ދިވެހިރާއްޖޭގެ ޝަރުއީ ކޯޓުތަކާ ގުޅޭގޮތުން ނުރަނގަޅު ޚަބަރުތައް ޝާއިރުކުރާ ނޫސްވެރިޔާ ކުށްވެރިވާ ގޮތަށް ގާނޫނުލް އުގޫބާތަށް އިސްލާހެއް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ ހުށަހެޅި އިސްލާހުގައި، ގާނޫނުލް އުގޫބާތުގެ 510 ވަނަ މާއްދާ ކަމަށްވާ ކޯޓުގެ ހުރުމަތް ކެނޑުމުގެ މާއްދާއަށް ބޮޑު އިސްލާހެއް ގެންނަން ވަނީ ހުށަހަޅާފައެވެ.

ކޯޓުތަކުގެ ހަބަރުތައް ޝާއިރުކުރާ ނޫސްވެރިޔާ ކުށްވެރި ކުރެވޭނެ ގޮތަށް ގާނޫނަށް ހުށަހެޅި އިސްލާހުގައި ވާގޮތުން، ވަކި ފަރާތަކަށް ނުޖެހި މިނިވަންކަމާއެކު މައްސަލަ ނިންމުމުގެ ގާބިލްކަން ކޯޓެއްގައި ނެތްކަން ދެއްކުމަށް ނުވަތަ ކޯޓަކުން ވަކި ކަމެއް ކުރަނީ ރަނގަޅު ނޫން މަގުސަދެއްގައި ކަމަށް ބުނެ ގަސްދުގައި ގާނޫނާ ހިލާފު އެއްވެސް އެއްޗެއް ޝާއިރުކުރުން ނުވަތަ އެ ނޫން އެއްވެސް އަމަލެއް ހިންގުމަކީ ކުށެކެވެ.

މީގެ އިތުރުން ކޯޓުގައި ހިނގަމުންދާ މައްސަލައަކަށް ނުފޫޒުފޯރުވުމަށް ގަސްދުގައި ގާނޫނާ ހިލާފު އެއްޗެއް ޝާއިރުމާއި، ޝަރުއީ ދާއިރާއަށް އާންމުންގެ އޮންނަ އިތުބާރު ގެއްލިދާފަދަ އަމަލެއް ކުރުމާއި ކޯޓުގެ ހުއްދައާ ނުލާ އޯޑިއޯ އަދި ވީޑިއޯ ރެކޯޑް ކުރެވޭ އެއްޗެއް ވެއްދުމާއި އެފަދަ އެއްޗަކުން ނަގާ ކޯޓުގެ މަންޒަރެއް ނުވަތަ އޯޑިއޯގެ ރެކޯޑިންއެއް ޝާއިރުކުރުމަކީވެސް ކުށެއް ކަމަށް މި އިސްލާހުގައި ބުނެފައިވެއެވެ.

ކޯޓުތަކުގައި ހިނގާ މައްސަލަތަކަށް މީޑިއާގެ ސަމާލުކަން ހުއްޓި، އެކި ގޮތްގޮތަށް ޚަބަރުތައް ފެތުރުމުގެ ހާދިސާތައްވެސް ހިނގާއިރު، މި އިސްލާހުގައިވާ ގޮތުން މި މާއްދާގައި މިވާ ކަންކަމުން ނޫސްވެރިން އިސްތިސްނާ ވާކަން ނުވަތަ ނޫންކަން ސާފު ނުވެއެވެ. އެފަދަ ހާލަތެއްގައި ސީދާ ނޫސްވެރިޔާއަށް ފިޔަވަޅު އެޅުމުގެ ބާރު ޤާނޫނުން ލިބިގެންދާނެއެވެ.

ޤާނޫނުން މިކަންކަމަށް ބާރުލިބިދޭގޮތަށް އިސްލާހެއް ހުށަހެޅިއިރު، ކޯޓުގެ ހުރުމަތް ކަނޑައި، ކޯޓުގެ ތަސައްވުރު ކިލަނބު ކުރުމަށް މަސައްކަތްކުރާ ފަރާތްތަކަށް މިހާރުވެސް ކޯޓުތަކުން އެކި ފިޔަވަޅުތައް އަޅާކަން ފާހަގަކޮށްލެވެއެވެ.