ދިވެހިރާއްޖޭގެ އިޤްތިޞާދަށް ގެއްލުންދިނުމަކީ ޤާނޫނީ ކުށްތަކެއްގެ ގޮތުގައި ކަނޑައެޅުމަށް ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތަށް ސަރުކާރުގެ ފަރާތުން އިސްލާހް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ ޤާނޫނުލް އުޤޫބާތަށް ހުށަހެޅި އިސްލާހްތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ އިޤްތިޞާދަށް ގެއްލުންދިނުމުގެ މަޤްޞަދުގައި ދައުލަތުގެ ނުވަތަ ދައުލަތުގެ އިދާރާއެއްގެ މުދަލަށް ނުވަތަ ވަސީލަތަކަށް ޤަޞްދުގައި ގެއްލުން ދިނުމާއި، މުހިންމު ޢުމްރާނީ ވަޞީލަތަތްތަކަށް ގެއްލުން ދިނުން އަދި ޢާންމު ޚިދުމަތެއް މެދުކަނޑާލުން ހިމަނާފައިވާއިރު، އަދަބު ދޭ ތާވަލަށްވެސް ބޮޑު ބަދަލެއް ގެންނަން ހިމަނާފައިވެއެވެ. މި ބިލުގެ ފުރަތަމަ ކިޔުން އިއްޔެ ވަނީ ރައްޔިތުންގެ މަޖިލީހުގައި އިއްވާފައެވެ.

މި އިސްލާހުގައި ވާގޮތުންނަމަ، ދިވެހިރާއްޖޭގެ އިޤްތިޞާދަށް ގެއްލުންދިނުމަކީ ޖިނާޔަތުގެ ފަސްވަނަ ދަރަޖައިގެ ކުށެކެވެ. މި އިސްލާހުގައި ވާގޮތުން މި ދަރަޖައިގެ ކުށްތަކުގެ އަސާސީ އަދަބަކީ 2 އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ. މިދަރަޖައިގެ ކުށްތަކުގައި އަދަބު އެންމެ ބޮޑުވާ ހާލަތްތަކުގައި 5 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވޭއިރު، އަދަބު އެންމެ ލުއި ކުރެވޭ ހާލަތްތަކުގައި ހަ މަސް ދުވަހުގެ ޖަލު ހުކުމެއް ކުރެވިދާނެއެވެ.

ކުށްތަކުގެ ގޮތުގައި ދިވެހިރާއްޖޭގެ އިޤްތިޞާދަށް ގެއްލުންދިނުމުގެ އިތުރުން މި ބިލުގައި ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރޭގައި، ޖުވާ ކުޅުމާއި ސިހުރު ހެދުމާއި، ޖާސޫސް ކުރުމާއި ދިވެހި ދައުލަތަށް ހިޔާނާތްތެރިވުމުގެ އަމަލެއް ފޮރުވުމާއި، ނަސްލީ ތަފާތުކުރުންތަކާއި، ހުޅުޖެހުމާއި، އުފަންވާ ކުޑަކުދިން ވަގަށް ނެގުމާއި، ފޮރުވުމުގެ އިތުރުން ކޯޓުގެ ހުރުމަތް ކެނޑުމާއި، ރަޔަޓް ކުރުމާއި މަދަނީ ހަމަނުޖެހުން ހިންގުން އަދި ރަމަޟާން މަހު ރޯދަ ނުހިފުން ހިމެނެއެވެ.

މީގެ އިތުރުން އިސްލާމް ދީނާ ދެކޮޅު ހަރަކާތްތަށް ހިންގުމާއި، ޤައުމީ ސަލާމަތަށް ނުރައްކާވެދާނެ އަމަލުތަކާއި، ދައުލަތަށް ހިޔާނާތްތެރިވުމާއި، އެފަދަ އަމަލެއް ފޮރުވުމާއި، ދައުލަތާއި ދެކޮޅު ހަރަކާތެއް ހިންގުމަށް ކުލީ ސިފައިން ހޯދުމުގެ އިތުރުން ބަޣާވާތް ކުރުމާއި، ސަރުކާރު ވައްޓާލަން ރޭވުން އަދި ދައުލަތުގެ އަސްކަރިއްޔާއާއި ދެކޮޅު ހަރަކާތަށްވެސް ކުށްތަކުގެ ގޮތުގައި މި އިސްލާހުގައި ހިމަނާފައިވެއެވެ.

އިސްލާހުގައި އަދަބު ދޭ ތާވަލަށް ބޮޑު ބަދަލެއް ގެންނަން ހިމަނާފައިވާއިރު މީގެ މީގެ ކުރިން ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމް އިއްވާ ޖުނަޙްގެ އެއްވަނަ ދަރަޖައިގެ ކުށްތަކަށް މި އިސްލާހުގައި ވާގޮތުން ނަމަ އިއްވާނީ އެއް އަހަރާއި ހަތަރު މަހުގެ ޖަލު ހުކުމެކެވެ. ޖިނާޔަތުގެ ފަސްވަނަ ދަރަޖައިގެ ކުށްތަކަށް މިހާރު ކަނޑައެޅޭ އަސާސީ އަދަބު ކަމަށްވާ 9 މަހާއި 18 ދުވަހުގެ ޖަލު ހުކުމް، ދެ އަހަރަށް ބޮޑުކުރަން ވެސް މި އިސްލާހުގައި ހިމަނާފައިވެއެވެ.

ދައުލަތަށް ހިޔާނާތްތެރިވުމުގެ ކުށް ސާބިތުވާ މީހަކާ ދައުލަތުގެ މަގާމެއް ދުވަހަކު ވެސް އަދާ ނުކުރެވޭ ކަމަށް ސަރުކާރުން ހުށަހެޅި މި ބިލްގައި ބުނެފައިވާއިރު، ސަރުކާރުން މި ބިލް ހުށަހަޅާފައިވަނީ ޤާނޫނުލް އުޤޫބާތުން ފާހަގަކުރެވިފައިވާ ޤާނޫނީ ހުސްކައްތަކާއި، ޤާނޫނުގައި ހިމެނިފައި ނުވާ މުހިންމު ބޮޑެތި ކުށްތައް ތަފްޞީލީ ގޮތެއްގައި އެ ޤާނޫނުގައި ހިމެނުމަށާއި، ދިވެހިރާއްޖޭގައި ކުށްކުރުމުގެ ޒާތަށް އައިސްފައިވާ ބަދަލުތަކަށް ރިޢާޔަތްކޮށް ކުށްތަކަށް ކަނޑައެޅޭ އަދަބުގެ މިންވަރު ޒަމާނަށް ފެއްތުމަށްޓަކައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ބަފާ

  ޓްއަރިޒަމް ބޯއިކޮޜްކުރަން ގޮވާލާމީހުންނަށް 10 އަހަރުގެ ހުކުމް ކުރަންޖެހޭނެ. ބޭރުގައުމުތަކުގެ އަސްކަރިއްޔާ ގެންނަންގޮވާލުމަކީވެސް ކުށެއް!

 2. ދަރި

  ދިވެހިރާއްޖޭގެ އިޤްތިޞާދަށް ގެއްލުންދިނުންއެއީ ވަކިބަޔަކަށްކުރާ ކަމެއްނޫން
  އެއީ މުޅިގައުމުގެ ހުރިހާ ރައްޔިތުންނަށްވެސް އޭގެނޭދެވޭ އަސަރު ކުރާނެކަމެއް
  ވީމާ، އެފަދަ ޢަމަލެއްހިންގިފަރާތަކަށް ދޭންޖެހޭއަދަބު އަދިވެސްކުޑަކަމުގައި
  ދެކެން އެއީ ގައުމުގެ އިޤްތިޞާދަށް ގެއްލުންދިނުމަކީ ގައުމުގެ ހުރިހާ ރައްޔިތުންނަށް
  ގެއްލުންދިނުންކަމުގައިވާތި

 3. ބޭބެ

  ވަރަށް ރަގަނޅު ބަދަލުތަކެއް!! މީގައި އަލަށް ހިމެނުނު ކަންތައްތަކަކީ ވަރަށް ރަގަނޅަށް ދިރާސާކޮށްފައި ހިމަނާފައި ހުރި ކަންތައްތައްކަން ފާހަގަކުރެވޭ!!

