ކޮވިޑް-19 އަށް ފަރުވާ ދިނުމަށް ރާއްޖެ ގެންނަން އުޅުނު ވެންޓިލޭޓަރުތަކުގެ މުއާމަލާތުގައި ޚިޔާނާތް ހިންގި މައްސަލައިގެ ތަހުގީގު މި މަހުގެ ނިޔަލަށް ނިންމޭނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މެންބަރަކު ކުރެއްވި ސުވާލެއްގެ ޖަވާބުގައި ޝިއުނާ ވިދާޅުވީ އެ މައްސަލާގައި ނަގަން ޖެހޭ ހުރިހާ ބަޔާނެއް ނަގާ ނިމިފައިވާ ކަމަށާއި އެހެންވެ މި މަހުގެ ނިޔަލަށް މައްސަލައިގެ ތަހުގީގު ނިމޭނެ ކަމަށް ބެލެވޭ ކަމަށެވެ.

"ވެންޓިލޭޓަރު މައްސަލާގައި މިހާރު ހުރިހާ ބަޔާންތައް ނަގައި [ނިމިއްޖެ]، މި މަސް ނިމުމުގެ ކުރިން [މުޅި] އެ ކޭސް އަޅުގަނޑުމެން ނިންމާނަން،" ޝިއުނާ ވިދާޅުވިއެވެ.

އެހެންވިޔަސް އެ މައްސަލައިގެ ތަހުގީގު ނިމި ފޮނުވާއިރު ކުރިން ވެސް ދައުވާ ކުރި އެންމެނަށް ދައުވާ ކުރަން ފޮނުވާނެ ކަމަށް ޝިއުނާ ވިދާޅެއް ނުވެއެވެ. އޭނާ ވިދާޅުވީ، ހެކި ހުރި މިންވަރުގެ މައްޗަށް ބަލައި ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާނެ ކަމަށެވެ.

ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ހިމެނޭހެން މިނިސްޓްރީގެ 11 ބޭފުޅެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވި ނަމަވެސް ޕީޖީ އޮފީހުން ވަނީ ދައުވާތައް އަނބުރާ ފޮނުވާލައިފައެވެ.

ޝިއުނާ މިއަދު ވިދާޅުވީ، ފަހުން އޭސީސީން ތަހުގީގު ގެންދިޔައީ ޕީޖީ އޮފީހުން ލަފާ ދިން ގޮތަށެވެ. މި ގޮތުން ކުރިން ތަހުގީގު ނުކޮށް އޮތް، އެއްބަސްވުމުގައި ހިމެނޭ ކަންކަމުގެ ތަހުގީގު މިހާރު ވަނީ ފުރިހަމަ ކޮށްފައެވެ. އަދި އޭގައި ހިމެނޭ ބައެއް މާލީ މައުލޫމާތު ބޭނުންވާތީ އެ ކަން ވެސް ފުރިހަމަ ކުރަމުންދާ ކަމަށް ޝިއުނާ ވިދާޅުވިއެވެ.

ކޮވިޑް-19ގެ ފަރުވާ އަށް ވެންޓިލޭޓަރު ހޯދަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރީ، 34 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދީފައެވެ. އެކަމަކު އެއިން އެއްވެސް ވެންޓިލޭޓަރެއް ގެނެސްދީފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    މިތަހުގީގު މިސަރުލާރުން އިންސާފުވެރިކޮށް ބެލޭނެކަމަށް ގަބޫލު ނުރެވޭ. ވީމާ މިސަރުކާރު ބަދަލުވުމަށްފަހު އަންނަ ދައުރުގައި މިފަދަ ހުރިހާ ޖަރީމާއެއްވެސް އަލުން ދިރާސާކޮށްފަ އިންސާފު ހާމަކުރާނެ އިންޝާﷲ.

  2. Anonymous

    މިއީ ވައްކަން ކުރާ ވަގު ސަރުކާރެއް. އަހަރެމެން ހީކުރީ ޔާމީން ކަމައް ވައްކަން ކުރީ. މިމީހުން ޔާމިން އައް ވުރެން އެޑްވާންސް ވައްކަން ކުރަން. އަދި ތަރައްގީއެއް ނުގެނެވުނު ތާނގަ އަމިއްލަ ޖީބުން ވެސް ވައްކަން ކުރަނީ. ދެން މި ލާދީނީ ބައިގަނޑައް ވޯޓެއް ނުދޭނަން ހަޔާތުގަވެސް

  3. މުރާދު

    މިހާރުކުރާ ( މިވަގުތުކުރާ ) ތަހުގީގެއް އިންސާފުވެރިވާނެކަމަށް ވަރަށްނުބެލެވޭ