މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ އޮފީސް އިމާރާތެއް އަޅަން ހުޅުމާލެއިން ބިމެއް ދޫކުރަން ނިންމާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ރޭ ވިދާޅުވެއްޖެއެވެ.

ސުހައިލް އެގޮތަށް ވިދާޅުވީ ހުޅުމާލެ ޕޯޓުގައި އާ ސެކިއުރިޓީ އިމާރާތެއް ހުޅުވަން ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ބިން ހަމަޖައްސަން ނިންމާފައި ވަނީ ސީދާ ކޮން ދިމާލަކުން ކަމެއް ސުހައިލް ވިދާޅެއް ނުވެއެވެ.

އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ މިހާރު ހުރި އޮފީސް އިމާރާތުގައި ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ދިމާވެފައިވާ ކަމަށެވެ.

އެމްޕީއެލް އިން ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތު. - ވަގުތު އިމޭޖްސް: އަހުމަދު އަޝްހާދު އަބްދުﷲ

"އޮފީސް އިމާރާތުގައި މުވައްޒަފުން މި ތިބެނީ އެއް މޭޒު އަނެއް މޭޒާ ޖެހިފައި. މަސައްކަތް ކުރުމުގެ މާހައުލު ވަރަށް ދަތި" ހުޅުމާލޭގައި މަސައްކަތްކުރާ މުވައްޒަފުންގެ ޝަކުވާތައް ހިއްސާކުރައްވަމުން ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ މުވައްޒަފުންނަށް ފައިދާވާނެ ގޮތަށް އެމްޕީއެލްގެ އޮނިގަނޑު ބަދަލުކުރުމުގެ މަަސައްކަތް މިހާރުވެސް ފަށާފައިވާ ކަމަށެވެ. އޮނިގަނޑު ބަދަލުކުރުމުގެ އެންމެ ބޮޑު އަމާޒަކީ މުވައްޒަފުންނަށް ލުއި ފަސޭހަތަކެއް ހޯދައި ދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.

ޝާހިދު އަލީ ރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ. - ވަގުތު އިމޭޖްސް: އަހުމަދު އަޝްހާދު އަބްދުﷲ

"ބޭނުމަކީ ހުރިހާ މުވައްޒަފުންނަށް ރަނގަޅަށް ހަމަހަމަކަމާއެކު ހައްގުތަށް ފޯރުކޮށް ދެވޭނެ ގޮތަކަށް އެމްޕީއެލްގެ މަސައްކަތްތަށް ކުރިއަށް ގެންދިޔުން" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވި ގޮތުގައި، މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުތައް ދިނުމުގެ މަސައްކަތްތައް މިހާރުވެސް ކުރިއަށް އެބަދެއެވެ. އެ ދާއިރާއަށް މީހުން ބިނާކުރުމަށް އެމްޕީއެލުން ދަނީ މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ވަކިން ހާއްސަކޮށް ސަރުކާރުން ވަނީ، ރާއްޖޭގައި މީހުން މަދު ދާއިރާތައް ދެނެގަނެ އެ ދާއިރާތަކުން ކިޔަވަން ފުރުސަތުތައް ފަހިކޮށް ދެމުންނެވެ.

ހުޅުމާލޭގައި އާބާދީ އިތުރުވެގެން ގޮސް ވިޔަފާރީއާ އިގްތިސާދުތައް އިތުރުވަމުން އަންނަ ވަރަކަށް ބަނދަރަށް އަންނަ ކޮންޓެއިނަރުގެ އަދަދުވެސް އިތުރުވަމުން އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށް ޝާހިދު ވިދާޅުވިއެވެ.

"މަސައްކަތް އެބަކުރަން ބައެއް ކުޑަ ބޯޓުތައް ސީދާ ހުޅުމާލެއަށް ޑިސްޗާޖްކޮށް ހުޅުމާލެއިން އެ މުދާތައް ޑިސްޓްރިބިއުޓް ކުރެވޭނެ ގޮތެއް ހަމަޖައްސަން" ޝާހިދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެކަމުގެ ނަތިއްޖާއަކަށްވެގެން ދާނީ މުޅި އިގްތިސާދަށް އެތެރެކުރެވޭ މުދާ ޑިސްޓްރިބިއުޓް ކުރެވޭ މިންވަރު ކުޑަވެގެން ދިޔުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    ބިންތައް އެންބަސީތަކަށާ ކުންފުނިތަކަށް ބެހުމުން ސަރުކާރަކަށް ގެއްލުމެއްނުވޭ.
    ހިޔާ ފްލެޓުގެ ކުލިން 2 ހާސް އުނިކުރުމުން މަދުވާ 14ހާސް ރުފިޔާއިންވާ ގެއްލުމުން ސަރުކާރު ނުހިންގި ރައްޔިތުންގެ އަސާސީ ޚިދްމަތްތައްހުއްޓޭނެތީ އެކުލި ކުޑަކުރެވޭކަށް ނެތް.

    5
    1
  2. Anonymous

    އެޗްޑީސީ އުވާލަން ގޮވާލަން

  3. ކޮރަލް

    އެމްޕީއެލް އަށް އަދިވެސް ބޭނުންވަނީ ކޮންޓެއިނަރ ބަހައްޓަން ހުސްޖާގަ އެވެ.

    3
    1
  4. Happy

    ޢޗޑސ ކޮބާހޭ ވެމްކޯ ގެ ދާއިމީ ބިން! މީޙާރު ވަގުތީ ބިމެއްގަ އެތިބެނީ!