ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގައި ކޮވިޑް-19 ފެތުރޭތީ އެ ތަން ފުރަބަންދުކޮށްފިއެވެ.

ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުން ހިންގާ މަރުކަޒުގައި މުވައްޒަފުންނާއި ބަލި މީހުން ހިމެނޭ ގޮތަށް 101 މީހަކު ކޮވިޑަށް ވަނީ ފައްސިވެފައެވެ. އެ ތަނަކީ އުމުރުން ދުވަސްވީ ގިނަ ބަޔަކު ދިރިއުޅެމުން އަންނަ ތަނެކެވެ. ކޮވިޑްގެ ނުރައްކާ އޮތް މީހުންގެ ތެރޭގައި ދުވަސްވީ މީހުން ހިމެނެއެވެ.

ޖެންޑަ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ކޮންމެ ދުވަހަކު ވެސް އެ ތަނުން ކޮވިޑްގެ ވޭދަނަތައް ފެންނަމުން ދާތީ، އިއްޔެ ހަވީރު ހަޔަކުން ފެށިގެން މަރުކަޒު ފުރަބަންދުކޮށް އެ ތަނަށް މީހުން ވަދެނުކުމެ އުޅުން ކޮންޓްރޯލްކޮށްފައިވާ ކަމަށެވެ.

ގުރައިދޫ މަރުކަޒުން ކޮވިޑަށް ފައްސިވެފައިވާ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ސިއްހީ ހިދުމަތްތެރިންގެ ޓީމެއް އަންނަނީ ހަރަކާތްތެރިވަމުންނެވެ. އަދި މަރުކަޒުގައި ތިބޭ އެންމެން މިހާރު ވަނީ ކޮވިޑަށް ޓެސްޓްކޮށްފައެވެ.

އަދި ގަވާއިދުން ސިއްހީ ހާލަތު މޮނިޓާކޮށް، އިތުރު ފަރުވާދޭން ޖެހޭ މީހުންނަށް ވެސް ފަރުވާދެމުން އަންނަ ކަމަށް ޖެންޑާ އިން ބުނެއެވެ. މީގެ ތެރެއިން ކޮވިޑް ޖެހިފައިވާ ބަލި މީހުން ކޮވިޑް ފެސިލިޓީ އަށް ބަދަލުކޮށް އެ ނޫން މީހުން މަރުކަޒުގައި އައިސޮލޭޓްކޮށްފައިވާ ކަމަށް ބަޔާނުގައިވެއެވެ.

މިނިސްޓްރީންް ބުނި ގޮތުގައި ކޮވިޑަށް ފައްސިވާ މީހުންގެ އަދަދުތައް އިތުރުވުމާ ގުޅިގެން ރަށުގެ ސިއްހީ މަރުކަޒާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ބޭނުންވާ އިތުރު ސިއްހީ ހިދުމަތްތެރިން ގުރައިދު އަށް ފޮނުވުމުގެ އިންތިޒާމުތައް ވަނީ ހަމަޖައްސައިފައެވެ. އަދި މަރުކަޒުގައި ތިބި ބަލި މީހުންނަށް ދޭން ޖެހޭ ސޯޝަލް ސަޕޯޓް ދިނުމަށް ދެ ސޯޝަލް ވޯކަރުން ލޮކްޑަައުންގެ މުއްދަތުގައި ހަރަކާތްތެރިވާނެ ކަމަށް ބަޔާނުގައިވެއެވެ.

ކޮވިޑް ފެސިލިޓީގައި ތިބި ބަލި މީހުންނަށް ޖެންޑާ މިނިސްޓްރީގެ މުވައްޒަފުން ވެސް ކޮންމެ ދުވަަހަކު އެއް ފަހަރު ޒިޔާރާތް ކުރާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙަދިސައިބު

    ޢުމުރުން ދުވަސްވީ މީހުން މަރުވީމާ ސަރުކާރަށް ވާނީފައިދާ 5000ރ ދޭކަށްނުޖެހޭނެ، ތިޔަތަނުގެ ގިނަބަޔަކު މަރުވީމާ ޖެންޑަރ މިނިސްޓްރީއަށް ފަސޭހަވާނެ މަދުބަޔަކު ބަލައި މަދުބަޔަކަށް ޚަރަދު ކުރަންޖެހޭނީ ނޫނީ އެމީހެއްގެ ރަށް އެމީހަކު ފޮނުވާލައި ތިތަން ބަންދުކުރާނީ،

    1
    1