ޔޫއޭއީއަކީ ރާއްޖޭގެ ގާތް އެކުވެރިއެއްގެ އިތުރުން ރާއްޖޭގެ ތަރައްގީގެ ބައިވެރިއެއްކަމަށާއި އަދި ބައިނަލްއަގްވާމީ ބައެއް މައްސަލަތަކުގައި ދެ ގައުމުންވެސް ގިނަ ފަހަރަށް ގެންގުޅެނީ ވަރަށް އެއްގޮތް ވިސްނުމެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ، ދުބާއީ އެކްސްޕޯ 2020ގައި ރާއްޖޭގެ ގައުމީ ދުވަހުގެ މުނާސަބާ ފާހަގަކުރުމަށް ބޭއްވި ރަސްމީ ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެއާ ޔޫއޭއީއާ އޮންނަ މި ގުޅުން އެގޮތުގައި ކުރިޔަށްދިއުމަށް އެދިވަޑައިގަންނަވާކަމަށެވެ. މި މޭރުމުން ވާހަކަފުޅު ކުރިޔަށްގެންދަވަމުން ރައީސް ވަނީ ޔޫއޭއީގެ އިތުރުން ޖީސީސީއާއި އެމްއީއެންއޭ އާއި ރާއްޖޭގެ ގުޅުންތައް ކުރިމަގުގައި އިތުރަށް ބަދަހިވެގެން ދިއުމަށް އެދިވަޑައިގަންވާކަން ހާމަކުރައްވާފައެވެ.

ރައީސް ވަނީ، ކޮވިޑް-19ގެ ޕެންޑަމިކް އިން މުޅި ދުނިޔެއާ ކުރިމަތިލާން ޖެހުނު ދަތި އުނދަގޫތަކުން އަރައިގަތުމުގެ މަސައްކަތްތައް މުޅި ދުނިޔޭގައި ކުރިޔަށްދާ މިފަދަ ދުވަސްވަރެއްގައި ޔޫއޭއީގައި މިފަދަ ފުރިހަމަ އަދި ބޮޑު އެކްސްޕޯއެއް އިންތިޒާމުކޮށް ބޭއްވެވީތީ ތައުރީފުކުރައްވާފައެވެ. އެގޮތުން ކިތަންމެ ގިނަ ގޮންޖެހުންތަކެއް ހުރިނަމަވެސް ދުބާއީ އެކްސްޕޯއަށް 192 ގައުމެއް އެއްތަންކުރުމަކީ ޔޫއޭއީގެ ސަރުކާރުގެ ލީޑަޝިޕާއި ދުރުވިސްނުން ދައްކުވައިދޭ ހެއްކެއް ކަމުގައި ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން އެމަނިކުފާނުގެ ވާހަކަފުޅުގައި، ކަމާބެހޭ ގުޅުންހުރި ސްޓޭކްހޯލްޑަރުންކަމުގައިވާ އިންޑަސްޓްރީ ފަންނުވެރިންނާއި ސިޔާސަތު ކަނޑައަޅާފަރާތްތަކާއި އިލްމީ ތަޖުރިބާކާރުންނާއި ސިވިލް ސޮސައިޓީ އެކްޓިވިސްޓުންފަދަ ފަރާތްތައް ޝައުޤުވެރިކުރުމަށް ދުބާއީ އެކްސްޕޯފަދަ އެކްސްޕޯތައް އަދާކުރާ މުހިންމު ދައުރު ފާހަގަކުރެއްވިއެވެ. އަދި މި ފަދަ އެކްސްޕޯތަކުގެ މައިގަނޑު ބޭނުމަކީ ދުނިޔެއަށް ކުރިމަތިވެފައިވާ މުހިންމު މައްސަލަތަކަށް އައު ޙައްލުތަކެއް ހޯދުންކަން ފާހަގަކުރައްވައި އެކަމަށްޓަކައި މި އެކްސްޕޯއިން އެއްބަޔަކު އަނެއްބަޔަކު ބައްދަލުވެ ތަޢާރަފުވެ އެކުވެރިކަން ބަދަހިކުރުމަށް ލިބިފައިވާ މުހިންމު ފުރުޞަތު އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން މި އެކްސްޕޯއަކީ އެއްފައުމު އަނެއް ފައުމުގެ މީހުންގެ ކިބައިން ކަންކަން އުނގެނި ދަސްކުރުމަށް ފުރުސަތު ފަހިވެފައިވާ އަދި ގުޅިގެން އުންމީދީ މުސްތަގްބަލަކާ ދިމާއަށް ދަތުރުކުރުމަށް ފުރުޞަތު ތަނަވަސްވެފައިވާ ޕްލެޓްފޯމެއްކަން ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު