ރާއްޖޭގެ ސިޔާސީ މައިދާނުގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ ތެރެއިން އެންމެ ވަރުގަދަ ސިޔާސީ ބޭފުޅަކީ ފޮރިން މިނިސްޓަރު އަދި އދ. ގެ އާންމު މަޖިލިހުގެ ރައީސް އަބްދުﷲ ޝާހިދު ކަމަށް ރައްޔިތުންގެ މަޖިލިހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

މަޖިލިހުގައި ކުރިއަށް ދިޔަ ފޮރިން ސާވިސް ބިލްގެ ބަހުސްގައި ޝާހިދަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައި އާދަމް ޝަރީފް ވިދާޅުވީ ޝާހިދު ގެންދަވަނީ ސިޔާސީ ގޮތުން ގިޔަ ކާމިޔާބީތަކެއް ހާސިލް ކުރައްވަމުން ކަމަށެވެ. އެހެންވެ މި ސަބަބުތަކާ ހުރެ، 2023 ގައި އޮންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓަކަށް ޝާހިދު ވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ވާދަވެރި ޕާޓީތަކަށް ވިސްނައިފި ކަމަށްވާނަމަ މިވަގުތު ހުރި އެންމެ ވަރުގަދަ ސިޔާސީ ބޭފުޅަކީ އަބްދުﷲ ޝާހިދު ކަމާމެދުގައި އެއްވެސް ޝައްކެއް ނެތް،" ޕީއެންސީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ކަން ވެސް ކުރައްވާ އާދަމް ޝަރީފް ވިދާޅުވިއެވެ.

ޝާހިދަކީ ބާރާއި ނުފޫޒުގެ ބޭނުންކޮށް، އެމަނިކުފާނު ބޭނުންފުޅުވާ ގޮތަކަށް ކަންތައް ކުރައްވާ ބޭފުޅެއް ކަަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އެގޮތުން އދ. ގެ 76 ވަނަ އާންމު މަޖިލިހުގެ ރައީސަކަށް ޝާހިދު ހޮވިވަޑައިގަތީ ޑީލްތަކެއްގެ ސަބަބުން ކަމަށްވީނަމަވެސް، އެކަން ކުރެއްވީ އެމަނިކުފާނުގެ ކުޅަދާނަ ކަމާއި ގާބިލްކަމުން ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އެހެންވެ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ކެންޑިޑޭޓާއި ވާދަކުރައްވާނެ ސިޔާސީ ލީޑަރަކީ ޝާހިދަށް ވެދާނެ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

"ފޮރިން މިނިސްޓަރަކަށް ހުންނެވި އަބްދުﷲ ޝާހިދުގެ ހިކުމަތްތެރިކަމާއި ހުނަރުވެރިކަމުގެ ސަބަބުން އަޅުގަނޑުމެންނާ ވާދަކުރައްވަން ހުންނެވި އެންމެ ވަރުގަދަ ލީޑަރަކީ އަބްދުﷲ ޝާހިދު ކަމަށް އަޅުގަނޑު ގަބޫލުކުރަން،" އާދަމް ޝަރީފް ވިދާޅުވިއެވެ.

އދ.ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސްގެ މަގާމަށް ޝާހިދު ހޮވިވަޑައިގަތީ މި އަހަރުގެ ޖޫން މަހުގައެވެ. އާއްމު މަޖިލީހުގެ ރިޔާސަތާ އެމަނިކުފާނު ހަވާލުވެވަޑައިގެންނެވީ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ. މިއީ އަހަރު ދުވަހުގެ ދައުރެއް އޮންނަ މަގާމެވެ.

އދ. ގެ 193 މެމްބަރު ގައުމުތަކުގެ މެދުގައި ނެގި ސިއްރު ވޯޓުގައި އާއްމު މަޖިލީހުގެ ރައީސްކަމަށް ޝާހިދު އިންތިހާބުކޮށްފައިވަނީ 143 ގައުމުގެ ވޯޓާއެކުގައެވެ. ޝާހިދުއާ ވާދަކުރެއްވި އަފްޣާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ. ޒަލްމާއި ރަސޫލްއަށް ލިބިވަޑައިގަތީ 48 ވޯޓެވެ. މިއީ އދ. ގައި ދިވެއްސަކަށް މިހާ ބޮޑު ޝަރަފެއް ލިބުނު ފުރަތަމަ ފަހަރެވެ.