ރާއްޖޭގެ ބައެއް އިދާރާތަކުގެ މީހުން ބިނާކުރުމަށް ނުވަތަ ތަމްރީނުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑިއާ ތައްޔާރަށް އޮތް ކަމަށް އެ ގައުމުގެ ކޮމްޕްޓްރޯލާ އެންޑް އޮޑިޓަ ޖެނެރަލް މރ. ގްރިޝް ޗަންދްރަ މުރްމު އިއްޔެ ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް ފައިސަލް ނަސީމް ވަނީ އިންޑިއާގެ ކޮމްޕްޓްރޯލާ އެންޑް އޮޑިޓަ ޖެނަރަލްއާ ބައްދަލު ކުރައްވައިފައެވެ.

ރައީސް އޮފީހުގައި އޮތް މިބައްދަލުކުރެއްވުމުގައި، ނައިބު ރައީސް ވަނީ ސަރުކާރުގެ އޮޑިޓާއި ގުޅުންހުރި އިދާރާތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން އިންޑިއާގެ ކޮމްޕްޓްރޯލާ އެންޑް އޮޑިޓަ ޖެނަރަލް ފަދަ ތަޖުރިބާކާރު ބޭފުޅަކު ދެއްވިކަމަށްޓަކައި ޝުކުރުއަދާކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ހުރިހާ ދާއިރާއަކުންވެސް އެހީތެރިކަން ފޯރުކޮށްދެއްވާކަމަށްޓަކައި އިންޑިއާގެ ސަރުކާރަށް ޝުކުރުއަދާކުރައްވާފައެވެ. މިގޮތުން އިންޑިއާ ސަރުކާރުން ޚާއްޞަގޮތެއްގައި ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް ވެދެއްވާ އެހީތެރިކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވެވިއެވެ.

ނައިބު ރައީސް ފައިސަލް ނަސީމް، އިންޑިއާގެ ކޮމްޕްޓްރޯލާ އެންޑް އޮޑިޓަ ޖެނަރަލްއާ ބައްދަލު ކުރައްވަނީ. -- ފޮޓޯ: ރައީސް އޮފީސް

އިންޑިއާގެ ކޮމްޕްޓްރޯލާ އެންޑް އޮޑިޓަ ޖެނަރަލް ދެއްކެވި ވާހަކައިގައި ވަނީ ރާއްޖޭގެ ބައެއް އިދާރާތަކުގެ މީހުން ބިނާކުރުމަށް ނުވަތަ ތަމްރީނުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑިއާ ތައްޔާރަށްއޮތްކަމުގައި ވިދާޅުވެފައެވެ. އަދި ޚާއްސަކޮށް ހެޔޮވެރިކަން ކުރިއަށް ގެންދިއުމަށާއި، ސިއްހީ އަދި ތައުލީމީ ދާއިރާ އިން މީހުން ބިނާކުރުމަށް އެހީތެރިކަން ފޯރުކޮށްދެވިދާނެކަމުގައި އެބޭފުޅާ ވިދާޅުވިއެވެ.

މީގެ އިތުރުން އެކި ދާއިރާތަކުން އޯޑިޓް ކުރުމަށް އެހީތެރިކަން ފޯރުކޮށްދެވުމަށްވެސް އެބޭފުޅާ ވަނީ ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ. އެގޮތުން ތިމާވެށީގެ ދާއިރާއިންނާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާ އެބޭފުޅާ ފާހަގަކުރެއްވެވިއެވެ. އަދި އެބޭފުޅާ ވަނީ ޤައުމުގައި ހުރި ވަސީލަތްތައް އެންމެ ފުރިހަމައަށް ބޭނުން ކުރުމުގެ މުހިންމުކަމުގެ މައްޗަށް މި ބައްދަލުކޮށްލެއްވުމުގައި އަލިއަޅުއްވާލައްވާފައެވެ.

ނައިބު ރައީސް ފައިސަލް ނަސީމް، އިންޑިއާގެ ކޮމްޕްޓްރޯލާ އެންޑް އޮޑިޓަ ޖެނަރަލްއާ ބައްދަލު ކުރައްވަނީ. -- ފޮޓޯ: ރައީސް އޮފީސް

މި ބައްދަލުކޮށްލެއްވުމުގައި ނައިބު ރައީސް ާއި އިންޑިއާގެ ކޮމްޕްޓްރޯލާ އެންޑް އޮޑިޓަ ޖެނަރަލް ވަނީ ދިވެހި ސަރުކާރާއި، އިންޑިއާ ސަރުކާރާއި މެދު ސޮއިކުރައްވާފައިވާ ބައެއް އެމްއޯޔޫތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. އަދި މި އެމްއޯޔޫ ތަކުން ލިބިގެންދާނެ ފައިދާތަކާ ގުޅޭގޮތުންވެސް އެ ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ. މީގެ އިތުރުން ދެ ބޭފުޅުންވެސް ވަނީ ދެ ގައުމުގެ ޒަމާންވީ ގާތް ގުޅުން އިތުރަށް ވަރުގަދަކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކެހިވެރިލޯބިވާ

    މިހާރު މި ރާއްޖޭގެ ކޮންމެ ކަމެއްވެސް ކުރެވެނީ އިންޑިޔާއިން ކޮށްދިނީމަ ކަން ދެއްކުންތީ // ސްކޫލްއެއްގެ ހޯލެއެްވިޔަސް މަރާމާތް ކޮށްދެނީ ގެރި އިންޑިޔާ // ރަށެއްގެ ކައުންސިލް އިދާރާ ފަންކާތަށަ ބަދަލް ކުރެަންވެސް ގެރި އިންޑިޔާ // މީބޮޑުވަރު އިސްތިއުފާ ދޭން އަދިވެސް ނުވަނީބާ ؟؟؟؟