އއ. ހިމަންދޫ ބަނދަރު މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރަސްމީކޮށް ހުޅުއްވައި ދެއްވައިފިއެވެ.
ހިމަންދޫ ބަނދަރު ރައީސް ހުޅުއްވައި ދެއްވާފައިވަނީ ރައީސް މިހާރު އއ. އަތޮޅަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެރަށަށް ވަޑައިގެންނެވެ.
ބަނދަރު ހުޅުވުމަށް ބޭއްވި މި ރަސްމިއްޔާތުގައި ރައީސްގެ އިތުރުން ސަރުކާރުގެ އެކި މިނިސްޓަރުންނާއި މަތިވެރީ ދާއިރާގެ މެމްބަރު އަލްފާޟިލް ހަސަން ޒަރީރާއި، ތޮއްޑޫ ދާއިރާގެ މެމްބަރު އަލްފާޟިލް ހަސަން ޝިޔާންއާއި ސީއީއޯ އަލްފާޟިލް އާދަމް އާޒިމްއާއި އެމްޓީސީސީގެ އިސްވެރިންނާއި، ހިމަންދޫ ކައުންސިލްގެ ރައީސް އަލްފާޟިލް ޙުޝާމް އިސްމާއީލް ބައިވެރިވެވަޑައިގެންނެވިއެވެ.
ހިމަންދޫ ބަނދަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ހިމެންދޫ ބަނދަރު ކައުންސިލާ ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަލްފާޟިލް މުޙައްމަދު އަސްލަމެވެ.
ހިމަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، 45،252 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 372 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 251 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 147 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 1750 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، 4 މީޓަރު ފުޅާ ބްރިޖެއް ހެދުމާއި، 3 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ އިން އޭޕްރީލް 2019ގައި އެމްޓީސީސީއާއި ޙަވާލުކުރި މި މަޝްރޫޢު އަކީ 49.93 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ. މި މަޝްރޫޢު ގެ މަސައްކަތް ނިމުނީ 20 އޭޕްރީލް 2020 ވަނަ ދުވަހުއެވެ.
ރައީސް ހިމަންދޫ ބަނދަރު ރަސްމީކޮށް ހުޅުއްވައި ދެއްވާފައިވާއިރު، އެރަށުގެ ބަނދަރު ހައްދަވައިދެއްވާނެ ކަމުގެ ވައުދު ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ރައީސް ވަނީ ވެވަޑައިގެންފައެވެ.
މުޅިން އާ ބަނދަރެއްތަ. ނޫނީ މަރާމާތު ކުރީތަ. ފެށި ކޮން އަހަރަކު