ރޭޕްގެ ކުށް ސާބިތުވެގެން މީހަކު 15 އަހަރު ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

ކްރިމިނަލް ކޯޓުން މިހުކުމް ކޮށްފައި ވަނީ ގދ. ތިނަދޫ / ނިއުލައިފް، ޝެހެޒާދު އަބްދުލް އަޒީޒުގެ މައްޗަށެވެ.

ޤާނޫނުގެ އަސާސީގެ 42 ވަނަ މާއްދާ އާއި ޖިންސީކުށުގެ ޤާނޫނުގެ 58 މާއްދާ އަށް ރިޢާޔަތްކޮށް ޝަރީއަތް ކުރިއަށްދިޔަ ގޮތުގެ ރިޕޯޓް ކްރިމިނަލް ކޯޓުގެ ވެބްސައިޓަށް އަޕްލޯޑް ކުރެވިފައެއް ނުވެއެވެ.

ނަމަވެސް ހުކުމުގެ ހުލާސާއެއް ކްރިމިނަލް ކޯޓުން ވަނީ އާއްމު ކޮށްފައެވެ. ހުލާސާގައި ބުނެފައި ވަނީ ދައުލަތުން ކުޅަ ރޭޕްކުރުމުގެ ކުށުގެ މިދަޢުވާ ޤާނޫނު އަސާސީ ގައި ބަޔާންކުރާ އެކަށީގެންވާ ޝައްކެތް ނެތް މިންވަރަށް ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި، މި ކުށުގެ އުޤޫބާތެއްގެ ގޮތުން، ޖިންސީ ކުށުގެ ޤާނޫނުގެ 14 ވަނަ މާއްދާގެ (ހ) އާއި އެމާއްދާގެ (ނ) ގެ ދަށުން، ޝެހެޒާދު ޢަބްދުލްޢަޒީޒް، 15 އަހަރު ދުވަހަށް ޖަލަށް ލުމަށް ޙުކުމްކުރާކަމަށެވެ.

ނަމަވެސް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 186 ވަނަ މާއްދާއަށް ރިޢާޔަތްކޮށް މި މައްސަލައިގެ ތަޙްޤީޤު މަރުހަލާގައި ބަންދުގައި ހޭދަކުރި 50 ދުވަސް ޝެހެޒާދު ޢަބްދުލްޢަޒީޒުގެ މައްޗަށް ކަނޑައެޅުނު ޖަލު އަދަބުން އުނިކުރުމުން، ތަންފީޒު ކުރަންޖެހޭ އަދަބަކީ 14 އަހަރާއި 10 މަހާއި 10 ދުވަސް ކަމަށް ކަނޑައަޅައި، އެގޮތުގެ މަތިން ޙުކުމްކުރާ ކަމަށް ހުކުމުގައި ބުނެފައި ވެއެވެ.

ޝެހެޒާދު ޢަބްދުލްޢަޒީޒްގެ މައްޗަށް ދައުލަތުން ވަނީ އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ ވެސް ކޮށްފައެވެ. ނަމަވެސް އެދައުވާ އޭނާގެ މައްޗަށް ސާބިތެއް ނުވެއެވެ. ކްރިމިނަލް ކޯޓުން އެމައްސަލައިގައި އިއްވި ހުކުމުގައި ބުނެފައި ވަނީ ޝެހެޒާދު ޢަބްދުލްޢަޒީޒްގެ މައްޗަށް ދަޢުލަތުން ކުރި އެދަޢުވާއަށް އޭނާ އިންކާރު ކޮށްފައިވާތީއާއި، ދަޢުވާ ސާބިތުކުރުމަށް ދަޢުލަތުން ހުށަހެޅި ހެކި ޤަރީނާތަކުން، ޤާނޫނުގެ އަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ އެކަށީގެންވާ ޝައްކެތް ނެތް މިންވަރަށް ޝަރީޢަތަށް ސާބިތުކޮށްދެވިފައިނުވާތީ، މި ދަޢުވާ ޝަރީޢަތަށް ސާބިތުނުވާކަމަށް ކަނޑައަޅައި އެގޮތުގެ މަތިން ޙުކުމް ކުރާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އެނޮނިމަސް

    ކީއް ކުރަން މިގައުމުގަ ހައްޔަރު ކޮއްފަހުކުމް ކުރަނީވެސް އެއްވެސް ހަމަޖެހޭ އަދަބެއް ނުދެވެންޏާ.ޖުޑިށަރީ އާ ފުލުހުންގެ އިދާރާ އުވާލާފަ ރައްޔިތުންނައް އެހެން ހިދުމަތް ދީ

  2. އަލްފާ

    ކަލޯ އަހަރެމެން އަތުން ކަޓުވާލި 55،000 ޑޮލަރު ހިފާގެން ޖަލަށްވަނީ ދޯ؟ މީ ވާ ގައުމެއް. އިންސާފުއޮތީ ކަޓުން ތެމިފޯވެފައި

  3. ޞައްދާމު

    "ދައުލަތުން ކުޅަ ރޭޕްކުރުމުގެ ކުށުގެ މިދަޢުވާ" މިގޮތަށް ޢިބާރާތް ކުރުމުން ބެލެވެނީ، ކުށް ކޮށްގެން އުޅެނީ ދައުލަތުން ކަމަށް. "ތިންމަސް ބާނާދޮށި" "ފަސްއަތްގަނޑުލީ ގޮނޑި" މިނޫން ގޮތަކަށް ޢިބާރާތް ކުރެވެން ޖެހޭ!