ސަރުކާރުގެ އަމާޒަކީ އެމީހަކު ހުރި ރަށަކުން މަސްތުވާތަކެއްޗަށް ފަރުވާ ކުރެވޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެއެވެ.

ހދ. ކުޅުދުއްފުށީގައި ބޭއްވި ޒުވާނުންގެ ދުވަހުގެ ގައުމީ ޖަލްސާގައި ރައީސް ސޯލިހް ވިދާޅުވީ ޒުވާނުންގެ ދާއިރާ އަށް ބަލާ އިރު އެންމެ ދުވަސްވީ މައްސަލައަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ޒުވާނުން، އެކަމުން ސަލާމަތްކޮށް އަލުން އަނބުރާ މުޖުތަމައު އަށް ގެނައުމުގެ މައްސަލަ ކަމަށެވެ.

މިރޭގެ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: ރައީސް އޮފީސް

"ސަރުކާރުގެ އަމާޒަކީ އެމީހަކު ހުރި ރަށަކުން މަސްތުވާތަކެއްޗަށް ފަރުވާ ކުރެވޭނެ އިންތިޒާމު ހަމަޖެއްސުން. އެކަމަށްޓަކައި މުޖުތަމައުގައި ތިބެގެން، ފަރުވާ ހޯދޭނެ ވަށާޖެހޭ ޕްރޮގްރާމުތަކެއް ވަރަށް އަވަހަށް ފެށުމަށް މިއަންނަނީ މަސައްކަތް ކުރަމުން،" ރައީސް ވިދާޅުވިއެވެ.

ސަރުކާރުން މިހާރު ޑްރާފްޓުކޮށްފައިވާ "ޒުވާނުން ބިނާކުރުމާއި ހުނަރުވެރިކުރުމުގެ ބިލު"ގެ އެންމެ މުހިންމު މަގުސަދަކީ އިސްލާމް ދީނަށް ލޯބިކުރާ ދީނުގެ އަސާސްތަކަށް ހުރުމަތްތެރިކޮށް ހިތާ، އަދި ދިވެހި ގައުމިއްޔަތުގެ ސިފަތައް ލިބިގެންވާ ޒުވާނުންތަކެއް ބިނާކުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މި ބިލުގެ އަނެއް އަމާޒަކީ ރައީސް ވިދާޅުވި ގޮތުގައި ނަރުވެރި ޒުވާން ރައްޔިތުންތަކެއް ބިނާ ކުރުމެވެ. ޒުވާނުންގެ އުންމީދުތައް ހަގީގަތަކަށް ހެދުމަށް މަގު ދައްކައިދީ، ކުރިމަގުގެ ފުރުސަތުތަކަށް މަގުފަހުކޮށްދިނުމަކީ ވެސް މި ބިލުގެ ވަރަށް މުހިންމު މަގުސަދެއް ކަމަށް ރައީސް ވިދާޅުވިއެވެ.

މިރޭގެ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ. --- ފޮޓޯ: ރައީސް އޮފީސް

"މި ބިލުގެ ސަބަބުން ގައުމު ކުރިއަރުވައި، ރާއްޖެ އަށް ޝަރަފާއި ފަހުރު ހޯދައި ދިނުމުގައި މިހާރަށް ވުރެ ބޮޑަށް ޒުވާނުންގެ ބައިވެރިވުން ލިބޭނެ ކަމަށް ގަބޫލު ކުރަން،" ރައީސް ވިދާޅުވިއެވެ.

