ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހުންނެވީ ގާނޫނު އަސާސީއާ ޚިލާފުވެފައި ކަަމަށް ކަނޑައަޅައި މަގާމުން ވަކިކުރަން ސުޕްރީމް ކޯޓަށް ވަޑައިގަންނަވާނެ ކަމަށް ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފޮރިން ސާވިސްގެ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ، ގާނޫނު އަސާސީގައި ބަޔާން ކޮށްފައި އޮންނަ ގޮތުން، ވަޒީރަކަށް އިތުރު އެއްވެސް ވަޒީފާއެއް އަދައެއް ނުކުރެވޭނެއެވެ.

އެހެންވިޔަސް ގާނޫނު އަސާސީއާ ޚިލާފަށް، މިނިސްޓަރު ޝާހިދު ގެންދަވަނީ އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ ވަޒީފާ އަދާ ކުރައްވަމުން ކަމަށް ޖާބިރު ވިދާޅުވިއެވެ.

"ރާއްޖޭގެ އެތައް ތަނެއް ނުގަވާއިދުން ބޭރު ބަޔަކަށް ދީފައި، އޭނާ އެ މަގާމުގައި އެ ހުރީ، މި މަޖިލީހުން އޭނާ ވައްކެއް ނުކުރާނެ، އޭނާ މަގާމުން ވަކިކުރަން، އަޅުގަނޑު ސުޕްރީމް ކޯޓަށް ދާނަން،" ޖާބިރު ވިދާޅުވިއެވެ.

ޝާހިދު ހުންނެވީ ގާނޫނު އަސާސީއާ ޚިލާފު ވެފައި ކަމަށް އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީން ވެސް ބުނަމުންދާތާ ދުވަސްތަކެއް ވެއްޖެއެވެ. އެކަމަކު، ސަރުކާރުން ބުނާ ގޮތުގައި، އދ. ގައި ކުރާ މަސައްކަތްތަކަކީ ފޮރިން މިނިސްޓަރުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

އދ.ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސްގެ މަގާމަށް ޝާހިދު ހޮވިވަޑައިގަތީ މި އަހަރުގެ ޖޫން މަހުގައެވެ. އާއްމު މަޖިލީހުގެ ރިޔާސަތާ އެމަނިކުފާނު ހަވާލުވެވަޑައިގެންނެވީ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ. މިއީ އަހަރު ދުވަހުގެ ދައުރެއް އޮންނަ މަގާމެވެ.

އދ. ގެ 193 މެމްބަރު ގައުމުތަކުގެ މެދުގައި ނެގި ސިއްރު ވޯޓުގައި އާއްމު މަޖިލީހުގެ ރައީސްކަމަށް ޝާހިދު އިންތިހާބުކޮށްފައިވަނީ 143 ގައުމުގެ ވޯޓާއެކުގައެވެ. ޝާހިދުއާ ވާދަކުރެއްވި އަފްޣާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރ ުޑރ. ޒަލްމާއި ރަސޫލްއަށް ލިބިވަޑައިގަތީ 48 ވޯޓެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އަލިބެ

    ޝާހިދަކީ ދިވެހި ސަރުކާރުގެ ވަޒީރެއް. އެއީ ދިވެހި ދައުލަތުގެ މަޤާމެއް. ދިވެހި ދައުލަތަކީ ޔޫ.އެން ގެ މެމްބަރެއް. ޔޫ.އެން ގެ ޖެނެރަލް އެސެމްބްލީގެ ރައީސް ކަމަށް ހޮވުނީ ދިވެހި ދައުލަތުން ހުށަހެޅި ޝާހިދު. ސުވާލަކީ ދައުލަތުގެ އެއް މަޤާމެއްގައި ހުރެ ދައުލަތް ތަމްސީލު ކުރަން އެހެން މަޤާމެއް އަދާ ކުރުމަކީ ދެ މަޤާމުގައި ހުރުންތޯ. ޓެކްނިކަލީ އެހުރި ހުރުމަކީ ދެ މަޤާމުގައި ހުރުން. އެކަމަކު ޔޫ.އެން އާ ގުޅޭ ކަންކަން ބަލަހައްޓާ ދައުލަތުގެ ވުޒާރާ އަކީ ފޮރިން މިނިސްޓްރީ ކަމުން ޔޫ.އެން ގައި ދިވެހި ދައުލަތް ތަމްސީލު ކުރަން އެންމެ އައުލާކަން ބޮޑީ ފޮރިން މިނިސްޓަރ އެހެން ކަމުން ވަށައިގެންވާ ހުރިހާ ކަމަކަށް ބެލުމުން ޝާހިދު އެހެރީ ފޮރިން މިނިސްޓަރގެ މަޤާމުގެ ހައިސިއްޔަތުން ދިވެހި ދައުލަތް ތަމްސީލު ކުރަން.

  2. ކޮރަލް

    މާލަސް ވެއްޖެ އެވެ.

  3. ރީތި މޫސަ

    ތިވީ ގޮތުން ދެން ތިމަޤާމް ލިބޭނީ ޖާބިރުއަށް

    4
    1
  4. އަބް

    ޝާހިދު މިނިސްޓަރުކަމުން އިސްތިއުފާ ދެއްވަން ޖެހޭ...

  5. ކިސް

    ރަގަޅު ވާހަކައެއް...

  6. ވާފިރު

    ނުކެރޭނެ ދާކަށް..މާދަމާ އިރު އަރާއިރު ކަލޭ ބުނާނެ އެޢީ އޮޅުމެކޭ..ކަލޭ ދަންނަމޭ އަހަރެމެން.