އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ގައި ކަރުންމަތީގެ ބަލިތަކުގެ އޮޕަރޭޝަންތައް ފަށައިފިއެވެ.
އެ ހޮސްޕިޓަލްގެ އީއެންޓީ ޑިޕާޓްމަންޓްގައި މި ވަގުތު މަސައްކަތްކުރައްވަމުން ގެންދަވާ ޑރ. އައިޝަތު އަލީ ވިދާޅުވީ ކަރުންމަތީގެ ބަލިތަކުގެ އޮޕަރޭޝަންތައް އެ ހޮސްޕިޓަލްގައި ފެށުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
"އީއޭއެޗްއިން ކަރުންމަތީގެ އޮޕަރޭޝަންތައް ކުރެވުމުގެ އިންތިޒާމް ހަމަޖެހުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް. އުންމީދަކީ، މުސްތަގްބަލުގައި ވެސް މި ހޮސްޕިޓަލުން މި ހިދުމަތްތައް ލިބިގެންދިއުމާއެކު، ހިދުމަތްތައް އިތުރަށް ފުޅާވެގެން ދިއުން" ސިއްހީ ދާއިރާގައި މަސައްކަތްކުރައްވާތާ 21 އަހަރުވީ ޑރ. އައިޝަތު ވިދާޅުވިއެވެ.
މި ވަގުތު އޭއީއެޗްގައި ކުރާ އީއެންޓީ އޮޕަރޭޝަންތަކުގެ ތެރޭގައި ކަރުންމަތީގެ އާންމު ހުރިހާ އޮޕަރޭޝަންތައް ހިމެނެއެވެ. އޭގެ ތެރޭގައި ޓޮންސިލް، އެޑްނޮއިޑް އޮޕަރޭޝަން، ސެޕްޓޯރިނޯޕްލާސްޓީ (ނޭފަތުގެ ކަށިގަނޑު ސީދާކުރުން)، ތައިރޮއިޑް ސާޖަރީ، ޕެރޮޓިޑް ސާޖަރީ، ދުލުގެ ނާރު ބުރިކުރުމުގެ ސާޖަރީތައް ފަދަ އާންމުކޮށް ކުރާ އޮޕަރޭޝަންތައް ހިމެނެއެވެ.
އޭއީއެޗްގައި އީއެންޓީ އޮޕަރޭޝަންތައް ފެށި އިރު އެ ޑިޕާޓްމަންޓްގައި މަސައްކަތްކުރައްވާ ޑޮކްޓަރުންގެ ތެރޭގައި އެ ދާއިރާގެ 12 އަހަރު ތަޖުރިބާ ލިބިފައިވާ ޑރ. ދިޕެންދުރަ ގޯތަމް ހިމެނެ އެވެ. އޭނާ އަކީ ކުރިން ނޭޕާލްގައި މަސައްކަތްކުރެއްވި ޑޮކްޓަރެކެވެ.
ޑރ. ދިފެންދުރަ ގޯތަމް ވިދާޅުވީ އޭއީއެޗްއިން ލިބޭ ހިދުމަތްތައް އިތުރުކުރަން ބޭނުންވާ ކަމަށެވެ. އެގޮތުން، ކުރިޔަށް އޮތްތަނުގައި މިހާރަށްވުރެ ކަރުންމަތީގެ ބަލިތައް ދެނެގަނެވޭނެ ގޮތްތަކާއި، ކަރުންމަތީގެ ކެންސަރަށް ސްކްރީން ކުރުމާއި، ކެންސަރަށް ފަރުވާ ކުރުމުގައި ހިދުމަތުގެ ފެންވަރު ރަނގަޅުވާނެ ކަމަށް އުންމީދުކުރާކަން ގޯތަމް ފާހަގަ ކުރެއްވިއެވެ.
މާލެ ސަރަހައްދު ފިޔަވައި ރާއްޖޭގެ އަތޮޅެއްގައި ގާއިމުކުރި ފުރަތަމަ ޓާޝަރީ ހޮސްޕިޓަލްގެ ގޮތުގައި އޭއީއެޗް ހުޅުވައި، ހިދުމަތް ދޭން ފެށީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 15ވަނަ ދުވަހުއެވެ.
ޝުކުރިއްޔާ ޔާމީން.މަނިކުފާނުގެ ޚިދުމަތް ދިވެހި ފަސްގަނޑުން ފިލާނުދޭ.
އެމަޖެންސީގަ ގެންދާ ޕޭޝަންޓަށް ފަރުވާނުދެވިގެން އުޅޭ ބަޔަކަށް ކޮން އޮޕަރޭޝަނެއް ކުރެވޭނީ.