ދިވެހިރާއްޖޭގައި "ބަޣާވާތް" ކުރުމަކީ ވަކި ޤާނޫނީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތަށް ސަރުކާރުގެ ފަރާތުން އިސްލާހް ހުށަހަޅައިފިއެވެ. މިހާރު މިފަދަ ކުށްތަށް ކުރާ ފަރާތްތަކަށްވެސް އަދަބު ދެމުންދަނީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުންނެވެ.

ސަރުކާރުގެ ފަރާތުން ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ ޤާނޫނުލް އުޤޫބާތަށް ހުށަހެޅި އިސްލާހްތަކުގެ ތެރޭގައި ކުށުގެ ގޮތުގައި ދިވެހިރާއްޖޭގައި ބަޣާވާތް ކުރުމަށް ހިތްވަރުދޭ މިހާއާއި، ބަޣާވާތް ކުރުމަށް މެދުވެރި ކުރުވާ މީހާއާއި، އެހީތެރިވެދޭ މީހާއާ އަދި ބަޣާވާތް ކުރުން ހިމަނާފައިވެއެވެ.

މި އިސްލާހުގައި ބުނެފައިވަނީ މި އިސްލާހުގައި "ބަޣާވާތް" މާނަ ކޮށްފައިވަނީ، ބާރުގެ ބޭނުން ކޮށްގެން ދިވެހިރާއްޖޭގައި ޤާނޫނީ ގޮތުން ޤާއިމުކުރެވިފައިވާ ސަރުކާރު ވައްޓާލުމަށް ނުވަތަ ޤާނޫނާ ޚިލާފަށް ސަރުކާރު ބަދަލުކުރުމަށް ނުވަތަ ޤާނޫނުއަސާސީގެ ބާރު ކަނޑުވާލަން މަސައްކަތް ކުރުން ކަމަށެވެ. އަދި ސުލްހަވެރި އެއްވުމެއްގައި ނުވަތަ ހަޅުތާލު ކުރުމެއްގައި ބައިވެރިވާ މީހުން ކުއްވެރި ނުވާނެ ކަމަށްވެސް ބުނެފައިވެއެވެ.

މި އިސްލާހުގައި ވާގޮތުންނަމަ، ބަޣާވާތް ކުރުމުގެ ބޭނުމުގައި 5 މީހުންނަށް ނުވަތަ އެއަށްވުރެ ގިނަ ބަޔަކަށް ހިތްވަރުދޭ ނުވަތަ އިރުޝާދުދޭ ނުވަތަ ބަޣާވާތް ކުރަންވީގޮތް ބަޔާންކޮށްދިނުމަކީ ޖިނާޔަތުގެ ތިންވަނަ ދަރަޖައިގެ ކުށަކަށްވާއިރު، މި ދަރަޖައިގެ ކުށްތަކުގެ އަސާސީ އަދަބަކީ 6 އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ. މިދަރަޖައިގެ ކުށްތަކުގައި އަދަބު އެންމެ ބޮޑުވާ ހާލަތްތަކުގައި 12 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވޭއިރު، އަދަބު އެންމެ ލުއި ކުރެވޭ ހާލަތްތަކުގައި 3 އަހަރު ދުވަހުގެ ޖަލު ހުކުމެއް ކުރެވިދާނެއެވެ.

ބަޣާވާތް ކުރުމަށް ދިވެހިރާއްޖޭގެ ސިފައިންގެ ބަޔަކަށް ހިތްވަރު ދިނުން ނުވަތަ އަމުރުކުރާ ނުވަތަ ބަޣާވާތް ކުރަންވީގޮތް ބަޔާންކޮށްދޭ މީހުން ޖިނާޔަތުގެ 2 ވަނަ ދަރަޖައިގެ ކުށަކުން ކުށްވެރިވާނެ ކަމަށްވެސް މި އިސްލާހުގައި ބުނެފައިވެއެވެ. މި ދަރަޖައިގެ ކުށަކުން ކުށްވެރިވާނަމަ އަސާސީ އަދަބަކީ 10 އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ. މިދަރަޖައިގެ ކުށްތަކުގައި އަދަބު އެންމެ ބޮޑުވާ ހާލަތްތަކުގައި 18 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަދި އަދަބު އެންމެ ލުއި ކުރެވޭ ހާލަތްތަކުގައި 5 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވިދާނެ ކަމަށް މި އިސްލާހުގައި ބުނެފައިވެއެވެ.

މި އިސްލާހުގައި ވާގޮތުން ބަޣާވާތުގެ އަމަލެއް ފޮރުވައިފި ނަމަ އަދި ބަޣާވާތެއްގެ އަމަލެއްގައި ބައިވެރިވެއްޖެނަމަ، އެމީހަކު ޖިނާޔަތުގެ 5 ވަނަ ދަރަޖައިގެ ކުށަކުން ކުށްވެރިވާނެއެވެ. މި ދަރަޖައިގެ ކުށްތަކުގެ އަސާސީ އަދަބަކީ 2 އަހަރު ދުވަހަށް ޖަލަށް ލުމެވެ.

ކުށްތަކުގެ ގޮތުގައި ބަޣާވާތް ކުރުމުގެ އިތުރުން މި ބިލުގައި ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރޭގައި، ދިވެހިރާއްޖޭގެ އިޤްތިޞާދަށް ގެއްލުންދިނުމާއި، ޖުވާ ކުޅުމާއި ސިހުރު ހެދުމާއި، ޖާސޫސް ކުރުމާއި ދިވެހި ދައުލަތަށް ހިޔާނާތްތެރިވުމުގެ އަމަލެއް ފޮރުވުމާއި، ނަސްލީ ތަފާތުކުރުންތަކާއި، ހުޅުޖެހުމާއި، އުފަންވާ ކުޑަކުދިން ވަގަށް ނެގުމާއި، ފޮރުވުމުގެ އިތުރުން ކޯޓުގެ ހުރުމަތް ކެނޑުމާއި، ރަޔަޓް ކުރުމާއި މަދަނީ ހަމަނުޖެހުން ހިންގުން އަދި ރަމަޟާން މަހު ރޯދަ ނުހިފުން ހިމެނެއެވެ.

މީގެ އިތުރުން އިސްލާމް ދީނާ ދެކޮޅު ހަރަކާތްތައް ހިންގުމާއި، ޤައުމީ ސަލާމަތަށް ނުރައްކާވެދާނެ އަމަލުތަކާއި، ދައުލަތަށް ހިޔާނާތްތެރިވުމާއި، އެފަދަ އަމަލެއް ފޮރުވުމާއި، ދައުލަތާއި ދެކޮޅު ހަރަކާތެއް ހިންގުމަށް ކުޅި ސިފައިން ހޯދުމުގެ އިތުރުން ބަޣާވާތް ކުރުމާއި، ސަރުކާރު ވައްޓާލަން ރޭވުން އަދި ދައުލަތުގެ އަސްކަރިއްޔާއާ ދެކޮޅު ހަރަކާތަށްވެސް ކުށްތަކުގެ ގޮތުގައި މި އިސްލާހުގައި ހިމަނާފައިވެއެވެ.

ޤާނޫނުލް އުޤޫބާތަށް ސަރުކާރުން ހުށަހެޅި މި ބިލްގައި ބުނެފައިވާއިރު، ސަރުކާރުން މި ބިލް ހުށަހަޅާފައިވަނީ ޤާނޫނުލް އުޤޫބާތުން ފާހަގަކުރެވިފައިވާ ޤާނޫނީ ހުސްކައްތަކާއި، ޤާނޫނުގައި ހިމެނިފައި ނުވާ މުހިންމު ބޮޑެތި ކުށްތައް ތަފްޞީލީ ގޮތެއްގައި އެ ޤާނޫނުގައި ހިމެނުމަށާއި، ދިވެހިރާއްޖޭގައި ކުށްކުރުމުގެ ޒާތަށް އައިސްފައިވާ ބަދަލުތަކަށް ރިޢާޔަތްކޮށް ކުށްތަކަށް ކަނޑައެޅޭ އަދަބުގެ މިންވަރު ޒަމާނަށް ފެއްތުމަށްޓަކައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. Anonymous

    ކޮންމެހެން ކުރަންވެއްޖެ ކަމެއް. މިގައުމުގެ ގާނޫނު އަސާސީގެ ވެރިކަމުގެ މުއްދަތާއި ވެރިއަކު ވަކިކުރެވޭނެ ގޮތްތަށް އޮއްވަ، އިންޑިޔާއިން ސިފައިން ގެނެސްގެން މިތާނގެ ވެރިކަން ބަދަލުކުރެވޭ ގޮތަށް އޮވެގެން ނުވާނެ. އަދި، އެފަދަ ކަމެއް ކުރަން އުޅޭ މީހެއް ނުވަތަ މީހުންގެ އަދަބަކީ، އުމުރަށް ޖަލަށް ލުން ނުވަތަ، ދަންޖެއްސުން ކަމުގައި ހަދަންވީ.

