އިންޑިއާގެ ހިލޭ އެހީގެ ދަށުން އައްޑޫ ސިޓީގައި އިމާރާތް ކުރާ ފުލުހުންގެ ޓްރެއިނިން އެކަޑަމީގެ %98 މަސައްކަތް ނިމިއްޖެއެވެ.

މި މަޝްރޫއުގެ ދަށުން ޕޮލިސް އެކަޑަމީގައި ގާއިމު ކުރާ ތަންތަނުގެ ތެރޭގައި ފުލުހުންނާއި ގާނޫނު ތަންފީޒު ކުރާ އެކި އިދާރާތަކުގެ އޮފިޝަލުން ތަމްރީން ކުރާނެ ކްލާސް ރޫމްތަކާއި އޮޑިޓޯރިއަމްތަކާއި ފެކަލްޓީތައް ހުރެއެވެ.

އަދި ކެޑޭޓުން އުޅެވޭ ގޮތަށް ރެޒިޑެންޝަލް ކޮޓަރިތަކާއި، ފުލުހުންގެ އިސް އޮފިސަރުންނާއި ލެކްޗަރާއިން ތިބެވޭނެ ރެޒިޑެންޝަލް އެޕާޓްމަންޓްތައް ގާއިމުކޮށްފައިވެއެވެ. ފުޓުބޯޅަ އާއި ބާސްކެޓް ބޯޅަ އާއި ޓެނިސްގެ އިތުރުން ސްވިމިން ޓްރެކެއް ވެސް ހިމެނެއެވެ.

މީގެއިތުރުން ބަޑީގެ ތަމްރީންތައް ދިނުމަށް ހާއްސަ ސަރަހައްދަކާއި ފިހާރަތަކާއި ސައި ހޮޓާތަކާއި ބޭންކިންގެ ހިދުމަތް ފަދަ އަސާސީ ހިދުމަތްތައް ދެވޭނެ ވަސީލަތްތަކާއި އިމާރާތްތައް އަޅާފައިވެއެވެ.

"ވަގުތަށް" އެނގިފައިވާ ގޮތުގައި އައްޑޫ ޕޮލިސް އެކަޑަމީގެ ބޮޑު ބައި މިހާރު ވަނީ އެއްކޮށް ނިންމާލައިފައެވެ. އަދި މިހާރު ކުރަން ހުރީ ވަރަށް ކުދި ކުދި މަސައްކަތްތަކެއް ކަމާއި އެ މަސައްކަތްތައް ވެސް ވަރަށް އަވަހަށް ނިންމާލާނެ ކަމަށްވެއެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ދާދި ފަހުން ވިދާޅުވީ ޕޮލިސް އެކަޑަމީ ހުޅުވޭނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ ކުރީކޮޅު ކަމަށެވެ. ޕޮލިސް އެކަޑަމީގެ މަސައްކަތްތައް ބައްލަވާލެއްވުމަށް ފަހު ޕޮލިސް ކޮމިޝަނަރު މި މަހު ވިދާޅުވީ އެ މަޝްރޫއުގެ މަސައްކަތްތައް ކުރިއަށް އޮތް މަހެއް ނުވަތަ ދެ މަހެއްހާ ދުވަހުގެ ތެރޭގައި ނިންމައިލެވޭނެ ކަމަށް ކޮންޓްރެކްޓަރު ލަފާ ދީފައިވާ ކަމަށެވެ.

"އިންސްޓިޓިއުޓް އޮފް ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒް" ގެ ނަން ދީފައިވާ މިތަނުގެ ކޮންޓްރެކްޓަރަކީ އިންޑިއާގެ ސްރީ އަވަންތިކާ ކޮންޓްރެކްޓާސް ލިމިޓެޑެވެ.

ޕޮލިސް އެކަޑަމީއެއް އިމާރާތް ކުރުމުގެ މަޝްވަރާތައް އިންޑިއާއާ އެކު އެންމެ ފުރަތަމަ ފެށީ ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2009 ގައެވެ. އަދި ޕޮލިސް އެކަޑަމީއެއް ގާއިމް ކުރުމަށް ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކުރީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ސެޕްޓެމްބަރު 26، 2012 ގައެވެ.

އެންމެ ފުރަތަމަ ދިވެހި ސަރުކާރުން އެދިފައިވާ ގޮތަށް އެ މަރުކަޒު އަޅަން ނިންމީ ޅ. ދިއްފުށިމާދޫގައެވެ. އެއީ ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައެވެ. އޭރު ހޯމް މިނިސްޓަރަކަށް ހުންނެވީ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ތިން ފަހަރެއްގެ މަތިން އެ މަރުކަޒު އަޅާނެ ތަން ބަދަލު ކުރިއެވެ. ޖުލައި 2013 ގައި ޅ. ދިއްފުށިމާދޫގެ ބަދަލުގައި އެ އަތޮޅު މާބިންހުރާގައި އެ އެކަޑަމީ އެޅުމަށް މަޝްވަރާ ކުރެވުނެވެ. ދ. ވާނީގައި އެޅުމަށް ވެސް އޭރުގެ ސަރުކާރުގައި މަޝްވަރާ ކުރެވުނެވެ. އެންމެ ފަހުން އައްޑޫގައި އަޅާ ގޮތަށް އެއްބަސްވުމަކަށް އައިސްފައިވަނީ ފެބްރުއަރީ 2014 ގައެވެ. އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    އައްޑޫގަ ބިނާކުރާ އިންޑިއާގެ މިލިޓރީބޭސް

    21
  2. އިންޑިއާއައުޓް

    އިންޑިއާ އައުޓް

    16
    2
  3. ސަލާމަތީ

    ތިއީ އެކެޑެމީއެއް ނޫން. އިންޓެލިޖެންސް އެޖެންސީއެއް. މި ޤައުމު ފަނާކުރާ އިންޑީއާ އެޖެންސީއެއް. އިންޑީއާ އައުޓް.