ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ވަޒީފާތަކުގެ މައުލޫމާތާއި، ލިޔެކިޔުންތައް ހުށަހެޅޭ ގޮތަށް ފަރުމާ ކޮށްފައިވާ އޮންލައިން ޕޯޓަލްއެއް މިއަދު ތައާރަފް ކޮށްފިއެވެ.

ރެކްރޫޓްމެންޓް ޕޯޓަލްގެ ނަމުގައި އިފްތިތާހު ކޮށްފައިވާ މި ޕޯޓަލްއަކީ އެޗްޑީސީގެ ވަޒީފާތަކަށް ކުރިމަތިލާ ފަރާތްތަކަށް ވީހާވެސް ފަސޭހައިން ފޯމު ހުށަހެޅުމާއި، މައުލޫމާތު ހިއްސާކުރުމުގެ ފުރުސަތު ލިބިގެންދާނެ ޕޯޓަލްއެކެވެ.

މި ޕޯޓަލް ފަރުމާ ކޮށްފައިވަނީ އިއުލާން ކޮށްފައިވާ ހުރިހާ ވަޒީފާތަކެއް އެއްތަނަކުން ބަލާލެވޭނެެއެވެ. އަދި ބޭނުންވާ ވަޒީފާއަކަށް ކުރިމަތިލުމުގެ ފުރުސަތު މި ޕޯޓަލް މެދުވެރިކޮށް ފަހިވެގެން ދާނެއެވެ.

ޕޯޓަލް ބޭނުންކުރުމަށް /https://jobs.hdc.com.mv އަށް ކްލިކްލޮށްލާށެވެ. އަދި ޕްރޮފައިލްއެއް ހަދައި މައުލޫމާތު ފުރިހަމަ ކުރަންޖެހޭނެއެވެ. ޕްރޮފައިލް ހެދުމަށްފަހު ލިޔެކިޔުންތައް އަޕްލޯޑް ކުރަން ޖެހޭނެއެވެ. އަދި މައުލޫމާތު ފުރިހަމަވުމުން ޕޯޓަލް މެދުވެރިކޮށް ރެކްރޫޓްމެންޓް ސްޓޭޓަސް ބަލާލުންފަދަ ހިދުމަތްތައް ޕޯޓަލް މެދުވެރިކޮށް ލިބިގެންދާނެއެވެ.

ރެކްރޫޓްމެންޓް ޕޯޓަލް އިފްތިތާހުކުރުމުގެ ހަފްލާގައި ވާހަކަ ދައްކަވަމުން އެޗްޑީސީގެ މެނޭޖިންގް ޑިރެކްޓަރ ސުހޭލް އަހްމަދު ވިދާޅުވީ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ހިދުމަތް ދިނުމަކީ އެ ކުންފުނިން ވަރަށް އިސްކަންދޭ ކަމެއް ކަމަށެވެ. އަދި ރައްޔިތުންނަށް ވީހާވެސް ގާތުން ހިދުމަތްދިނުމަށް އެ ކުންފުނިން އަބަދުވެސް މަސައްކަތްކުރާކަން ފާހަގަ ކުރެއްވިއެވެ.

ސުހެއިލް މި ޕޯޓަލް ސިފަކުރައްވާފައިވަނީ އެޗްޑީސީގައި މަސައްކަތް ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކާއި، އެ ކުންފުންޏާއި ގުޅާލަދޭ ފާލަމެއްގެ ގޮތުގައެވެ.

ކިޔުންތެރިންގެ ހިޔާލު