ބޮޑު މައްސަލަގަނޑެއްގެ ތެރޭގައި އޮތް ކ. މަހާނައެޅި ހުރާގައި ހިންގާ ރިހިވެލި ބީޗް ރިސޯޓްއާ ގުޅޭ ގޮތުން ހައި ކޯޓަށް ހުށަހެޅިފައިވާ މައްސަލަ ކުރިއަށް ނުދާތީވެ ސޭވް ދަ ޑްރީމްސްގެ ފަރާތުން ވަކާލާތު ކުރާ ލޯފާމުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ސޭވް ދަ ޑްރީމް އަކީ އެ ރިސޯޓު ހިންގަން ހަވާލުކޮށްފައިވާ ފްރާންސްގެ ކުންފުންޏެވެ. ސިވިލް ކޯޓުގައި މައްސަލަ ކުރިއަށް ދިޔައީ އެ ކުންފުންޏާއި އެ ރިސޯޓްގެ ވެރިފަރާތް ކަމުގައިވާ މާހަލް ޓުއާސްއާ ދެމެދުގައެވެ.

ސަބްލީސް އެއްބަސްވުމެއްގެ ދަށުން ރިސޯޓް ހިންގަމުން ދަނިކޮށް، އެއްބަސްވުން އުވާލަން ނިންމާފައި މާހަލްއިން ވަނީ ސޭވް ދަ ޑްރީމްސްއަށް ނޯޓިސް ވެސް ފޮނުވައިފައެވެ. އެކަމަކު އެ ރިސޯޓުގައި އަދިވެސް ސޭވް ދަ ޑްރީމްސްގެ މުވައްޒަފުން ތިބިއިރު، މާހަލްގެ ބަޔަކު ރިސޯޓާ ހަވާލުވާން ރިސޯޓަށް ވެސް އަރާފައިވެއެވެ.

މި މައްސާލަގައި ގާޒީ އަލީ ނަސީރު ކުރެއްވި ހުކުމުގައި ވަނީ މާހަލް އިން އެއްބަސްވުން ބާތިލް ކުރުމަށް ފޮނުވާފައިވާ ނޯޓިސްއަކީ ސައްހަ ނޯޓިހެއް ކަމަށެވެ. އެހެންވެގެން، މާހަލްގެ ނުރުހުމުގައި ސޭވް ދަ ޑްރީމް ކުންފުނިން އެތަނުގައި ތިބެ, މަންފާ ހޯދުމަކީ އޮތް ހައްގެއް ނޫން ކަމަށް ހުކުމްގައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލު ނާޒިމް ސައްތާރުގެ ލޯފަމުން އެދުނީ ސިވިލް ކޯޓުން ނިންމުން ބާތިލް ކޮށްދިނުމަށާއި، ރިސޯޓުގެ މައްސަލަ ނުނިމެނީސް އެތަން އެހެން ބަޔަކަށް ހަވާލުނުކުރެމުގެ އަމުރަކަށެވެ.

ޖޭއެސްސީގެ ރައީސް ހިސާން ހުސައިންއަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ މި މަހުގެ 17 ވަނަ ދުވަހު ވީހާވެސް އަވަހަށް އެ މައްސަލައިގެ އަޑުއެހުން އެ ހަފްތާގައި ބާއްވައި ދިނުމަށް އެދިވަޑައިގެންފައިވާ ކަމަށެވެ. ނަމަވެސް ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރާއި ވަގުތީ އަމުރަށް ގޮތެއް ނިންމަވާ ދެއްވުމަށް އެދިފައިވާނެ ކަމަށެވެ.

ނަމަވެސް މިހާތަނަށް އެ ސިޓީއަށް ޖަވާބެއް ދެއްވާފައިނުވާ ކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި އަންނަ މަހުގެ 15 ގައި ރިހިވެލި ރިސޯޓު އަލުން ހުޅުވުމަށް އިސްތިއުނާފު ރައްދުވާ ފަރާތު ގެ ރުހުމާއެކު، އިއުލާނު ކޮށްފައިވާއިރު، އޭގެ ކުރިން
އެ މައްސަލައިގެ ވަގުތީ ކަންކަމަށް ފަރުވާއެއް ލިބެން ޖެހޭކަމުގައި ތަކުރާރުކޮށް އެދެމުންދާއިރު ވެސް، އިޖާބައެއް ލިބިފައިވާ ނުވާ ކަމަށެވެ. އެހެންވެ އެއީ މައްސަަލަ ބަލާ ގާޒީ އަލީ ނަަސީރުގެ ފަނޑިޔާރުންގެ ސުލޫކީ މައްސަލައެއް ކަމުގައި ބައްލަވައި، މައްސަލަ ބައްލަވައި ދިނުމަށްވެސް އޭނާ ވަނީ އެދިފައެވެ.

މީގެ ކުރިން ޖޭއެސްސީއަށް ފޮނުއްވެވި ސިޓީއެއްގައި ނާޒިމް ވިދާޅުވީ ކުރަން އޮތް ހުކުމް ދައުވާ ލިބޭ ފަރާތަށް މާ ކުރިން ވެސް އެނގޭ ކަމަށާއި އެހެންވެގެން އެ ކަމަކީ އަލީ ނަސީރުގެ އިހުމާލުން ވެފައިވާ ކަމަށެވެ.