ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ބައެއް މެންބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ބައްދަލު ކުރައްވައިފިއެވެ.

އިދިކޮޅު ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވަނީ މި ބައްދަލުވުމުގެ ފޮޓޯއެއް ޓްވިޓާގައި ޚިއްސާ ކުރައްވައިފައެވެ.

އެ ފޮޓޯއިން ފެންނަ ގޮތުން، އެ ބައްދަލުވުމުގައި ތިއްބެވީ އިދިކޮޅު ޕީޕީއެމްގެ ދެ ނައިބު ރައީސުން ކަމުގައިވާ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމްއާއި، ތ. ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫން، އަދި އާދަމް ޝަރީފްއެވެ.

ނަޝީދުގެ އަރިހުގައި ތިއްބެވީ ރައީސް އޮފީހުގެ މިނިސްޓަރު އަދި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް (ޝިއްޕެ) އާއި، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްއެވެ.

އާދަމް ޝަރީފް ކުރެއްވި ޓްވީޓްގައި ލިޔުއްވާފައިވާ ގޮތުން، އެ ބައްދަލުވުމުގައި އިދިކޮޅު މެންބަރުން އެންގެވި ހަމައެކަނި ކަމަކީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކޮށްގެން ނޫން ގޮތަކަށް އެއްވެސް މަޝްވަރާއެއްގައި ބައިވެރިނުވާނެ ކަމަށެވެ.

އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ޖޮއިންޓް ކައުންސިލުން ވަނީ އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓަކީ ވެސް ޔާމީން ކަމުގައި ނިންމައިފައެވެ. އެކަމަކު ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައި އޮތުމާއި އިތުރު ދައުވާތަކެއް ވެސް އުފުލާފައިވަތީ 2023 އަށް ޔާމީނަށް ވާދަނުކުރެވޭނެ ކަމަށް ސިޔާސީ މަސްރަހު ދިރާސާ ކުރާ ބައެއް ފަރާތްތަކުން ބުނެއެވެ. އެކަމަކު އިދިކޮޅު ކޯލިޝަނުން ދެކެނީ އޭގެ ކުރިއަށް ޔާމީން މިނިވަންވެ ވާދަކުރާނެ ކަމުގައެވެ.

އިދިކޮޅު ކޯލިޝަންގެ ބައެއް މަޖިލިސް މެންބަރުންނާއި ނަޝީދު ބައްދަލު ކުރައްވާފައި މި ވަނީ، ރާއްޖޭގައި ގާއިމްވެ ތިބި އިންޑިއާ ސިފައިން ބާލަން ގޮވާލައި "އިންޑިއާ މިލިޓަރީ އައުޓް" އަދި "މިނިވަން ކަމުގެ ދިފާއުގައި ދިވެހިން" ޝިއާރުގައި އިދިކޮޅުން ކެމްޕޭނެއް ފަށާފައިވަނިކޮށެވެ. އަދި އިންޑިއާއާ ދެކޮޅު ޚިޔާލުތައް ދޫކޮށްލަން ތަކުރާރުކޮށް ޔާމީން އަރިހު އެދިވަޑައިގަންނަވާނެ ކަމަށް އިންޑިއާގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވެފައިވަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އެހެންދީ

    ބޮޑުވަގަކު މިނިވަން ކުރާކަށް ނުޖެހޭ….

    10
    38
  2. އަހުމަދު

    ޔާމީން ވެސް މިނިވަން ވާނެ ވަގުތު ޖެހުމުން އިންޝާﷲ. އެކަމަށް ނަޝީދުގެ އެހީ ބޭނުމެއް ނުވޭ.

    37
    3
  3. ދަރަނި ދަންތުރަ

    ޖާހިލު މީހާ އެހެން މީހުންގެ ބޯކާންފެށީ ޕީ ޕީ އެމް ކުދިން ވަރަށް ވިސްނާތި

    29
    4
  4. ލަނޑާ

    ބޮޑުވަގު އަދިއެބަހުރި އަރާމުގަ އެނގިއްޖެ

  5. އަބްދޫ

    ޔާމީނުގެ ފަހަތަށް ސިޔާސީއެކަކުވެސް އެމީހުންގެ ސަޕޯޓަރުންވެސް ނާރާނެ.ވީމާ ޔާމީނު އެކަހެރިކޮށްފަ ޕިޕީއެމުން ރަނގަޅު ކޯލިސަނެއް ގާއިމްކުރޭ ނޫނީ ހިތާމަކުރަންޖެހިދާނެ. އަބްދުއްރަހީމަކީ އަމިއްލަ ރަށުގެ ގޮނޑިއެއްވެސް ކާމިޔާބު ނުކުރެވޭ ސިޔާސީ ފަގިރެއް. ވީމާ ޔާމީނާއި އަބްދުއްރަހިމައި ފާތުމަ ޕާޓިތަކާ ސިޔާސީ ހަރަކާތުން ދުރަށް ޖެހިލައްވާ ނުނީ 2018 ދެވެނަފަހަރު ތަކުރާރު ވެދާނެ.އަދި ބަރުލަމާނީގެނެސްގެން ގައުމު އަނދަވަލަކަށް ވައްޓާލުމަށް ފުރުސަތު ނުދެއްވާ.

    1
    1
  6. އަބުދުﷲ

    ޕޕ ވަރައް ގަމާރު ގައްދާރު ގައުމުގެ މިނިވަންކަން ވަގަކުގެ މިނިވަންކަމައްޓަކާ ދޫކޮއްލަނީ.. ކަލޭމެންނަކައް އެއްކަމެއްވެސް ނުކުރެވޭނެ. ޔާމީނުވެސް މިނިވަން ނުކުރެވޭނެ . އިންޑިޔާސިފަެންވެސް ނުބޭލޭނެ . 23 ހުގަ ވެރިކަންވެސް ނުލިބޭނެ.!!!!!!!

    1
    7
  7. ބަސް

    ޙަބަރި ލިޔުމުގެ ކުރިން ރަނގަޅު މައުލޫމާތު ހޯދުމަކީ ވަރަށް މުހިއްމު ކަމެއް. އެމް.ޑީ.ޕީ ގެ ރައީސް ………….؟