ރިޒް ކުންފުނީގެ ވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަލީ ރިޒާގެ މައްޗަށް އުފުލާފައިވާ ހިއުމަން ޓްރެފިކިންގެ ދައުވާގެ ލިޔުމާ ގުޅުވައި ދައުލަތުން އުފައްދަމުން ދިޔަ އޮޅުންތަކާ ހުރެ ޝަރީއަތް ފެށުން ދެ މަހަށް ދިގު ދަންމާލެވޭނެ ނިންމުމެއް ގާޒީ ނިންމަވައިފިއެވެ.

މި މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ދައުލަތުން ވަނީ ދައުވާގެ ލިޔުމުގައި އިދާރީ ކުށެއް އޮތް ކަމަށް ބުނެ އެ ދައުވާ އިސްލާހު ކުރަން އެދިވަޑައިގެންފައެވެ. އަދި މައްސަލަ ބައްލަވާ ގާޒީ ދީބަނާޒް ފަހްމީ އެ އިޒުނަ ދެއްވައި، މިއަދުގެ ޝަރީއަތުގެ ނިޔަލަށް ދައުލަތަށް އެ ފުރުސަތު ދެއްވުމަށް ނިންމެވިއެވެ.

ނަމަވެސް މިއަދުގެ އަޑުއެހުން ފަށަމުން ގާޒީ ވިދާޅުވި ގޮތުން، ދައުލަތުން ވަނީ ކުރިން ވެސް ދައުވާގައި އެ އޮތް ގޮތަށް ދައުވާ އިއްވުމަށް ދައުލަތުން ނިންމެވި ކަން ހާމަކުރައްވައި ކޯޓަށް ސިޓީއެއް ފޮނުވައިފައެވެ.

މިކަމާ ގުޅިގެން ދައުވާ އިއްވަން ދިފާއުން އިއުތިރާޒް ކުރިއެވެ. ދިފާއީ ވަކީލުން ވިދާޅުވީ، ދައުލަތުން ބޭނުން ވަގުތެއްގައި ދައުވާ އިސްލާހުކޮށް "ސްޓޭންޑް ބަދަލު ކުރަން" ފުރުސަތު ދިނުމަކީ ޝަރީއަތް "އެބިއުޒް ކުރުން" ނުވަތަ "ނުފޫޒު ފޯރުވަން" ދެވޭ ފުރުސަތެއް ކަމަށެވެ.

ދިފާއުން އެދިވަޑައިގަތީ، މީގެ ކުރިން ވެސް ގާޒީ ވަކި ގޮތެއް ނިންމަވާފައިވާ ކަމަކަށް ވާތީ، ކުރިން ވެސް އަންގަވާފައިވާ ގޮތުގެ މަތިން ދައުވާ އިއްވުމަށެވެ. އެހެން ނޫން ނަމަ، މުވައްކިލްގެ ހައްގުތަކަށް ހުރަސް އެޅި އަދި ޝަރީއަތުގެ ވަގުތުތައް ވެސް ބޭކާރުވާ ކަމަށް ދިފާއީ ވަކީލުން ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ދައުލަތުން ވިދާޅުވީ، ކުރިން އިސްލާހު ކުރަން އެދުނީ ގާނޫނަށް އައި އިސްލާހަކާ ހެދި ކަމަށެވެ. އެކަމަކު އޭގެ ކުރީ އަޑުއެހުމުގައި ދައުލަތުން ވިދާޅުވީ އިދާރީ ކުށެއް ކަމުގައެވެ. މިއަދު ވިދާޅުވީ، އެ ގޮތަށް ފާހަގަ ކުރެއްވިޔަސް، އޭރު ވެސް މަގްސަދަކަށްވީ ގާނޫނަށް ގެނައި އިސްލާހާ އެއް ގޮތަށް ހުށަހެޅުމެވެ. އެކަމަކު ފަހުން ދިރާސާ ކުރުމުން މި ގޮތަށް ގެންނަން ޖެހޭ ކަން ފާހަގަވީ ކަމަށް ދައުލަތުން ވިދާޅުވިއެވެ.

ގާނޫނު ތަސައްވުރު ކުރާ ހާލަތެއް ނޫން، ދެ މަހުގެ ލަސްވުމެއް

ދެ ފަރާތުން ފާހަގަ ކުރެއްވި ނުކުތާތަކަށް ފަހު، ގާޒީ ދީބަނާޒް ވިދާޅުވީ މިހާރު ކުރިމަތިވެފައިވާ ހާލަތަކީ ޖިނާއީ އިޖުރާއަތްތަކުގެ ގާނޫނު ތަސައްވުރު ކުރާ ހާލަތެއް ނޫން ކަމުގައެވެ. އެހެންކަމުން ގާޒީއަށް ފެނިވަޑައިގަންނަވާ ގޮތަކީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމުގެ ފޯމު މެދުވެރިކޮށް އެ ކަން ކުރިއަށް ގެންދިއުމެވެ.

މި ގޮތުން އަންނަ މަހުގެ 23 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ނިޔަލަށް ދިފާއުގެ ހުށަހެޅުން ފޯމު މެދުވެރިކޮށް ހުށަހަޅަން ގާޒީ އެންގެވިއެވެ. އަދި އޭގެ ރައްދު ދައުލަތުން ހުށަހަޅަން އަންނަ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހަށް ފުރުސަތު ދެއްވަން ގާޒީ ނިންމެވިއެވެ.

ގާޒީ ދީބަނާޒް ވިދާޅުވި ގޮތުން، ދެން މައްސަލައިގެ އަޑުއެހުމެއް އޮންނާނީ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހާއި 23 ވަނަ ދުވަހާ ދެމެދުން ވަކި ދުވަހެއްގައެވެ. އެއީ އެ ހުށަހެޅުންތައް އިއްވަން ބާއްވާ ކުރު އަޑުއެހުމެކެވެ. އެއަށް ގޮތެއް ނިންމަން އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށް ވެސް ގާޒީ ވިދާޅުވިއެވެ.

މިއީ ދައުވާ އިއްވުމުގެ ކުރިން ހިނގާ މަރުހަލާއެއްގެ ގޮތުގައި ކުރިއަށް ދާނެ މަރުހަލާއެއް ކަމުގައި ވެސް ގާޒީ ފާހަގަ ކުރެއްވިއެވެ. އެހެންކަމުން ދައުވާ އިއްވުމާއި ދައުވާއަށް ޖަވާބުދާރީވުމުގެ މަރުހަލާ ދާނީ މި ހުށަހެޅުންތަކާ މެދު ގާޒީ ގޮތެއް ނިންމެވުމުން ކަމަށް ވިދާޅުވިއެވެ.

އެހެންކަމުގައިވާ ނަމަ، ދައުވާ އިއްވައިގެން ޝަރީއަތް ދެން ފެށޭނީ ޑިސެމްބަރު މަހުގެ ފަހުކޮޅަށް ވުރެ ވެސް ފަހުންނެވެ.

ރިޒާއަށް ކުރާ ދައުވާގެ ޚުލާސާއެއް

ރިޒާގެ މައްޗަށް މި ދައުވާ އުފުލީ ބ. ބޮޑުފިނޮޅުގައި ރިސޯޓެއް ތަރައްގީ ކުރަމުން ދިޔައިރު، އޮޅުވާލައިގެން ބިދޭސީން ރާއްޖެ އެތެރެކުރުމާއި މުވައްޒަފުންނަށް މުސާރަ ނުދީ މަސައްކަތް ކުރުވި މައްސަލައިގައެވެ.

ރިޒާގެ އިތުރުން މި މައްސަލާގައި، ށ. މިލަންދޫ، ރެޑްރޯސް، ނަސްރުﷲ އުސްމާން އަދި ނ. މާފަރު، ބްލާސަމްގެ، ހަސަން އުމަރުގެ މައްޗަށް މީހުން ޓްރެފިކް ކުރުމުގެ ކުށުގައި ބައިވެރިވުމުގެ ދައުވާ ކޮށްފައިވެއެވެ.

ބޮޑުފިނޮޅުގައި ރިސޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތްތަކާ ރިޒާގެ އާރްއައިއެކްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުވެ، އެ މަސައްކަތް ކުރުމަށް މީހުން ޓްރެފިކްކޮށް ގަވައިދާ ހިލާފަށް ގިނަ އަދަދެއްގެ ބިދޭސީންނަށް އޮޅުވާލައި މަކަރާއި ހީލަތުން ރާއްޖެ އެތެރެކޮށްފައިވާ ކަމަށް ރިޒާއަށް ކުރާ ދައުވާގައިވެއެވެ.

އަދި ރާއްޖޭގެ ރަށްތަކުން ހޯދައި އެ ބިދޭސީން އެ ކުންފުނީގެ ބެލުމުގެ ދަށުން ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ގެންގޮސް، މަޖުބޫރީ ހާލަތުގެ ބޭނުން ނަހަމަގޮތުގައި ހިފައިގެން ގާނޫނާ ޚިލާފަށް މުސާރައާއި އުޖޫރަ ނުދީ ބޮޑުފިނޮޅުގައި ގިނަ ދުވަސްތަކެއް ވަން ދެން މަސައްކަތް ކޮށްފައިވާ ކަމަށް ދައުވާގައިވެއެވެ.

އޭގެ ތެރެއިން މުސާރައާއި އިނާޔަތް ހޯދަން އަޑު އުފުލާ ބިދޭސީންނަށް ބިރު ދައްކައި، ވަޒީފާއިން ވަކިކޮށް، ބޮޑުފިނޮޅުގައި މަސައްކަތުގައި ދެމިތިބުމަށް ބިދޭސީންނަށް މަޖުބޫރުކޮށްފައިވާ ކަމަށް ވެސް ދައުވާގައި ތުހުމަތުކޮށްފައިވެއެވެ.

ބޮޑުފިނޮޅުގައި ރިސޯޓެއް ހަދަން އެހެން ކުންފުންޏެއްގެ އަތުން މަސައްކަތް ނަގައިގެން އުޅުނު ރިޒް ކުންފުނިން މުވައްޒަފުންނަށް މުސާރަ ނުދީ މަސައްކަތް ކުރުވި މައްސަލަ ފެންމަތިވީ އެ ރަށުގައި ތިބި ބިދޭސީން ވެގެން ރަށުގައި ތިބި ދިވެހިން ރަހީނުކޮށް ބޮޑު ހަމަނުޖެހުމެއް ހިންގި ތަނާއެވެ.

މިދިޔަ އަހަރުގެ ޖުލައި މަހު ހިނގި އެ ހަމަނުޖެހުމަށް ފަހު ފުލުހުން އެ މައްސަލަ ތަހުގީގުކޮށް ރިޒާއާއި ކުންފުނީގެ އިތުރު ދެ މީހަކަށް ދައުވާ ކުރަން ޕީޖީ އޮފީހަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފޮނުވީއެވެ. ރިޒާއަށް ދައުވާ ކުރަން ޕީޖީ އޮފީހުން ނިންމީ މި އަހަރުގެ އޮގަސްޓް މަހު ތެރޭގައެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހުސޭނުބޭ

    އުންސަރުތައް އުތުރި އެރީދޯ! ތީ ވާނެވަރު! ރިހާކުރުފުޅު ވަގަށްނެގި ސޮރު ނަމަ މިހާރު އިދިފުށަށް ހަންދަމާލާފީސް!

  2. ރބރ

    ޒީރޯ ޓޮލަރަންސް ގެދަށުން ށުން އުންސުރު ހަމައެއް ނުވާނެ
    ‎ޢިންޑިޢާ މިލިޓަރީ އައުޓް ޢިންޑިޢާ މިލިޓަރީ އައުޓް
    ‎ޢިންޑިޢާ މިލިޓަރީ އައުޓް ޢިންޑިޢާ މިލިޓަރީ އައުޓް
    ‎ޢިންޑިޢާ މިލިޓަރީ އައުޓް ޢިންޑިޢާ މިލިޓަރީ އައުޓް
    ‎ޢިންޑިޢާ މިލިޓަރީ އައުޓް ޢިންޑިޢާ މިލިޓަރީ އައުޓް
    ‎ޢިންޑިޢާ މިލިޓަރީ އައުޓް ޢިންޑިޢާ މިލިޓަރީ އައުޓް
    ‎ޢިންޑިޢާ މިލިޓަރީ އައުޓް ޢިންޑިޢާ މިލިޓަރީ އައުޓް
    ‎ޢިންޑިޢާ މިލިޓަރީ އައުޓް ޢިންޑިޢާ މިލިޓަރީ އައުޓް
    ‎ޢިންޑިޢާ މިލިޓަރީ އައުޓް ޢިންޑިޢާ މިލިޓަރީ އައުޓް

  3. ދުންމާރި

    ތިޔަ މައްސަލަ ވާނީ ހުދުކާފޫރަށް ލާދީނީ އެމްޑީޕީ މެމްބަރުން ހިންގާ ޖަރީމާތައް އެނުވާނެ މާ ބޮޑުކަމަކަށް އެހެންމ ނިކަމެތި ރައްޔިތަކުގެ މައްޗަށް ތުޚުމަތެއް ކުރެވިއްޖެނަމަ 100 ދަޢޫވާ ކުރާނެ އުންސުރު ހަމަވާނެ ދަޢޫވާ އޮޅުމެއްވެސް ނާރާނެ ތިޔަ މައްސަލަ އެންމެފަހުން ދަޢުވާ އިސްލާޙުކުރުމުގެ ނަމުގަ އަނބުރާ ގެންގޮސް އެހިސާބުން މައްސަލަ ވާނުވާ ނޭނގޭނީ މީ މި ލާދީނީ ސަރުކާރުގެ އަދުލު އިންސާފު ސަދޫމަށްވުރެ 10 ގުނަ މޮޅުވާނެ އިންސާފު ލިބުމުގަ މީ އިންސާފު ހޯދާދީ ޙައްޤު މިންވަރު ހޯދާދޭން އައި ސަރުކާރު

  4. ކޮއްޔާ

    ހެހެހެއްހޭ !! އަދި ދެއަހަރުވެސް ދާނެ // ތީގާތްމީހުންނުން //