މިނިވަންކަމުގެ ދިފާޢުގެ ނަމުގައި ސުލްހަވެރި ހިނގާލުމެއް ބޭއްވުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު މާލޭގެ މަގުތަކަށް ނިކުންނަން ތައްޔާރުވެއްޖެއެވެ.

ހިނގާލުން ފަށާނީ މިއަދު ހަވީރު 16:00 ގައެވެ. ހިނގާލުން ފެށޭނީ ޕީޕީއެމްގެ މައި އޮފީސް ދޮރުމަތިން ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.

ހިނގާލުމުގެ މައުލޫމާތު ދިނުމަށް މިހަފްތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ މިފަދަ ހިނގާލުމެއް އިންތިޒާމުކުރީ ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާ ފަދަ އެތައް ކަމެއް ސަރުކާރުން ކުރިއަށްގެންދާތީ، އެކަމާ ރައްޔިތުން ނުރުހޭކަން ހާމަކުރުމުގެ ގޮތުން ކަމަށެވެ.

"އިރާދަކުރެއްވިޔާ މި ސުލްހަވެރި ހިނގާލުން ވެގެންދާނީ ރާއްޖޭގެ މިނިވަންކަން ގެއްލުވާލުމަށްޓަކައި މި ސަރުކާރުން ކުރަމުން މިގެންދާ ކަންތައްތައް ހުއްޓުވުމަށްޓަކައި ކުރެވޭ މުހިންމު މަސައްކަތްތަކުގެ ވަރަށް މުހިންމު ހިނގާލުމަކަށް،" ޝިޔާމް ވިދާޅުވި އެވެ.

މިނިވަންކަމުގެ ދިފާއުގައި ޕީޕީއެމް އިން ހިނގާލުމެއް ބާއްވާއިރު ރާއްޖޭގެ މިނިވަންކަމަށް އިންޑިއާ އަރައިގަންނަމުން ދާކަމަށް ބުނެ ޕީޕީއެމް އިން އަންނަނީ ފަހަކަށް އައިސް ވަރަށް ފާޅުގައި އިންޑިއާއަށް ފާޑުކިޔަމުންނެވެ. ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލައި ޕީޕީއެމް އިން ގެންދަނީ ޕެޓިޝަނެއްގައި ވެސް ސޮއި ކުރުވަމުންނެވެ.

މިނިވަންކަމުގެ ދިފާއުގެ ކެމްޕޭނަކީ ޕީޕީއެމް އިން މިދިޔަ ސެޕްޓެމްބަރ މަހު އިއުލާން ކުރި ކެމްޕޭނެކެވެ. އެކެމްޕޭން އިއުލާން ކުރުމުގެ ގޮތުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެފައި ވަނީ ފެއްސާއި ރަތާއި ހުދު ރަމްޒުވާ ގޮތަށް ފަށާ މި ކެމްޕެއިނަކީ، މި ސަރުކާރުން "ގައުމުގެ މިނިވަންކަން ނަގާލަން ކުރަމުންދާ މަސައްކަތާ ދެކޮޅު" ހަރަކާތެއް ކަމަށެވެ. އަދި ވަކި ސިޔާސީ ޕާޓީއަކަށް ނުވަތަ ކުލައަކަށް ނިސްބަތް ނުވެ، ހުރިހާ ދިވެހިންނަށް އެ ކެމްޕެއިނުގައި ބައިވެރިވެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހުރިހާ ބޭފުޅުން ތައްޔާރުވާންވީ މިނިވަންކަމުގެ ދިފާއުގައި ނިކުންނަން. މި މަސައްކަތުގައި އުޅެނިކޮށް އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް އަނިޔާ ވެސް ވެދާނެ. އަޅުގަނޑުމެން ޖަލަށް ވެސް ލައިފާނެ. އަޅުގަނޑުމެންގެ މުދާތަށް ވެސް ފޭރިގެންފާނެ،" އަދުރޭ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ސައީދު

    ފުލުހުންގެ ފުލެޓުތައް ނިންމަން ބަޔަކާ ހަވާލު ނުކޮށް ތިޔަ ލަސްކުރަނީ ކީއްވެތޯ އަހާލަދީ ބަލާ.

  2. ހހ

    އެއީ ސިޔާސީ ހަަރަކާތެއް ނޫނޭ ކިތައްފަހަރު ތަބުނަންވީ

  3. އަހްމަދު

    މިނިވަންކަމުގެ ދިފާޢުގައި ނިކުންނަނީ ދިވެހިރައްޔިތުން! އިންތިޒާމް ކުރަނީ އެމްޑީފީއަށް ނިސްބައްވާ މީހުންނާއި ރިޓެޔާޑް އާރމީ އޮފިސާރސް. ޕީޕީއެމްއިން ވެސް ބައިވަރުވާނެ! ދިވެހިޤައުމުގެ ޙައްގުގައި ކުރަންޖެހޭ ހުރިޖާކަމެއް ޕީޕީއެމްއިން ކުރާނެ!

  4. އަލީ

    މިހިނގާލުމުގައި ވީހާގިނަ ރައްޔިތުން ބައިވެރިވެ ދެއްވުމަށް ނުހަނު އާދޭހާއެކު ދަންނަވަން. ވަގުތު ފާއިތުވެދިޔަ ނުދެއްވާ.

  5. ކޮރަޕްޓް

    މިނިވަން ކަމުގެ ދިފާއަކުނޫން ތިނުކުންނަނީއެއް... ޔާމީންގެ ދިފާއުގައި ތިނިކުންނަނީ...

  6. ޓިނު ދޮންބޭ

    ދުނިޔޭގެ އެދުމާއިގެން!

  7. އަސްލުހާލަތު

    ކާކުގެ މިނިވަންކަން ގެއްލިގެން؟؟ ޔާމީނު ކިޔާ މީހެއްގެ ދޯ؟ އޯކޭ އޯކޭ.. އެއީ ކޯޓު ހުކުމެއްގެ ދަށުން ބަންދުކޮށްފައިހުރި ގައިދީއެއް.. އޭނާ މިނިވަންވާނެ ސުޕުރީމުކޯޓުގަ އެ ދާ ޝަރީއަތުން ކުށް ސާބިތު ނުވާކަމަށް ކަނޑަ އަޅައިފިއްޔާ.. ޤައުމު މިނިވަންކުރާށޭ އިންޑިޔާ އައުޓޭ ކިޔާ ތިޔަ ނިކުން ނަނީ މީހުންގެ ސިންޕަތީ ހޯދައި ގޭސް އަނބުރަން އެހެން ކިޔާފަ ނިކުމެފަ ވެސް ގޮވާނި ޔާމީނު މިނިވަންކުރޭ ޔާމީނު މިނިވަންކުރޭ!! ވަރަށް ސާފުތާ ތިޔަ ގެއްލިގެން އުޅޭ މިނިވަންކަން!!

  8. މޮހައްއްމާ

    ހެޔޮނުވާނެ ޔާމީން މިނިވަނކުރަން މަގުމަތީ އަބަދުތިބޭ. ތިޔަ ޕާޓީ އުފެދިފައިވަނީ ވަކިބަޔެއްގެ ހައްގު ހޯދަން އަަޑުއުފުލަން.