ރާއްޖެއަށް މަސްތުވާތަކެތީ އެތެރެކުރުން ހުއްޓުވަން ސަރުކާރުން މިހާރު ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަ ކުރަން ޖެހޭ ކަމަށް ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް މިރޭ ވިދާޅުވެއްޖެއެވެ.

ހުޅުމާލެ ވިޔަފާރި ބަނދަރުގައި ބޭއްވި ހާއްސަ ޖަލްސާއެއްގަައި ޝަރީފް ވިދާޅުވީ ފާއިތުވި ހަފްތާއެއްހާ ދުވަސް ތެރޭގައި ރާއްޖެއަށް އެތެރެކުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފައިވާ މި ދަނޑިވަޅުގައި، މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށްޓަކައި ތަފާތު ގޮތް ގޮތަށް މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ.

ދުނިޔޭގެ އެހެނިހެން ކަންކޮޅުތަކުގައި އެފަދަ ކަންތައްތައް ހިނގަމުންދާ ގޮތް ބަލައި ރާއްޖޭގެ ބަނދަރުތަކުގައި އެންމެ ފަަހުގެ ވަސީލަތްތައް ބޭނުންކުރަން ޖެހޭ ކަމަށް، ހުޅުމާލޭގައި އަަލަތް އިމާރާތް ކުރި މުދާ ބަނދަރުގެ ސެކިއުރިޓީ އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވިއެވެ.

"ޕޯޓްތަކުގައި އެންމެ ފަހުގެ ވަސީލަތްތައް ގާއިމްކޮށް ޓެކްނޮލޮޖީގެ ބޭނުންކޮށްގެން މިކަންތައްތައް ދެނެގަނެވޭނެ ވަސީލަތްތައް ގާއިމްކުރަން ޖެހޭ" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވި ރާއްޖޭގެ ހުރިހާ ބޯޑަރުތަކެއްގެ ގޭޓް ބެލެހެއްޓެމުގެ ޒިންމާ ގާނޫނުން މަތިކޮށްފައިވަނީ ކަސްޓަމްސްއަށް ކަމަށްވާއިރު އަލަށް ހުޅުވުނު ސެކިއުރިޓީ އިމާރާތަކީ ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ.

ނަމަވެސް އިތުރަށް ހަރުދަނާކުރަން ކުރަން ޖެހޭ މަސައްކަތްތަކެއް ހުރި ކަމަށް އޭނާ ވިދާޅުވިއެވެ. އެކަންތައްތައް ވިހާވެސް އަވަހަސް ފުރިހަމަކޮށް ދެއްވުމަށް އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީގެ ފަރާތުން ޝަރީފް އެދިވަޑައިގެންނެވިއެވެ.

މަސްތުވާތަކެއްޗާ އެތެރެކުރުން ހުއްޓުވަން ކުރާ މަސައްކަތް ވަރުގަދަކުރަން ޖެހޭ ކަމަށް ޝަރިފް ވިދާޅުވެފައިވާއިރު މަސްތުވާތަކެތީގެ ވަބާ މުޅި ރާއްޖޭގައި ވަނީ ފެތުރިފައެވެ. އަދި އެ ތަކެތި އެތެރެކުރެވޭ މިންވަރުވެސް ދަނީ ދުވަހެއް އިތުރުވަމުންނެވެ. އެކަމަށް ހައްލެއް ގެނައުމަށްޓަކައި އެކި ސަރުކާރުންތަކުން މަސައްކަތްތަކެއް ކުރިއަސް މާބޮޑު ކުރިއެރުމެއް ނުލިބެއެވެ.

ރާއްޖޭގައި މަސްތުވާތަކެތީގެ ހާލާތު ގޮސްފައި އޮތް ހިސާބަށް ބަލާއިރު "މަގުމަތިން" ވެސް މިހާރު މަސްތުވާތަކެތި ލިބެއެވެ. އެކަން ހުއްޓުވަން ފުލުހުންވެސް ދޭތެރެ ދޭތެރެއިން، ބޮޑެތި އޮޕަރޭޝަންތައް ހިންގައެވެ. މި ފަހުން މާލޭގައި، ކެފޭ އުސޫލުން މަސްތުވާތެކެތީގެ ހިދުމަތްދެމުންދާ ގިނަ ތަންތަނެއް ބަންދުކޮށް ފުލުހުން ދަނީ 24 ގަޑިއިރު ފޯރިވެސް މަރަމުންނެވެ.

އެކަމަކު ހައްޔަރުކުރާ މީހުން ކޯޓުން ދޫވުންވެސް ވަނީ އާއްމު ކަމަކަށް ވެފައެވެ. މަސްތުގެ ވަބާގައި ޖެހިފައިވާ މީހުންނަށް އެންމެ އެކަށީގެންވާ ފަރުވާ ނުދެވޭ ކަމަށް ބުނެ އެންޑީއޭއަށްވެސް ފާޑުކިޔުންތައް ވަނީ އިންތިހާއަށް އަމާޒުވެފައެވެ. މަސްތުގެ ވަބާގައި ޖެހިފައިވާ މީހުން އަނބުރާ މުޖުތަމައުއަށް ގެނައުމަށް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް ސަރުކާރުން ދަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަލީ

    މި މިމީހުން ބޭނުން ވެގެން ކުރާކަމެއް

  2. އަބުދުﷲ

    ކަސްޓަމް މީހުންނަކައް ނުހުއްޓުވޭނެ.!!!!!ތިޔައިގެ ޒިއްމާ އާ ކާރިނުވެ ވަޒީފާ ވަކިވަންދެން ހުރެލާފަ ގެޔަެްވަޑައިގަންވާ. !!!!
    .......ޑުރަގު ވިޔަފާރިއަށް ކުޑަވެސް ބަދަލެއް ގެންނާކަށް ސިޔާސީ ފަރާތްތަކުން ބޭނުމެއް ނުވާނެ.

  3. ރަން ރީނދޫ

    ނަޝީދު ރާއްޖެއިން ބޭރުގައި އުޅެފައި އަންނަ ކޮންމެފަރަކު ރަށު ތެރެއިން ދެ ތިން ސަތޭކަ ކިލޯ ޑްރަގް އެބަ ފެނޭ. ފަޅަށް ލައްޓި އައިނު ވަންނަނީޔޯ އެސޮރު ކިޔަނީ.

  4. ހަދީދު

    ޑުރަގު ހުއްޓުވޭނީ ޑުރަގު އިސްތިހާރުކުރުން ހުއްޓުވިގެން. އެއީ ޑުރަގާއި ރާ ބޯ މަންޒަރުތައް ޓީވީތަކުންނާއި ޑުރާމާތަކުން ހުއްޓުވައިގެން ކުޑަކުދީންނައް ދެއްކުން ހުއްޓުވިގެން. އަދި ޖިނާއީ ކުށްކުރާ މަންޒަރުތައް ކުޑަކުދީންނަށާއި ޒުވާނުންނައް ފެންނަމިންވަރު މަދު ކުރެވިގެން.