ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ވަގުތީ މިސްކިތެއް އަޅާނެ ބަޔަކު ހޯދަން އިސްލާމިކް މިނިސްޓްރީން އިއުލާންކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވަގުތީ މިސްކިތެއް އިމާރާތް ކޮށްދޭނެ ބަޔަކު ހޯދުމަށް، ބީލަން ހުށަހެޅުމަށް ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ. ބީލަމުގައި ބައިވެރިވުމަށް އެދޭ ނަމަ މާދަމާ މެންދުރު ދޭއްގެ ކުރިން އެ މިނިސްޓްރީގެ މެއިލް [email protected] މެދުވެރިކޮށް ރަޖިސްޓްރީ ވުމަށް އެދިފައިވެއެވެ.

އެޗްޑީސީގެ މީޑިއާ އޮފިޝަލް "ވަގުތު" އަށް ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރަން ހަމަޖެހިފައިވާ ވަގުތީ މިސްކިތަށް ބިން ހަމަޖެހިފައިވާ ކަމަށެވެ. އަދި ދާއިމީ މިސްކިތެއް އެޅުމަށް ވެސް ބިން ހަމަޖައްސާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 25 ބުރީގެ 16 ޓަވަރު އަޅައި ރައްޔިތުންނަށް އެތަނުގައި ދިރިއުޅެވޭނެ މަގު ތަނަވަސްކޮށްދީފައިވާ އިރު ގިނަ އަދަދެއްގެ ބަޔަކު ވަނީ ފްލެޓްތަކުގައި ދިރިއުޅެން ފަށައިފައެވެ.

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި ނަމާދު ކުރުމަށް މިސްކިތެއް ނެތް އިރު، މިދިޔަ މަހުގެ 15 ވަނަ ދުވަހު އިސްލާމިކް މިނިސްޓްރީން ވަނީ އެ ސަރަހައްދުގައި ވަގުތީ މިސްކިތެއް އެޅުމަށް ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައެވެ.

ހަތަރު މިލިއަން ރުފިޔާ ހަރަދުކޮށްގެން އިމާރާތްކުރާ ފުރަތަމަ ވަގުތީ މިސްތަކީ 450 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އަދި 80 ދުވަހުގެ ތެރޭގައި މިސްކިތުގެ މަސައްކަތް ނިންމުމަށް މިނިސްޓްރީން ވަނީ އެ ކުންފުންޏަށް އަންގައިފައެވެ.