ކޮވިޑް-19 ޖެހިގެން ރާއްޖެ އިން އިތުރު އަންހެނަކު ނިޔާވެ ކޮވިޑް ޖެހިގެން ރާއްޖެ އިން ނިޔާވި މީހުންގެ ޖުމްލަ އަދަދު 240 އަށް އަރައިފިއެވެ.

ކޮވިޑް ޖެހިގެން ނިޔާވީ 44 އަހަރުގެ ދިވެހި އަންހެނެކެވެ. އޭނާ ނިޔާވީ ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށެވެ.

ރާއްޖެ އިން މިމަހު ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މަދުވި ނަމަވެސް ކޮވިޑް ޖެހިގެން ނިޔާވާ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. ހަމައެކަނި އޮކްޓޯބަރ މަހު ވެސް މިހާތަނަށް އަށް މީހަކު ރާއްޖެ އިން ކޮވިޑްގައި ނިޔާވެފައި ވެއެވެ.

އިއްޔެގެ ނިޔަލަށް ކޮވިޑް ޖެހިފައި ތިބި މީހުންގެ އަދަދު 1311 އަށް އަރައެވެ. އިއްޔެ އަކީ މިމަހުގެ 08 ވަނަ ދުވަހަށް ފަހު ކޮވިޑް ބަލި މީހުންގެ އަދަދު އެންމެ މައްޗަށް ދިޔަ ދުވަހެވެ.

އިއްޔެގެ ނިޔަލަށް އޮކްޓޯބަރ މަހު ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ވަނީ 1610 އަށް އަރާފައެވެ. މިހާތަނަށް ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދަކީ 86419 އެވެ. އޭގެތެރެއިން 84856 މީހަކު ވަނީ ކޮވިޑުން ރަނގަޅު ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު