ކޮވިޑް-19 އިން ދިފާއުވުމަށް ޖަހަން ޖެހޭ ވެކްސިންގެ ތިން ވަނަ ޑޯޒް ނުވަތަ ބޫސްޓާ ޑޯޒް މިހާތަނަށް އައިއިރު، 1،577 މީހުން ޖަހާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފިއެވެ.

ރާއްޖޭގައި ފައިޒާ ވެކްސިންގެ ތިން ވަނަ ޑޯޒް ޖެހި ފަހުން ހަ މަސް ދުވަސްވެފައިވާ މީހުން، ބޫސްޓާ ޑޯޒް ޖެހުމަށް އެޕޮއިންޓްމަންޓް ހެއްދުމަށް އެޗްޕީއޭ އިން ހުޅުވާލާފައި ވަނީ މި މަހުގެ ދެވަނަ ދުވަހުން ފެށިގެންނެވެ. އަދި ބޫސްޓާ ޑޯޒް ދޭން ފެށީ ޖެހިގެން އައި ދުވަހުއެވެ.

ކޮވިޑް-19 ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންގެ ތެރެއިން ބަލި ޖެހުމުން ނުރައްކާ ބޮޑުވެދާނެ މީހުންނާއި ފްރަންޓްލައިންގައި މަސައްކަތް ކުރާ ސިއްޙީ ޚިދުމަތްތެރިންނަށް އިތުރު ވެކްސިން ޑޯޒްއެއް ދިނުމަށް މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އޮން އިމިއުނައިޒޭޝަނުން ވަނީ ލަފާދީފައެވެ.

ބޫސްޓާ ޑޯޒް އެމީހުންނަށް ދޭން ނިންމާފައި ވަނީ މިކަމާ ބެހޭގޮތުން މިހާތަނަށް ކޮށްފައިވާ ދިރާސާތަކަށް ބެލުމަށް ފަހު ކަމަށްވެއެވެ.

މި ވަގުތު ފައިޒާ ވެކްސިނުން އެކަނި ބޫސްޓާ ޑޯޒް ދޭން ނިންމާފައިވާއިރު އެޗްޕީއޭ އިން ބުނި ގޮތުގައި އެ ވެކްސިންގެ ބޫސްޓާ ޑޯޒް ދޭނީ އޭޑީކޭ ހޮސްޕިޓަލުންނާއި ހުޅުމާލޭ ހޮސްޕިޓަލުން، އެޕޮއިންޓްމަންޓް އުސޫލުން އެކަންޏެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިން ޖަހަން ޖެހޭ އާބާދީގެ ބޮޑު ބައެއް މިހާރު ވަނީ ވެކްސިން ޖަހައިފައެވެ. އެޗްޕީއޭ އިން ދިން ފަހުގެ މައުލޫމާތަށް ބަލާ އިރު، ވެކްސިންގެ ފުރަތަމަ ޑޯޒް 394،099 މީހުން ޖަހާފައިވާ އިރު ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައި ވަނީ 354،759 މީހުންނެވެ.

ރާއްޖެ އިން މިހާތަނަށް އައިއިރު 87،000 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ފައްސިވެ 241 މީހުން ބަލީގައި ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު