އައްޑޫ ސިޓީގައި ކޮވިޑް-19 ޖެހިގެން ރޭ ނިޔާވި އަންހެނެއްގެ ގައިގައި އަނިޔާތަކެއް ހުރި މައްސަލަ އާއިލާއިން ފުލުހުންނަށް ހުށަހަޅައިފިއެވެ.

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ބުނި ގޮތުގައި އައްޑޫ ކޮވިޑް ފެސިލީޓީގައި ފަރުވާ ދެމުން ދަނިކޮށް ރޭ ދަންވަރު ނިޔާވީ ފޭދޫ އަށް އުފަން 81 އަހަރުގެ ދިވެހި އަންހެނެކެވެ. މިއީ އައްޑޫގައި ކޮވިޑް ޖެހިގެން ނިޔާވި ނުވަ ވަނަ މީހާއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ވަގުތު" އަށް މިއަދު ވިދާޅުވީ އައްޑޫން ކޮވިޑް ބަލީގައި ނިޔާވި މީހެއްގެ ގައިގައި އަނިޔާގެ ނިޝާންތަކެއް ހުރި ކަމަށް ބުނެ މައްސަލައެއް އާއިލާގެ ފަރާތުން ހުށަހަޅާފައިވާތީ ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

އެކަމާ ގުޅިގެން އިތުރު ތަފްސީލެއް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅެއް ނުވެއެވެ.

ނިޔާވި މީހާގެ އާއިލާގެ މެމްބަރަކު "ވަގުތު" އަށް މިއަދު ބުނީ އަންހެން މީހާގެ ކަށުކަމާކެމީގެ ކަންކަން ކުރިއަށް ދަނިކޮށް ލިބުނު މައުލޫމާތަކާ ގުޅިގެން ބެލި އިރު، ނިޔާވި މީހާގެ ހަށިގަނޑުގައި ޒަހަމްތަކެއް ހުރި ކަން ފާހަގަ ކުރެވުނު ކަމަށެވެ.

އެގޮތުން ބޮލުގައި އަނިޔާގެ ނިޝާންތަކެއް ފެންނަން ހުރި ކަމަށް އޭނާ ބުންޏެވެ.

"މިކަން ވީ އިރުގައި ވެސް ހޮސްޕިޓަލުންނާއި ކޮވިޑް ފެސިލިޓީން ވެސް އަންގާފައެއް ނުވޭ ކިހިނެއް ވެގެން ކަމެއް އަނިޔާވީ. އެހެންވެ މިކަން ފޮރުވައިގެން ގެންގުޅުމާ ގުޅިގެން އެ މައްސަލަ ބަލައި ދިނުމަށް ފުލުހުންނަށް ހުށަހެޅީ،" އާއިލާގެ މެމްބަރަކު ކިޔައި ދިނެވެ.

އެމީހާ ބުނި ގޮތުގައި ބޮލަށް ލިބުނު އަނިޔާއަކީ އަންހެން މީހާ ވެއްޓުމުގެ ސަބަބުން ލިބުނު އަނިޔާއެއް ކަމަށް ބެލެވެއެވެ. އެކަމަކު، އާއިލާއަށް މައްސަލައަކަށްވީ އެ ކަން ނާންގައި ސިއްރުކޮށްފައި އޮތުމުންނެވެ.

"މިހާރު ހޮސްޕިޓަލުން އެބަ ބުނޭ އަންހެން މީހާ ވެއްޓުނު ކަމަށް،" އާއިލާގެ މެމްބަރަކު ބުންޏެވެ.

ކޮވިޑްގައި ރާއްޖެ އިން ނިޔާވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 243 އަށް އަރާފައެވެ.

ރާއްޖެ އިން މިހާތަނަށް ޖުމްލަ 87359 މީހުން ކޮވިޑަށް ފައްސިވެ އޭގެތެރެއިން 85453 މީހުން މިހާރު ކޮވިޑުން ރަނގަޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ވިނީޝާ އަލީ

    ބަލަން ބޭނުންނުވޭ މަރާލަން ބޭނުންވާތީ ތިޔަ ކޮވިޑް ފެސިލިޓީއަށް މުސްކުޅިން ފޮނުވާލަނީ. ޢެތަނުގައި މަރުވަނީ ކޮވިޑަކުނޫން. ޢަޅާނުލާ ބާއްވައިގެން ދުއްވާލަނީ!! މީ ހަގީގަތް!

    8
    2
  2. ޟުމަން

    މައިމޫނާ އޭ ކިޔާ އަންހެން މީހާ އިސްތިއުފާ ދޭން ޖެހޭ! ރަހުމް ކުޑަ މީހާ ގަނޑާ! ކަލޭ ވެސް ހިލޭ ބަޔެއް ކައިރީ އޮންނަ އިރު އަނިޔާ ލިބުނީ މަ ބޭނުން ވާނެ ދަރިން ނަށާ ތިމާގެ މީހުން ނަށް އެކަން އިނގެން. ނުބައި ނުލާފާ މީހާ ހުރެގެން ޒާތް ޒާތުގެ ގަވައިދު ނެރެ ރަށް ރަށް ބަންދު ކޮށް ހަދާ ނެ.!!

    7
    1