  2. އަލިދީ

    ފިތުނަ ފަސާދައަކީ ކޮބައިކަން ކަނޑައަޅައި، ފިތުނަ ފަސާދައިގެ އަދަބަކީ، ދަންޖެއްސުން ކަމުގައި ގާނޫނުގައި ހިމަނަންޖެހޭ. މިކުޑަކުޑަ ގައުމު ހަލާކުވެ މިދަނީ. ރ.ޓީވީއޭ ކިޔައިގެން ގައުމު ފަސާދަކުރާ ބައެއްގެ ނުބައި ނުލަފާ ކަމުން.

  3. Anonymous

    ތި ގާނޫނަށްލާން އެންމެ މުހިންމު ކަމަކީ، ފިތުނަ ފަސާދައާޢި އޭގެ އަދަބުތައް. މުޅި ގައުމުގެ ހަމަޖެހުމާއި، ދޭދޭ ފަރުދުންގެ މެދުގައި ޖެހޭ ހުރިހާ މައްސަލައެއްގެ ބިންގަލަކީ ފިތުނަ ފަސާދަ. އެކަން ހުއްޓުވިގެން ނޫނީ މިގައުމު ސަލާމަތުގެ އައްސޭރިއަކަށް ގެންދެވޭކަށްނެތް. ފިހާރައަކަށް ވަނަސް މިއިވެނީ ވެރިމީހާ ނުވަތަ ކޮންމެވެސް މީހެއްގެ މުޅަމަސްކާއަޑު، ތެދެއް ދޮގެއް ބެލުމެއްނެތް. ނުލަފާ ޔަހޫދީ ބަޔަކު ހަދާ ދޮގެއްވެއޖެއްޔާ ކާޅުތަކެއްހެން ފަހަތުން ގޮވަމުން ދުވާ ބަޔަކު އެބައުޅޭ. ފިތުނަ ޓީވީން ގެނެސްދޭ ނުބައިނުލަފާ ރިޕޯޓުތަކުން އިވޭ ދޮގުވާހަކަތައް އަނެއް ދުވަހު ތަސްބީހައެއްހެން ބަޔަކު އެބަކިޔާ. މިވާހަކަތަށް ދިމާވާހާ ބަޔަކު ކައިރީ ކިޔަމުންދޭ. މިކަންކަން އެބަޖެހޭ ހުއްޓުވަން. އެއީ ރައްޔިތުންނަށްވެސް ކޮށްދެވޭ ވަރަށްބޮޑު ހެޔޮކަމެއް. ކޮންފަދަ ނުބައި ފާފައަކަށް ރައްޔިތުން އެއަރައިގަންނަނީ. ކޮން ބޭނުމެއްގަ؟ ވަކި މީހަކަށް ވެރިކަން ހޯދައިދޭން؟ ތިމާ ނަރަކައަށް ވެއްޓިގެންވެސް؟

  4. ރެހެންދި

    އެކުށުގެނަމަކަށްކިއަންވީ ލެޑްކުށް ..

  5. ހުކޫމަތުއްޔާމީނު

    ތިހެންހަދައިފިނަމަ މަދުއަދަދެއްގެބަންގާޅުންފިޔަވާ ދެންތިބޭނީ ތިޔަބުނާ ދަށުދަރަޖައިގެ ކުށްވެރިން އަދި އެފަދަކުށްވެރިން ބައިތިއްބަންޖެހޭބީވެސް އެހެންދުނިޔެއެއްގާ ނުވަތަ ޗައިނާ އުތުރުކޮރެއާފަދަ ގައުމުތަކުގާ ހަދާފައިވާ ޖަނަވާރުންގެންގުޅޭ ޒޫ ތަކުގާ .. ރަނގަޅު ތިޔަގާނޫނުގެދަށުން އެންމެފުރަތަމަބެޗުގަ ތިޔަގާނޫފާސްކުރަން ލަފާދޭމީހުންނާއި ފާސްކުރަންހިތްވަރުދޭމީހުންނާއި ފާސްކުރަންވޯޓުދޭމީހުންހިމެނޭނެކަމަށްފެނޭ .. ސަލާމުންވެދުން

  6. ނުރަބޯ

    ބަރާބަރު.