މި އަހަރުގެ ޒުވާނުންގެ ދުވަސް މިއައީ ޒުވާނުންގެ ކަންކަމާ މެދުގައި ވަރަށް ބޮޑަށް ވިސްނަން ޖެހިފައިވާ ދުވަސްވަރެއްގައި ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ޒުވާނުންނަށް ކިޔަވައި ދިނުމާއި މަސައްކަތުގެ ތަމްރީން ހޯދުމާއި ވަޒީފާގެ ފުރުސަތުތައް އިތުރު ކުރުމާއި ގައުމީ ތަރައްގީގައި ޒުވާނުންގެ ބައިވެރިވުން އިތުރު ކުރުމަށް ވަރަށް ބޮޑަށް ވިސްނަން ޖެހިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮވިޑް-19 ގެ ސަބަބުން ލިބުނު އިގްތިސާދީ ގެއްލުންތަކުން އަރައިގަތުމުގެ އަމާޒެއް ރާއްޖޭގައި ހުރި އިރު ވަކިވަކި ފަރުދުންނާއި އާއިލާތަކާއި ޖަމިއްޔާތަކުން އަމާޒު ހިފާފައި ހުރީ މި މިސްރާބަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މި ދުވަސްވަރު ޒުވާނުންނާ މެދުގައި ހާއްސަ ގޮތެއްގައި ވިސްނަން ޖެހެނީ މި ސަބަބަށްޓަކައި" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި އަޅުގަނޑުމެންގެ ތެރޭގައި ދެއަތް އުރާލައިގެން ތިބޭ ވަރަށް ގިނަ ޒުވާނުން އެބަތިބިއެވެ. ރާއްޖޭގެ މަސައްކަތުގެ މާހައުލުގައި ވަރަށް ގިނަ ބިދޭސީން ހަރަކާތްތެރިވާ އިރު، ރައީސް ވިދާޅުވި ގޮތުގައި މިއިން އެނގެނީ މަސައްކަތެއް ނުކޮށް ޒުވާނުން ތިއްބަސް މަސައްކަތުގެ ބާޒާރުގައި ތަފާތު ފުރުސަތުތައް އެބަހުރި ކަމެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

 1. Anonymous

  ގައުމެއް ނެތް، ގައުމުގެ ދުވަސް ދުއްވާލައިފި. ދެން ކޮން ހޮޅިބޮޅި ވާހަކައެއް ތި ދައްކަނީ.

 2. ހުސޭނުބޭ

  ކޮންމެ ރަށެއްގައި ރާގޮނޑި އައިނެއް ތިލަވާހެން ބިތްޖެހިފައި ތިބޭ ޕާޓޭން ބަރިބަރިއަށް ތިބެން ފެށީމާ ތިކަން ކޮންމެ ރަށެއްގައި ކުރަން ވަރަށް ފަސޭހަވާނެ! ލޮލް

 3. އަލިބެއްޔާ

  މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ކޮންމެ ރަށެއްގައި މަސްތުވާތަކެތި ލީބޭނެ ގޮތް ހަދާނަން.. އަދި ލީގަލީ އެއީ ފަރުވާ ކަމުގައި ކަނޑަ އަޅާނަން..

 4. ދެބޯ

  އަމާޒް ކިޔަ ކިޔާފަ އަމަލީ މަސެއްކަތެއް ނުކޮއް ރައްޓެހިންނަށާ ތިމާއައް އަދި އާއިލާއައް ބައެތުލްމާލް ބަހާފަ ވެރިކަމުންވެއްޓުނީމަ ތިބޭނެ ހަރުގަ. އެހެން ބަޔަކު ކަންކުރީމަ ބުނާނެ އެއީ އަޅުގނޑުމެންގެ އަމާޒެކޭ. ތިމީހުންގެ އަމާޒު ނޫންކަމެއް ނުކުރެވޭނެ. ކޮއްދޭން ނޭންގޭނީ.

 5. އުގުރި

  ކޮންމެ ރަށެއްގައި ވިޔަސް. ކޮންމެ ތަނެއްގައި ވިޔަސް. ތިޔަ ދޭއެއްޗެއް ދީގެނެއް ރަގަޅެއް ނުކުރެވޭނެ.
  ތިޔައީ އަދި ތިކަން ވާއްވީ ގޮތެއްނޫނެވެ.

