ކުއްލިގޮތަކަށް މިރޭ އަވަހާރަވި ފުލުހުންގެ ޑިވިޝަން ކޮމާންޑަރު، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިސްމާއިލް ނަދީމަކީ ޚުލްގުހެޔޮ އެކުވެރި އަދި ގާބިލް އޮފިސަރެއް ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މިހެން ވިދާޅުވީ ނަދީމް އަވަހާރަވުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ. ކޮމިޝަނަރު ވިދާޅުވީ ވަރަށް އިޚްލާސްތެރިކަމާއެކީ ދިވެހި ފުލުހުންގެ ޚިދުމަތުގައި މަސައްކަތްކުރައްވަމުން އައި ޗީފް އިންސްޕެކްޓަރ ނަދީމް އަވަހާރަވެ އަޅުގަނޑުމެންނާ ވަކިވުމުން މުޅި މުއައްސަސާއަށް ވަނީ ފުންހިތާމައެއް ވެރިވެފައި ކަމަށެވެ.

"ފުލުހެއްގެ ވަޒީފާގައި 18 އަހުރަށްވުރެ ގިނަދުވަހު ވަޒީފާ އަދާކޮށްފައިވާ ޗީފް އިންސްޕެކްޓަރ ނަދީމްއަކީ ޚުލްގުހެޔޮ އެކުވެރި އަދި ގާބިލް އޮފިސަރެއް." ކޮމިޝަނަރ މުހައްމަދު ހަމީދު ވިދާޅުވިއެވެ.

ނަދީމް އަވަހާރަވުމުން ކޮމިޝަނަ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ފުލުހުންގެ ޚިދުމަތުގެ ދިދަ، ފުލުހުންގެ ހުރިހާ މަރުކަޒެއްގައި ބައިދަނޑިއަށް ތިރިކުރަން ނިންމަވައި އެކަން އަންގަވައިފަ އެވެ.

ނަދީމް އަވަހާރަވުމާއި ގުޅިގެން ފުލުހުންނާއި އަދި ރިޓަޔާ ކޮށްފައިވާ ފުލުހުންގެ އޮފިސަރުންނާއި އާއްމުން ވެސް އަންނަނީ މީސް މީޑިއާގައި ހިތާމަފާޅުކުރަމުންނެވެ.

ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސެއިން ވަހީދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނަދީމަކީ ވަރަށް އަހުލާގު ރަނގަޅު މަސައްކަތަށް ފަރުވާތެރި ކުޅަދާނަ ހުނަރުވެރި ބަސްއަހާ ފުލުހުންގެ އޮފިސަރެއް ކަމަށެވެ. މާތް اَللّٰهُ ނަދީމްގެ ފާފަ ފުއްސަވައި, ސުވަރުގެ މިންވަރު ކުރައްވާ ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުއާ ކުރާކަމަށް ހުސެއިން ވަހީދު ވިދާޅުވިއެވެ.

ނަދީމަކީ ނ، ރ، ބ އަދި ޅ. އަތޮޅަށް ކަނޑައަޅާފައި ހުންނަވާ ކޮމާންޑަރެވެ. އުމުރުން 37 އަހަރުގެ ނަދީމަކީ ބ. ހިތާދޫ ބޭފުޅެކެވެ.

ނަދީމް އަވަހާރަވީ ހާޓް އެޓޭކެއް ޖެހިގެން ފަރުވާ ދެމުން ގެންދަނިކޮށެވެ. ނަދީމަށް ހާޓް އެޓޭކެއް ޖެހުނީ ރޭ ބ. އޭދަފުށީގައި ފުޓުބޯޅަ ކުޅެން ހުއްޓަ އެވެ. އަވަހާރަވީ މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަނިކޮށް މިރޭގެ ވަގުތެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޮވިޑް

    އެމްސީ އަށް އަކަށް ނަދީމް ސަރ ނޭންގޭނެ މޮޅު ޓްއީޓް ކުރީމަ އެ ވީކީނޫން ހެޔޮ ދުޢާ ކޮށްލާފަ ޓްއީޓް ކުރިނަމަ އުފާވީސް. ނަދީމް ސަރ އަކީ ނަމޫނާ ސަރ އެއް ސީ.ސީ އަދި ޖީ.އައިޑީގަ އަދި ގަލޮޅު ޕޮސް ގަ މަސައްކަތް ކުރާ ކުދިން މިކަން ޤަބޫލް ކުރާނެ. އެކުވެރި މަޑުމައިތިރި ސަރ އެއް. މާތް ﷲ ނަދީމް ސަރ ގެ ފުރާނަ ފުޅަށް ހެޔޮ ރަޙުމަތް ލައްވާ ކަށްވަޅުގެ އަޒާބުން ސަލާމަތް ކޮށް ދެއްވާ ސުވަރުގޭގެ ދާއިމީ ނިއުމަތް މިން ވަރު ކޮށް ދެއްވާށި އާނީން. ސަރ ގެ އާއިލާ އަށް ކެއްތެރިކަން މިން ވަރު ކޮށް ދެއްވާށި.