ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށްޓަކައި ގާނޫނުއަސާސީ އަށް ބަދަލު ގެނައުމުގެ މަޝްވަރާތައް ފަށަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ލަފާ ދެއްވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވެއްޖެއެވެ.

ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އުފެދި، ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ އެމްޑީޕީ ދެ ފެކްޝަނަކަށް ބެހިފައި ވަނިކޮށް ނަޝީދު އިއްޔެ ވަނީ ރައީސް ސޯލިހްއާ އެކުގައި ސިޔާސީ ބައްދަލުވުމެއް ބާއްވަވައިފައެވެ. މި ބައްދަލުވުމަކީ ރައީސް ސޯލިހްއާ އެކުގައި ސިޔާސީ މަސައްކަތް ނުކުރައްވާނެ ކަން އިއުލާން ކުރެއްވި ފަހުން، ނަޝީދު އެމަނިކުފާނާ ބައްދަލު ކުރެއްވި ފުރަތަމަ ފަހަރެވެ.

އިންޑިއާގެ "ދަ ހިންދޫ" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމާ ގުޅޭ ގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ މިދިޔަ 12، 13 އަހަރު ތެރޭގައި މި ގާނޫނުއަސާސީ ތަންފީޒުކުރި އިރު، އޭގައި ހިޔާލު ތަފާތުވުންތައް ހުރިކަން އެނގިގެން ގޮސްފައިވާ ކަމަށެވެ. އަދި އެމަނިކުފާނު ހުށަހަޅުއްވަނީ ބާރުތައް ޕާލިމަންޓާއި މިނިސްޓަރުންނަށް ހިއްސާ ކުރެވޭނެ އުސޫލެއް ކަމަށް ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ސަލާމް ކުރައްވަނީ. --- ފޮޓޯ: ރައީސް އޮފީސް

"އޭރުން ދެ ޕަވަރު ސެންޓަރެއް ނޯންނާނެ. އޭރުން ވެރިކަމުގެ ކަންކަން ތަރުތީބުވެ އޮމާންކަމާއެކީ ކުރިއަށްދާނެ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ 2008 ގައި ފެހި ގާނޫނުއަސާސީ އެކުލަވާލިއިރު އޭގެ ބޮޑު ބައިގައި ހިމެނެނީ ބަރުލަމާނީ ނިޒާމަކުން ވެރިކަން ކުރަން ކަމަށެވެ. މި ގާނޫނުއަސާސީއާއެކު ދެ ޕަވަރު ސެންޓަރު އުފެދުނު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެކަމަކު އެންމެ ފަހު މަރުހަލާގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށާއި ރިޔާސީ ސިފައެއް ކަނޑައަޅުއްވައި ސަރުކާރެއް އެކުލަވާލަން ނިންމެވި ކަމަށް ނަޝީދު ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ މަޝްވަރާ ކުރައްވަނީ. --- ފޮޓޯ: ރައީސް އޮފީސް

ނަޝީދު ވިދާޅުވީ ރައީސް ސޯލިހްއާ އެކުގައި ބޭއްވި ބައްދަލުވުމުގައި ރައީސް ލަފާ ދެއްވި ގޮތަށް ކުރިއަށް ވަޑައިގަންނަވާނެ ކަމަށެވެ. އެއީ މިކަމުގައި މަޝްވަރާކޮށްގެން ހައްލެއް ހޯދުމާއި ގާނޫނުއަސާސީ އަށް ބަދަލު ގެންނަން ޖެހިއްޖެ ނަމަ އެ ބަދަލުތައް ގެނައުމުގެ މަސައްކަތެވެ.

ނަޝީދު ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލު ނުކުރެވޭނެ ގޮތަކަށް ވާދަވެރި ސިޔާސީ އެއްވެސް މަސައްކަތްޕުޅެއް ދެން ނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

"ވާދަވެރި ސިޔާސީ އެއްވެސް ކަމެއްގައި ދެން އުޅޭނީ (ބަރުލަމާނީއަށް) ބަދަލުކުރެވޭނެ ހައިސިއްޔަތު ހޯދުމަށް. އެ ވެދާނެ ފެންނަ ނުފެންނަ ވޯޓަކަށް ނުވަތަ ރިޔާސީ އިންތިހާބަކަށް ވެސް. ކޮންމެ ކަމެއް ކުރިޔަސް ކުރާނީ (ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް) ބަދަލުކުރުމުގެ ހައިސިއްޔަތު ހޯދުމަށް،" ރާއްޖޭގެ ވެރިކަން ތިން އަހަރެއްހާ ދުވަހު ކުރެއްވި ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ސިޔާސީ ގޮތުން ކުރައްވަން ޖެހޭ ވަރަށް ގިނަ މަސައްކަތްޕުޅުތައް އެބަހުރި ކަމަށާއި އެކަމަކު އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަން އެބަހުރި ކަމަށެވެ. ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ދެމެހެއްޓެނިވި ގޮތެއްގައި ރަނގަޅު ވަމުން އަންނަކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އޮފީހުން އިއްޔެ ބުނީ ރައީސް އާއި މަޖިލިހުގެ ރައީސް ނަޝީދު ބައްދަލުކުރެއްވުމުގައި ދެ ރައީސުން ވަނީ ރާއްޖޭގެ އިގްތިސާދީ ދާއިރާގެ ކަންކަމާ ބެހޭ ގޮތުންނާއި އަދި ތިމާވެއްޓަށް އަންނަ ބަދަލުތަކާއި، ތިމާވެށި ހިމާޔަތްކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައި ކަމަށެވެ. ނަޝީދު ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކުރުމާގުޅޭ ގޮތުން ވެސް ރައީސްއާ މަޝްވަރާ ކުރައްވާ ހިޔާލު ބަދަލުކުރައްވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރާއްޖޭގައި އޮތުން އެންމެ އެކަށީގެންވަނީ ބަރުލަމާނީ ނިޒާމު ކަމަށް ނަޝީދު ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

ބަރުލަމާނީ ނިޒާމަކަށް ވެރިކަން ކުރުމުގެ ނިޒާމު ބަދަލު ކުރުމަށް ގޮވާލައި އެކުލަވާލާފައިވާ ޕެޓިޝަންގައި ބައި ލައްކަ އަށް ވުރެ ގިނަ މީހުން ވަނީ ސޮއިކޮށްފައެވެ. އެ ޕެޓިޝަންގައި ސޮއިކުރުމުގެ ކަންކަން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ދަނީ ކުރިއަށެވެ.

ބަރުލަމާނީ ނިޒާމަކީ ނަޝީދު ރާއްޖެ ގެންނަން ބޭނުންފުޅުވާ ނިޒާމެކެވެ. ޕެޓިޝަންގެ ކަންކަން ވެސް ގެންދަވަނީ އެމަނިކުފާނުގެ އިރުޝާދުގެ ދަށުންނެވެ. ދެހާސްހަތްވަނަ އަހަރު ބޭއްވި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި ވެސް އެމްޑީޕީއާއި ނަޝީދު ތާއީދު ކުރެއްވީ ބަރުލަމާނީއަށެވެ. ވޯޓުލީ މީހުންގެ 40 އިންސައްތަ ބަރުލަމާނީއަށް ލިބުނުއިރު، ރިޔާސީ ނިޒާމު ގެނައުމަށް 60 އިންސައްތަ ވޯޓު ލިބުނެވެ.

ނަޝީދު ވަނީ ވެރިކަން ހިންގުމުގެ ނިޒާމް ބަރުލަމާނީއަށް ބަދަލުކޮށް އެމަނިކުފާނު ބޮޑުވަޒީރަކަށް ވެވަޑައިގަތުމުގެ ޖާގަ ދެއްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަރިހުން އެދިވަޑައިގެންފައެވެ. އަދި އެމްޑީޕީ ރިޔާސީ ޕްރިއިމަރީގައި ވާދަކުރައްވާނެ ކަން އިއުލާން ކުރައްވާފައިވެއެވެ. އެކަމަކު ރައީސް އޭރު ވިދާޅުވީ ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމް ކަނޑައެޅީ ރައްޔިތުން ކަމަށާއި ދެން ވެސް އެކަމުގައި ގޮތެއް ނިންމާނީ ރައްޔިތުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ލޮލް

    އެހެންވިޔަސް ކެނެރީގޭ ނަސީދަކީ ބޮޑުވަޒީރު ކަމަށް ކުފޫ ހަމަވާ މީހެއްނޫން.

    45
    1
  2. ހުސޭނުބޭ

    ބަދަލުވެފައިވާ ވެރިކަމުގެ ނިޒާމެއްގެ ބޮޑުވަޒީރުކަން ލިބޭތޯ ބަލަންވީނު؟
    އިގިރޭސި ވިލާތުގެ ބޮޑުވަޒީރުކަން ލިބޭތޯ ބަލާ!
    ގައިމު ތި ނޫނީ ނެތް މުޅި އިގިރޭސިވިލާތް ތާޢީދުކުރާ މީހެއް........ ލޮލް

    38
    • ޙހހހ

      ރައްޔިތުން ތިކަން ނިންމާނީ ކަލޭމެންނެއްނޫން ، މުޒާހަރާވެސް ކުރާނަން

  3. ސަނީ

    ކަލެމެން 2 މީހުން އެއްބަސް ކިއަސް މިކަން ނުވާނެ، އަހަރުން ރައްޔިތުން ތިޔަ ބަރުލަމާނީ އާ ދެކޮޅު

    44
  4. ހަޑިމިލޭރު

    ދިވެހިންނަށް ބަލާވެރިކަން ޖައްސަން އުޅޭ ދެމީހުންމީ. އިބޫސޯލިހު ނުފުއްދޭވަރަށް ވައުދުތައްވަމުން ރަށްރަށަށް ދަނީ އެކަމަށް މަގުފަހިކުރަން . ވެރިކަމުގެ ނިޒާމް ބަދަލުކުރަން މަކަރުން ދިވެހިންނަށް އޮޅުވާލަން. ދިވެހިން ގުނބޯހައްދަން. އެހެން ކަމަކު ނޫން. ދެންތިބޭ ހުރިހާ އެންމެން ބާރަށް އަތްޖަހަގަ. ކޮނޑުހުޅުން ނެއްޓެންދެން ބާރަށް އަތްޖަހަގަ. އިންޑިޔާގެ އަޅުވެތިކަމަށް ދިވެހިރާއްޖޭގެ ރައްޔިތުން ވައްޓާލާފައިނޫނީ މިބައިގަނޑު ހިތަހަމައެއް ނުޖެހޭނެ. މީއޭ ކެނެރީގޭ ނަޝީދު އެބުނާ ހައްގުމިންވަރަކީ. ބިންކޮޅުއިންޑިޔާގެ މަހުޖަނުންނަށް ވިއްކާލާ ދިވެހިން ބިކޮށްލުން ކުރިޔަށް އޮތީ. ލަދުހަޔާތުގެ ކަންފުޅެއްވެސް ނެތް. ކޮންމެރަށަކަށް އަރާ ވަޢުދު ވާއިރު. ފެއިލްޑް ސްޓޭޓްގެ ފެއިލްަޑ ް ދެރައީސުން.

    31
    1
  5. މަބޭ

    ގައުމު އިންޑިޔާއައް ވިއްކާހުސްކޮއް 2 ވެރިންއަދިވެސް މިސައްލާކުރަނީ އަމިއްލަ އަންބޮންޑި ބިޑުކުރަން

    29
    1
  6. ބޯއެނބުރި

    ލާހިކު ކުޅަދާނަ އެއްނޫން އިރާދުކުރެއްވިއްޔާ ތިގަނޑެއް ގަންނާކަށް މިތާ... ސޯލިހަކަސް ނަޝީދަކަސް ތިކަމެއް ނުކުރެވޭނެ މިތާކު....ތިކަހަލަ މީހުންގެ ނިމުން ވަރަށް ހިތި ވާނެކަން ތާރީހުން ހެކިދޭ

    37
    1
  7. އަޙްމަދު

    ﷲގެ އިރާދަފުޅުން ރައްޔިތުންގެ ވޯޓަކުން ތިކަމެއްނުވާނެ!

    33
    1
  8. ގަމާރު

    ބުރާންތި ވިޔަސް ތިއީބޮޑުވަރު ކެރަފާ ޢާއިލާއަކަށްނޫން އެނގޭނީ ނިޒާމްބަދަލުރުރަންވީމަ ރައްޔިތުންނަށް އެގޭނީ ރައްޔިތުން އޮތީނިންމާފަ ދިވެރިރާއްޖޭގައި އޮނަންޖެހޭނީ ކޮންނިޒާމެއްކަން ؟

    27
  9. އަބްދޫ

    ކޮން ވެރކަމުގެ ނިޒާމެކޭ ތިކިޔަނީ ކަލޯއަށް ވަޑާންގެއެއް ވެސް ނުހިންގުނު. ކުޑަ ކުންފުންޏެއްވެސް ނުހިންގުނު ރިޔާސީ ނިޒާމަށް ވެރިކަން ކުރަންވެސް ނޭގުނު ކިޔެވި އެއްޗަކީ މެރިޓައިމް ކަލޯ ދަތުރުކުރަން ދާންވިއެއްނު ކެޕްޓަން ބޮއީ ކަން ކަލެއަށް ކުރަންފަސޭހަވާނެ ރަނގަޅީ ގްރީކް ކެޕްޓަނަކު ހުންނަ ބޯޓަކަށް އެރުނިއްޔާ. ކަލޯއަކަށް ރިޔާސީކަިޔަސް ބަރުލަމާނީ ކިޔަސް ކިންގ ކިޔަސް ނުކުރެވޭނެ.ދޯނިފަހަރުގެ ސަލާމަތީސެތްފިކެޓް ސާވޭކުރަންހަވާލު ކުރީމަވެސް އެކަން ނުކުރެވުނު. ކެޕްޓަން ބޯއިއަކަށް ދިޔައިމާ އެކަން ކުރެވިދާނެ ތޯއްޗެއް. މާބޮޑަށް މުސްކުޅި ނުވަނީސް ދެވޭތޯބަލާ.

  10. ހަސަނު

    އަނގަޔޯ އަނގަޔޯ އަނގަޔޯ...މީނަޔާހެދި ގައުމީ ޓީމުއަތުން ތަށިވެސް ދިޔައީ ..އަނގަޔާ ވެގެން...
    ކަނޑިންމާ ދެއުޅަށްގަނޑެކޭ އެއްގޮތް..
    ރާއްޖެ އައިސް އުޅެބަލަ ހެޔޮނުވާނެ ...

    15
    1
  11. ސަޑުހަސަނު

    އޭ ރުން މަނިކުފާނަށް ސެކިއު ރިޓީ ޔަގީންވޭތޯ. އެހެންވިއްޔާ ބަދަލު ކު ރަންވީ ލަހެއް ފަހެއް ކު ރާނެ ކަމެއްނެތް.

  12. ރަބަރޭ

    ކަލޭމެން ތިޔަތިބީ 5 އަހަރުގެ ޓާމަކަށް ހޮވާފައި 5 އަހަރު ހަމަވީމަ ކަލޭމެން ޖެހޭނީ ވެރިކަމުން ފައިބަން ކަލޭމެން ބޭނުން ވިއަކަސް މިތާގައި ވެރިކަމުގެ ނިޒާމު ބަދަލެއް ނުކުރެވޭނެ ވެރިކަމުގެ ދަހިވެތި ކަމުގައި ތިޔައުޅެނީ މުޅިތަން މުޅިގައުމު ގަޑުބަޑު ކުރަން

  13. އަހުމަދު

    ނަޝީދަކީ ފެއިލްވުމުގެ މިސާލެއް. ލާދީނީ ހުދުމުހުތާރު ކަމުގެ އިންތިހާ

    11
  14. ރަގަޅު

    މި ފަހަރު އެގޭނެ ޢައްދާރުން ރަތްޔަތުން ނިކުމެ ގާދޫކޮލުން ބޭރުކުރާނެ އިރާދަ ކުރެއްވިއްޔާ ތިކަން ފަނުފުލުން ދާނެ އިންޝާ ﷲ

    11
  15. ޢަންނިސް

    ޥެރިކަމުގެ ނިޒާމު ބަދަލުކުރުމުން ދިވެހި ނިކަމެތި ރައްޔިތުންނަށް ލިބެނީ ކޯއްޗެއްތޯ، ތިއުޅެނީ ތިބައިގަޑަށް ލިބޭ ވަރު މަދުވެގެން

    13
  16. ހަސަދު

    ދޮގުހަދާ މީހަކު ތެދެއް ހެދިއަސް ނޭގޭނެ.