ށ. ފުނަދޫއިން ކޮވިޑް-19ގެ ފަސް ވޭދަނަ ފެނި، އެ ވޭދަނަތަކާއި ގުޅިގެން އެރަށު ސްކޫލްގެ އެއް ކުލާހެއްގައި ކިޔަވަމުންދާ ދަރިވަރުންތަކެއް ކަރަންޓީނު ކޮށްފިއެވެ.

ފުނަދޫ ކައުންސިލްގެ ރައީސް އަހްމަދު އިބްރާހިމް "ވަގުތު" އަށް ވިދާޅުވީ މިހާރު އެރަށުގައި ބަލި ޖެހިފައިވާ މީހުންގެ އަދަދު ފަހަކަށް އަރާފައިވާ ކަމަށެވެ.

އަހްމަދު އިބްރާހިމް ވިދާޅުވީ، ފުރަތަމަ އެރަށުން ކޮވިޑަށް ފައްސިވެފައިވަނީ މާލެއިން އައިސް ހޯމް ކަރަންޓީނުގައި ތިބި ހަތަރު މީހެއް ކަމަށެވެ. އަދި އެމީހުންނާއި ގާތުން އެއްތާވި އިތުރު މީހަކު ފައްސިވެފައިވާކަން އޭނާ ފާހަގަ ކުރެއްވިއެވެ.

މި ވޭދަނަތަކާއި ގުޅިގެން މިހާތަނަށް ފައްސިވި މީހުންނާއި ގާތުން އެއްތާވި މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، އެރަށުން ތައުލީމް ހާސިލްކުރަމުންދާ ގްރޭޑް ދޭއްގެ އެއް ކުލާހެއްގެ ހުރިހާ ކުދިން ކަރަންޓީނު ކޮށްފައިވާ ކަމަށް އަހްމަދު އިބްރާހިމް ވިދާޅުވިއެވެ.

މީގެ އިތުރުން ހޯމް ކަރަންޓީނުގައި ތިބި ފަރާތްތަކާއި އެއް ފްލައިޓަކުން ދަތުރުކޮށްފައިވާ މީހުން ދެނެގަނެ، އެ ފަރާތްތައް ކަރަންޓީނު ކޮށްފައިވެއެވެ.

އަހްމަދު އިބްރާހިމް ވިދާޅުވީ ފައްސިވީ ފަރާތްތަކާއި ގާތުން އެއްތާވުމާއި ގުޅިގެން މިހާތަނަށް ނެގުނު ސުންކުތައް ނައްސިވެފައިވާ ކަމަށެވެ.

އެރަށުން ފެނުނު ފައްސި ވޭދަނަތަކާއި ގުޅިގެން އެ ރަށް މޮނިޓަރިންގްގެ ހާލަތަށް ގެނެއީ މިއަދު އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ސަރުކާރުން ފަރުވާ ކުޑަ ނުކުރައްވާ
    ޓެސްޓް ނުކޮށް ރަށްރަށަށް ދެވޭތީ ބަލި އިތުރު ވަނީ.
    މިގޮތަށް ދޫކޮށްލުމުން ނަތީޖާ ހިތިވެދާނެ. ކޮބާތޯ އެޗްޕީއޭ. ޒިންމާ އަދާ ކުރުމުގައި ފަރުވާ ކުޑަ ނުކުރައްވާ.
    ނ. އަތޮޅު ހޮޅުދޫވެސް ޢަދަދުތައް މައްޗަށް ދަނީ.
    އަވަހަށް ފިޔަވަޅު އަޅުއްވާ ސޯލިހު ރައީސް