ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ކޮވިޑް ފެތުރި ހާލަތު ގޯސްވެފައި ވަނިކޮށް އެ ތަނުން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން ހިރާސް ބޮޑު އަށް މީހަކު ހުޅުމާލޭގައި ހުންނަ ކޮވިޑް ފެސިލިޓީ އަށް ބަދަލުކޮށްފިއެވެ.

ގުރައިދޫގައި ހަލުވިކަމާ އެކު، ކޮވިޑް ފެތުރެމުން އަންނާތީ އެ ރަށަށް އަރައި ފޭބުން ވަނީ މަނާކޮށްފައެވެ. އަދި ގުރައިދޫ މަރުކަޒުން ގިނަ ބަޔަކު ކޮވިޑަށް ފައްސިވެފައިވާތީ އެ ތަނުގެ މުވައްޒަފުން ވަދެ، ނުކުތުން ވަނީ ކޮންޓްރޯލްކޮށްފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ގުރައިދޫ އިން އެކަނި ވެސް 117 މީހަކު ކޮވިޑަށް ވަނީ ފައްސިވެފައެވެ. އެއީ ގުރައިދޫ މަރުކަޒުން ފައްސިވި 106 މީހުން ހިމަނައިގެންނެވެ. އެމީހުންގެ ތެރޭގައި އެ ތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި އެ ތަނުގައި ގެންގުޅެމުން އަންނަ މީހުން ހިމެނެއެވެ.

ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުން ހިންގާ މަރުކަޒުގައި މުވައްޒަފުންނާއި ބަލި މީހުން ހިމެނޭ ގޮތަށް ގިނަ ބަޔަކު ކޮވިޑަށް ފައްސިވި އިރު، އެ ތަނަކީ އުމުރުން ދުވަސްވީ ގިނަ ބަޔަކު ދިރިއުޅެމުން އަންނަ ތަނެކެވެ. ކޮވިޑްގެ ނުރައްކާ އޮތް މީހުންގެ ތެރޭގައި ދުވަސްވީ މީހުން ހިމެނެއެވެ.

ގުރައިދޫ މަރުކަޒުން ކޮވިޑަށް ފައްސިވެފައިވާ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ސިއްހީ ހިދުމަތްތެރިންގެ ޓީމެއް އަންނަނީ ހަރަކާތްތެރިވަމުންނެވެ. އަދި މަރުކަޒުގައި ތިބޭ އެންމެން މިހާރު ވަނީ ކޮވިޑަށް ޓެސްޓްކޮށްފައެވެ.

ޖެންޑާ މިނިސްޓްރީންް ބުނި ގޮތުގައި ކޮވިޑަށް ފައްސިވާ މީހުންގެ އަދަދުތައް އިތުރުވުމާ ގުޅިގެން ރަށުގެ ސިއްހީ މަރުކަޒާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ބޭނުންވާ އިތުރު ސިއްހީ ހިދުމަތްތެރިން ގުރައިދު އަށް ފޮނުވުމުގެ އިންތިޒާމުތައް ވަނީ ހަމަޖައްސައިފައެވެ. އަދި މަރުކަޒުގައި ތިބި ބަލި މީހުންނަށް ދޭން ޖެހޭ ސޯޝަލް ސަޕޯޓް ދިނުމަށް ދެ ސޯޝަލް ވޯކަރުން ފުރަބަންދުގެ މުއްދަތުގައި ހަރަކާތްތެރިވާނެ ކަމަށް ބަޔާނުގައިވެއެވެ.

ކޮވިޑް ފެސިލިޓީގައި ތިބި ބަލި މީހުންނަށް ޖެންޑާ މިނިސްޓްރީގެ މުވައްޒަފުން ވެސް ކޮންމެ ދުވަަހަކު އެއް ފަހަރު ޒިޔާރާތް ކުރާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޢަދުރޭ

    ހިރާސް ބޮޑުމީހުން ، ހާނިޔާ އޮޕަރޭޝަން ކުރީމަ ހިރާސް ކުޑަވާ ކަމަށް ޑޮކްޓަރުން އަންގަނީ

  2. ވަސްކޮޑަގާމާ

    ހިރާސް ބޮޑު މީހުން ދެ އަންބަށް އިނުން ރަގަޅު...

  3. ހާދީ

    މީހެއްގެ ހިރާސް އެހާ ބޮޑު ވުމަކީ ނޫހުގަ ޖަހާ އެމީހުން ފަލީހަތް ކުރަން ޖެހޭ ސަބަބެއްނޫން..

  4. އަހުމެޑް

    ކިހާ ވަރެއްގެ ހިރާސް އެއްބާ ތިމީހުން ތި ބުނަނީ