ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ ރައީސް ކަމަށް މަރިޔަމް މުނާ އަދި ކޮމިޝަންގެ ނައިބު ރައީސް ކަމަށް އަހުމަދު އަދުހަމް އަބްދުﷲ އައްޔަންކުރަން ރުހުން ދޭން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ކޮމިޝަންގެ ރައީސަކަށް މުނާ އައްޔަން ކުރަން ރުހުން ދިނީ 47 މެންބަރުންގެ ވޯޓުންނެވެ. ނައިބަކަށް އަދުހަމް އައްޔަން ކުރަން ރުހުން ދިނީ 46 މެންބަރުންގެ ވޯޓުންނެވެ. ރުހުން ދޭން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ.

އެޗްއާރުސީއެމްގެ ރައީސް ކަމަށް މުނާ އަދި ކޮމިޝަންގެ ނައިބު ރައީސް ކަމަށް އަދުހަމް އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މުނާ އާއި އަދުހަމްގެ ފޮނުއްވީ މިދިޔަ ހަފުތާގެ އަންގާރަ ދުވަހުއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން މި ގޮތަށް ނަން ފާސްކުރިއިރު، މީގެ ރިޕޯޓް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވާނެއެވެ. ތަޅުމުގައި މެމްބަރުން ރިޕޯޓަށް ބަހުސް ވެސް ކުރައްވާނެއެވެ. އެއަށް ފަހު އެ މަގާމުތަކަށް އައްޔަން ކުރަން ފާސްވާނީ ތަޅުމުގައި ނަގާ ވޯޓުންނެވެ.

އެޗްއާރުސީއެމްގެ މެންބަރުންގެ ގޮތުގައި ތިއްބެވީ މުނާއާއި އަދުހަމްގެ އިތުރުން މޫމިނާ ވަހީދުއާއި، އައިމިނަތު ޝިފާއަތު އަބްދުއްރައްޒާގްއާއި، ސަމާއު އަހުމަދު ނަޖީބްއެވެ. މިއީ ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަނެކެވެ.