އައްޑޫސިޓީ ގަމުގައި މޯލްޑިވިއަނުން ހިންގުމަށް ހަމަޖެހިފައިވާ ފްލައިން ސްކޫލާއި ގުޅޭ އެއްބަސްވުމުގައި މާދަމާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ) އާއި އެކު ސޮއި ކުރުމަށް ނިންމައިފިއެވެ.

މާދަމާ ހެނދުނު ގަމުގައި އެކަމާއި ގުޅިގެން ބާއްވާ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވިއަނުން ވަނީ ބުނެފައެވެ.

މޯލްޑިވިއަން އިން އައްޑޫގައި ފްލައިން ސްކޫލް ހިންގުމަށް ހަމަޖެހިފައިވަނީ މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން (އައިއޭއެސް) އާއި ގައުމީ ޔުނިވާސިޓީ ގުޅިގެން އުފައްދާ ޖޮއިންޓު ވެންޗާ ކުންފުންޏަކުންނެވެ. މި ކުންފުނީގެ ދަށުން އެ ސްކޫލް މެނޭޖް ކުރުމަށް ހަމަޖެހިފައިވަނީ ޗެކް ރިޕަބްލިކްގެ ފްލައިން އެކެޑެމީ އެވެ.

މޯލްޑިވިއަނުން ގަމުގައި ފްލައިން ސްކޫލެއް ހިންގުމަށް ނިންމާފައިވާއިރު، މީގެ ކުރިން އެސިޓީގައި ފްލައިން ސްކޫލް ހިންގަމުން އައިސްފައިވަނީ ލަންކާގެ ކުންފުންޏެއް ކަމަށްވާ އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ) އެވެ. އެކުންފުންޏާއި އެކު އޭއައިއޭއިން އެއްބަސްވުމެއް ހަދައި މިދިޔަ ޖުލައި މަހުގެ ނިޔަލަށް ހަމަވެފައިވާއިރު، އެއްބަސްވުން އާ ނުކުރަން އޭއައިއޭއިން ވަނީ ނިންމާފައެވެ.

އޭއައިއޭއިން އޭއޭއޭ އާއި އެކީ އެއްބަސްވުން އާ ނުކުރަން ނިންމިއިރު، އެ ސްކޫލްގައި ކިޔަވަމުންދިޔަ ގިނަ އަދަދެއްގެ ދަރިވަރުންގެ ކިޔެވުން ހުއްޓިފައިވާތާ ގިނަ މަސްތަކެއް ވަނީ ވެގެން ގޮސްފައެވެ. އަދި އެކަމާއި ގުޅިގެން ގިނަ ދަރިވަރުން ވަނީ އެފަރާތްތަކަށް ލިބިފައިވަނީ ބޮޑު ގެއްލުމެއް ކަމަށް ބުނެ އެތަން ހިންގާ ފަރާތްތަކަށް ފާޑުކިޔާފައެވެ.