 4. ނުރަބޯ

  ތިޔަކަން މިހާރު މާ ލަސްވެސް ވެއްޖެ ރީނދޫ ޕާޓީން، ރާއްޖެއިން ބޭރުގެ އެކި ޖަމިއްޔާތަކުން ދިވެހިރާއްޖެއަށް ދޭ އެހީއަށް ހުރަސް އެޅުމާ ރާއްޖެއަށް ފަތުރުވެރިން އައުމަށް ހުރަސް އަޅަން ރާއްޖެއިން ބޭރުގައި ބަޔަކު ބައިތިއްބައިގެން އެ ހިންގާ ނުބައި ޖަރީމާ އިން ގައުމަށް ލިބޭ ނުތަނަވަސް ކަމާ ނޭދެވޭ އަސަރުތައް ކުޑަކުރަން ދައުލަތުން ބޮޑު ހޭދައެއް ދަނީ ކުރަމުންނެވެ. އެހެންކަމުން ގައުމުގެ އިގްތިޞާދަށް ނޭދެވޭ އަސަރެއްކުރާ ކަންކަމަކީ، އަދި ގައުމުގެ މިނިވަންކަމާ އިސްތިގުލާލަށް ގެއްލުމެއް ކުރިމަތިވެދާނެކަމެއް(ބޭރުގައުމެއްގެ ސިފައިން މިގައުމަށް އަރަން ގޮވާލުން ފަދަކަންކަން) ކުރުމަކީ އަދި މިބިމުގައި މާތްވެގެންވާ އިސްލާމްދީނަށް އެއްވެސް ނުރައްކަލެއް، ގޮންޖެހުމެއް ކުރިމަތިވެދާނެފަދަ ޢަމަލެއް ކުރުމާ އެފަދަކަމަކަށް ގޮވާލުމަކީވެސް ހަމަ އެއްމެ ބޮޑެތި ކުށް ކަމަށް ބަލާ އެފަދަ މީހުންނަށް ހަރުކަށި އަދަބު ގާނޫނުގައި ކަނޑައަޅާ އެކަން ތަންފީޒު ކުރަންޖެހޭނެއެވެ....!!!

 5. Anonymous

  ހަމަ ބަރާބަރު. އެއީ ބޮޑުވެގެންވީ ކުށަކަށް ހަދަންވީ. އެކަމަކީ މުޅި ދިވެހިރައްޔިތުންނަށްދޭ ގެއްލުމެއް. އަދަބު ބޮޑުވާންޖެހޭނެ. ދުވަހަކު ވެރިކަމުގެ ވަސްދުވާ ހިސާބަށްވެސް އާދެވިގެން ނުވާނެ. ވެރިކަމަށް ކުފޫ ހަމަވާނީ، ދިވެހި ގައުމާޢި ދިވެހި ރައްޔިތުންނަށް ގެއްލުން ދިނުމަށް މަސައްކަތް ނުކުރާ އަދި ގައުމުގެ މިނިވަންކަމާއި، ގައުމަށް ލިބޭ ރީތިނަށް ހަރާބު ކުރުމަށް މަސައްކަތްނުކުރާ މީހުން.

 6. ހަނާ

  ގައުމުގެ ރައްޔިތުން ބަނޑަށް ޖައްސާ ގައުމު ކައިރި ބޮޑު ބާރަކަށް ދިނުމަށް މަސައްކަތްކުރާ އަދި، މުސްލިމުންގެ ގޮތުގައި ތިއްބައި ޣައިރު ދީނަށް އަނބުރާ ނުވަތަ އަނބުރޭނެ ގޮތަށް، ﷲ އަށް ޝަރީކު ކުރެވޭ ގެތަކާޢި ތަންތަން ހެދުމަށް އުޅޭ މީހުންނަކީ ބޮޑު އަދަބުދޭންޖެހޭ ބައެއް. އަދި މިފަދަ ހާއިނުންނަށް ދުވަހަކުވެސް ދިވެހި ގައުމުގެ މުހިންމު އެއްވެސް މަގާމަކަށް މީގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާއާއި ނައިބާއި، މިނިސްޓަރު ކަމާޢި، މަޖިލިހުގެ މެންބަރު ކަމާޢި، މޭޔަރު ކަމާއި، ކައުންސިލަރުކަންފަދަ އެއްވެސް ކަމެއް ލިބިގެން ނުވާނެ.

 7. ޒާ

  ކޮބާ ހަގީގަތާއި ޚިލާފު ދޮގު ވާހަކަ ބޭރުގެ ފަރާތްތަކަށް ފޯރުކޮށްދީ ރާއްޖޭގެ އަގު ބޭރު ދުނިޔޭގައި ނަގާލުމުގެ ކުށް. އެކަމުގެ ސަބަބުން ދިވެހިންނަށް ލިބޭ ބަދުނާމާއި ޖެހޭ ދުއްތުރާތަކާއި ދިވެހި ދައުލަތުގެ ކަރާމާތް ގެއްލުމާއި، ގައުމީ ދިފާޢީބާރުގެ އަގު ވައްޓާލުމާއި ގައުމިއްޔަތަށް ނުރައްކާ ވުން ހިމެނެއެވެ. އެފަދަ ވާހަކަ ތައް މީގެ ކުރިން ވަނީ ކެރަފާ ނަޝީމާއި، މުޙައްމަދު ޖަމީލާ، ނަޝީދުވެސް އިންޑިއާގައިވެސް ދައްކާފައެވެ.

 8. އައްބޭބެ

  ތިޔަކުށުގައި ބެދޭނެމީހުން މުޅިންތިބީ. ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކޮށް އިސްރާފުކުރުމާއި ވައްކަންކުރުމަކީ އިޤްތިޞާދަށް ގެއްލުންދިނުން،