފުލުހަށް ހާޒިރުވެ ސޮއިކުރަން ޖެހުމާއި، މާލެއިން ބޭރަށް ނުފުރުން ހިމެނެއެވެ.

އަންމަޓީ ސްރީ ލަންކާގައި ހުއްޓައި ހައްޔަރުކޮށްގެން ރާއްޖެ ގެނެސް 42 ދައުވާއެއް ވަނީ އުފުލައިފައެވެ. އަދި އެންމެ ފުރަތަމަ އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރަން އަމުރުކުރިއެވެ.

މިއަދުގެ އަޑުއެހުމުގައި ބަންދު މުރާޖާ ކުރީ ކޮންމެ 30 ދުވަހަކުން ބަންދު މުރާޖައާ ކުރަން ޖެހޭނެ ކަމަށް ގާނޫނުގައި އޮންނާތީއެވެ. މިއަދު ކަނޑައެޅި ބަންދުގެ ހާލަތު ވެސް 30 ދުވަސް ފަހުން މުރާޖާ ކުރަން ޖެހޭނެއެވެ.

އައްމަޓީގެ މައްޗަށް މި ދައުވާތައް އުފުލަން ނިންމީ، ހުޅުމާލޭގައި ފްލެޓް އިމާރާތްކޮށްދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ އަތުލި މައްސަލައިގައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ސަމީމް

  އުންސުރު އާއި ފަންސުރު އެމް.އެމް.ޕީ.އާރު ސީގެ ކަލުފައިސާގެ އިސްލީޑަރުންގެ ވަކީލަކަށް ޔޫކޭގައިވެސް މަސައްކަތްކުރިކަމަށް ވޭ، އަދި އެމް.ޑީ.އެން ގެ އެއްފައުންޑަރޭވެސް ބުނެޔޯލަ

 2. އެކޮޅާއި މިކޮޅު

  އެކޮޅުގައި އުުޅެނީ އާރްޔަން އެކެވެ. މިކޮޅުގައި އުޅެނީ އަންމަޓީ އެކެވެ.

 3. ސާބަހޭ ރާބަޑާ

  ތިއީ ހަމަ އަލީ ވަހީދު ވެސް ވިލުވާލި ގޮތް، ދެން ހައި ކޯޓުން އޭނާގެ ޕާސްޕޯޓް ބެސް ދޫކޮށްލާ؟ ފުރައިގެން ދިޔައިމަ ބުނޭ ރަނގަޅަކަށް ނޫނޭ އެކަން އެދިޔައީ. ދެން ސްޕްރީމް ކޯޓުގަ އެކަން އިސްތިއުނާފު ކުރޭ. އޭރު އޭނާ ހުންނާނީ އަތު ނުޖެހޭ ހިސާބުގައި.
  މިއީ ޝަރުޢީ ދާއިރާއިން ކުޅޭ ކުޅޭ ކުޅިގަނޑެއް،

 4. ބީރުމީހާ

  ކަލޯ ޔާމީނަކަށް ކަފާލާތެއް ނެތޯ މިވަނީ ކީއްތަ އަހުންވެސް ޖާމިނުވެދާނަން އަހުންގެ އާއިލާވެސް އަދި 96000 ދިވެހިންވެސް މިތިބީ ތައްޔާރަށް ޖާމިނުވާ ހިފާ އެންމެން ހިފާ

  2
  1
 5. Anonymous

  މިދެން މިހާރު އާންމު ކަމެއް. އެއްދުވަހު ބުނާނެ އިސްތިޢުނާފު ކުރާނަމޭ. އަނެއްދުވަހު ބުނާނެ އިސްތިޢުނާފު ނުކުރަން ނިންމައިފީމޭ.
  ވާނުވާނޭނގި މުޅިސިސްޓަމް ސަމީމް ވެފައި