ރާއްޖޭގައި ތިންވަނަ ސިޔާސީ ފިކުރެއް ގާއިމް ކުރުމަށް މަސައްކަތްކުރާ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ރަޖިސްޓްރީކޮށް، ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމަނަައިފިއެވެ.

އެމްއެންޕީން މިއަދު ބުނީ، ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ދަށުން އެމްއެންޕީ މިއަދު ރަޖިސްޓްރީ ކުރެވި ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމެނިފައިވާ ކަމަށެވެ.

އެމްއެންޕީއަކީ ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ރިޓަޔާޑް) އިސްވެ އުފައްދާވާ ޕާޓީއެކެވެ. ޕާޓީގެ ރައީސަކީ ނާޒިމެވެ.

އެ ދެބޭފުޅުންގެ އިތުރުން އެމްއެންޕީގައި ދެން ހިމެނެނީ ނާޒިމްއާ އާއިލީ ގުޅުމެއް އޮންނަ ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާންކޮށްފައި އޮންނަ ގޮތުން ޕާޓީއެއް އުފެއްދޭނީ މަދުވެގެން 3،000 މެންބަރުންގެ ސޮއި އީސީއަށް ހުށަހަޅައިގެންނެވެ. އޭރުން ޕާޓީ ރަޖިސްޓްރީ ކުރުމުގެ ޖަލްސާ ބާއްވަން އީސީއިން ހުއްދަ ދޭނެއެވެ. އެ ޖަލްސާގައި މަދުވެގެން 300 މެންބަރުން ބައިވެރިވާން ޖެހޭނެއެވެ.

އެމްއެންޕީ އުފެއްދުމުގެ ޖަލްސާ ވަނީ މި މަހުގެ ކުރީކޮޅު ބާއްވާފައެވެ.

އެމްއެންޕީގެ އިސް މަގާމުތަކަށް ކުރީގެ ބައެއް މިނިސްޓަރުން ވަނީ އިންތިހާބުވެވަޑައިގެންފައެވެ.

ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް އާއި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫންއަކީވެސް އެ ޕާޓީގެ އިސް އެކްސްކޯގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނެވެ.

އެމްއެންޕީން އަމާޒު ހިފާފައިވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށެވެ. ނަމަވެސް ޕާޓީން ނެރެނީ ކޮން ކެނޑިޑޭޓެއް ކަމެއް އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. އެމްއެންޕީގެ ރައީސް ނާޒިމް ވިދާޅުވީ އެ ޕާޓީއަކީ "އެކަކު ވަށާ އެނބުރޭނެ" ޕާޓީއެއް ނޫން ކަމަށެވެ. ރިޔާސީ އިންތިހާބު ކާމިޔާބުވެއްޖެނަމަ ރައްޔިތުންނަށް "ފުދުންތެރި" ދިރިއުޅެއް ހޯދައި ދިނުމަކީ އެ ޕާޓީގެ އެންމެ މުހިއްމު އެއް އަމާޒެވެ. ރާއްޖޭގައި ތިބި ބޭރުގައުމުތަކުގެ ސިފައިން ބާލުވާނެ ކަމަށްވެސް ނާޒިމް ވަނީ ވިދާޅުވެފައެވެ.

އެމްއެންޕީގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން 10،000 މެމްބަރުން އެޕާޓީއަށް ހަމަކުރުމެވެ. އަދި 2023 ކާމިޔާބުކުރަން ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް އެޕާޓީން ބުނެއެވެ.