ދިއެފްއެމްގެ ކުރީގެ ސީއީއޯ މަސްއޫދު ހިލްމީއަށް ހަމަލާދީ ޒަހަމްކޮށްލި މައްސަލައިގައި ހައްޔަރުކުރި މީހާ ދަށު ކޯޓުން ދޫކޮށްލާފައި ވަނިކޮށް އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ހައި ކޯޓުން އަމުރުކޮށްފިއެވެ.

މި މައްސަލައިގައި ޝަރީއަތް ނިމެންދެން ބަންދު ކުރަން ކޯޓުން އަމުރު ކުރީ ލ. ފޮނަދޫ، ދިލްކުސާގެ އަހްމަދު ޝަމީމްއެވެ.

މޯލްޑިވްސް މީޑިޔާ ކައުންސިލްގެ މެމްބަރު ކަން ވެސް ކުރި މަސްއޫދަށް މިދިޔަ އޮގަސްޓް މަހުގެ ހަތަރުވަނަ ދުވަހު އަންހެނުން ގޮވައިގެން ސައިކަލްގައި ދަނިކޮށެވެ. ފޮނަދޫގައި މަސްއޫދަށް ދަގަނޑުބުރިއަކުން ހަމަލާދިން ކަމަށްވެއެވެ.

ޝަމީމް ހައްޔަރުކުރުމަށްފަހު ހަތް ދުވަހުގެ މުއްދަތެއް ޖެހިއިރު، ފަހުން ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ އޭނާ ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތް ކަމަށް ކަނޑައަޅައި ބަންދުން ދޫކޮށްލައިފައެވެ. އެ މައްސަލަ ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރިއެވެ.

ހައި ކޯޓުން ވަނީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ފޮނަދޫ މެޖިސްޓްރޭޓް ކޯޓަށް އަމުރުކޮށްފައެވެ. އެކަމަކު ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން ދެވަނަ ފަހަރަށް ނިންމާފައި ވަނީ އޭނާ ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނުފެންނަ ކަމަށެވެ.

އެ މައްސަލަ ދައުލަތުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އިއްޔެ އެ ކޯޓުން ކުރި ހުކުމްގައި ވަނީ ދަށު ކޯޓުން ޝަމީމް ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމަށް ކަނޑައެޅިއިރު ތުހުމަތުކުރެވޭ މީހަކު ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައަށް ނުރައްކާ ނުވާނެ ކަމަށް ބުނެ ނިންމި ނިންމުން ގާނޫނާ ހިލާފު ކަމަށެވެ. އަދި އޭނާގެ ފަރާތުން އެފަދަ އެހެން އަމަލެއް ފެނިފައި ނެތުމަކީ އޭނާގެ ފަރާތުން މުޖްތަމައުގެ ސަލާމަތަށް ނުރައްކަލެއް ނެތް ކަމަށް ނިންމޭނެ ސަބަބެއް ނޫން ކަމަށް އެ ހުކުމުގައިވެއެވެ.

އެހެންކަމުން ދަށު ކޯޓުން ކޮށްފައިވާ އަމުރު ބާތިލުކޮށް ޝަމީމް ޝަރީއަތް ނިމެންދެން ބަންދުކުރުމަށް މައްސަލަ ބެއްލެވި ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ އަމުރުކޮށްފައެވެ.

މަސްއޫދަށް ހަމަލާދިން މީހާގެ މައްޗައް ދައުލަތުން ދައުވާ އުފުލާފައި ވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ނުވަ ވަނަ މާއްދާގެ (ހ) އާއި އެ މާއްދާގެ (ށ) ދަށުންނެވެ.

މިހާރު އަމިއްލަ ވިޔަފާރީގައި ހަރަކާތްތެރިވަމުންދާ މަސްއޫދަށް ހަމަލާދިން މީހާ އަކީ މިދިޔަ ޑިސެމްބަރު މަހު ލ.އަތޮޅުގައި އޮންނަ މަސްއޫދު ކާރުގައި ރޯކޮށްލި މައްސަލާގައި ވެސް ފުލުހުން ތަހްގީގް ހިންގަމުންދާ ފަރާތެވެ. އެ ކާރުގައި ރޯކޮށްލާފައި ވަނީ މިދިޔަ އަހަރު ޑިސެމްބަރު މަހުގެ ހަތް ވަނަ ދުވަހުގެ ރޭ ގާތްގަނޑަކަށް ދަންވަރު ތިނެއްް ޖަހާ ކަންހާއިރު ލ. ފޮނަދޫ، މެދު އަވަށު އިޖްތިމާއީ މަރުކަޒުކައިރީގައި ޕާކްކޮށްފައި އޮއްވައެވެ.