 6. ދިގުރާސްތާ

  މީމިގައުމުގަ އެދިގުރާސްތާ 30 އަހަރު އިންދި އޮށުގެ މޭވާ މިހާރު މުޅިގައުމައް ފެތުރި އުތުރި އަރަނީ އެހެންވީމަ ޖެހޭނެ ތިކަންކުރަން އޭރުންބޭރުގެ އެހީލިބޭނެ ބައިބަހައިގެން ރައްރށައް ގެންދެވޭނެ

 7. ނަގުލު ފިއްތި

  މަ ހީކުރީ ކޮންމެ ރަށަކަށް ވީހާވެސް ފަސޭހައިން ތިއެއްޗެހި އެތެރެކުރެވޭނެ ގޮތް ހެދުމަކީވެސް އަމާޒެއް ކަމަށް

 8. ރާއްޖެތެރޭ މީހާ

  ކޮންމެ ރަށެއްގަ މަސްތުވާ ތަކެތި ފަސޭހައިން ގަންނަން ލިބޭނެ ޝޮޕިން މޯލެއް އަޅުވާ ދެއްވާ!
  ޝުކުރިއޔާ ހިންނަވަރު ކޮސްބެ.

 9. ސލ

  މަސްތުވާ ތަކެތީގަ ތާށިވާ މީހުންނަށް ފަރުވާ ކުރެވޭނެ
  ގޮތްތަ އް ރަ އްތަކުގަ އި ގާ އިމްކުރުމަށްވުރެ އެތަކެތި
  ރަ އްޔިތުންނަށް ލިބެންހުރި ދޮރު އަށިތަ އްބަންދުކުރަން
  ކުރާ މަސަ އްކަތް ހަރުދަނާކުރަން ޖެހެ އެވެ.

 10. ޚެބުު

  ހަމަ ކޮންމެ ރަށެއްގައި ރަޢީސަކު ބެހެއްޓުމަކީވެސް އަމާޒެއް

 11. އިސްޢާފް ސަލީމް

  ވެރިކަމަށް ތިން އަހަރުވީއިރު މިގޮތަށް ބުނި 100 ވަނަ އަމާޒް!

 12. އަލީ

  ވެރިކަމަށް އަންނަން ވީ ލިސްޓު އަދި ނުފުއްދޭ. ގަދަ ކަލޭ އިނގޭ.

 13. މުހައްމަދު

  ފަރުވާ ކުރަންވީމަ އޯކޭ.. އެކަމް ފަރުވާ ކުރަން ޖެހޭ ސަބަބު މަސްތުވާތަކެތި ބޭނުން ކުރިކަމައް ސާބިތު ނުވޭ..

 14. ޢަހު

  މިހާރު ތިބަނީ 2023 ގެ ވައުދު އަވަހަށް ހުއްޓާލާ ކޮބާ އުފަންވާ ކޮންމެ ކުއްޖެއްގެ ގިފްޓް ޕެކް

 15. Anonymous

  ރަނގަޅު މަސްތުވާ ތަކެތި މީހުންގެ އަތްފޯރާ ފަށައް ތިރިކުރަންވެސް ގޮވާލަން.

 16. ސައްދު

  މިކަހަލަ ތާކުންތާކު ނުޖެހޭ ވާހަކަ ދައްކަދައްކާ އޮއްވާގޮސް ދައުރު މިނިމެނީ.

 17. ކޮވިޑް

  ޒޯރޯޓޮލަރެންސް ވެސް އަމާޒެއް، މަސްވެރިންގެ ޖީބްތައްފުރާލުން ވެސް އަމާޒެއް، ކޮބާ ވީކަމަކީ؟ އަދިވެސް އަމާޒު ހިފަނީ ބާކީ ދެ އަހަރު އޮތްކަމެއް ޔަޤީނެއް ނޫން ، އަދިވެސް ތިމަލަނީ ކަން ނުކޮށް ރައްޔަތުން ގުންބޯ ހެއްދޭތޯ.

 18. ހުދުހުދު

  ކޮންމެރަށަކުން އެ ވަބާ ނައްތާލުން އަމަޒެއްނުވި ތޯ؟