މާލެއާއި ހުޅުލެއާ ދެމެދު އަޅަމުންދާ ބްރިޖް ނިމުމުގެ ކުރިން މާލޭގެ ވަށައިގެން އޮންނަ ބޮޑުތަކުރުފާނުމަގު ތަރައްޤީ ކުރުމަށް ސަރުކާރުން ފަށާފައިވާ "ރިންގު ރޯޑު" ޕްރޮޖެކްޓުގެ ދަށުން ތާރު އަޅައިގެން މިހާރު ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަމުންދާ މަސައްކަތްތައް ނިންމައި މަގު ހުޅުވާނެ ކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހައުސިންގ މިނިސްޓަރު މިހެން ވިދާޅުވީ މިއަދު މެންދުރު އެ މިނިސްޓްރީގައި ބޭއްވި ހާއްޞަ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

މުއިއްޒު ވިދާޅުވީ، ބޮޑުތަކުރުފާނު މަގު ތަރައްޤީ ކުރުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށާއި، ބޮޑުތަކުރުފާނު މަގާ އެކީގައި ހުޅުލޭ ކޮޅުން ބްރިޖުން ފެށިގެން ހުޅުމާލެއާ ހަމައަށް ތަރައްޤީ ކުރަމުންދާ މަގުގެ މަސައްކަތްވެސް ނިމިގެންދާނެ ކަމަށެވެ.

"ބްރިޖް ހުޅުވުމުގެ ކުރިއަށް އިރާދަކުރެއްވިއްޔާ މައި މަގުގެ (ރިންގް ރޯޑް ޕްރޮޖެކްޓުގެ ދަށުން ބޮޑުތަކުރުފާނު މަގުގެ މެރީ ބްރައުން އިން ފެށިގެން ހުޅުމާލެ ފެރީ ޓާމިނަލްއާ ހަމައަށް) ހުރިހާ މަސައްކަތެއް ނިމި މަގު ހުޅުވާލެވޭނެ" ހައުސިންގ މިނިސްޓަރު ވިދާޅުވިއެވެ.

މާލޭގެ ތޮށްޖެހުމާއި، ބްރިޖާއި ގުޅިގެން އަންނާނެ އިތުރު ތޮށްޖެހުމަށް ލުޔެއް ގެނައުމަށްޓަކައި ތަރައްޤީ ކުރަމުންދާ ބޮޑުތަކުރުފާނު މަގުގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބު ތަފްސީލު ކޮށްދެއްވަމުން މިނިސްޓަރު ވިދާޅުވީ، މިހާރު ކުރިއަށްދަނީ އެ މަގުގެ ސައިޑް ވޯކްސް ދެފަރާތުން ހެދުމުގެ މަސައްކަތް ކަމަށާއި، ކުރިއަށް އޮތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މައި މަގުގެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.

ތާރު އެޅުމަށްޓަކައި ބޭނުންވާ ހުރިހާ ތަކެތި ގެނެވިފައިވާ ކަމަށާއި، ކުރިއަށް އޮތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ތާރު އެޅުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް ނިމި މަގުގައި ތާރު އަޅަން ފެށިގެންދާނެ ކަމަށްވެސް މިނިސްޓަރު މުއިއްޒު ވިދާޅުވިއެވެ.

ބްރިޖް ނިމުމުގެ ކުރިން ބޮޑުތަކުރުފާނުމަގު ނިންމައި ހުޅުވާލައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއިރު ބާރު ދުވެލީގައި އެ މަގުގެ މަސައްކަތްތައް ކުރެވެމުންދާކަން ފާހަގަ ކޮށްލެވެއެވެ.

މި ނޫސްވެންރިންގެ ބައްދަލުވުމުގައި މިނިސްޓަރު އިތުރަށް ވިދާޅުވީ، މިހިނގާ ޖުލައި މަހުގެ ނުވަ ވަނަ ދުވަހު މާލެއާއި ހުޅުލެ ބްރިޖަކުން ގުޅާލެވިގެންދާނެ ކަމަށާއި، އަންނަ އޮގަސްޓް މަހުގެ ތެރޭގައި ބްރިޖްގެ މަސައްކަތް މުޅިން ނިންމާލެވިގެންދާނެ ކަމަށެވެ. އަދި ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ "ހިޔާ" ގެ ދަށުން ތަރައްޤީކުރާ ފްލެޓުތަކަށް ފޯމު ހުށަހެޅުމުގެ މުއްދަތު އަންނަ އޮގަސްޓް މަހުގެ ނިޔަލަށް އިތުރުކޮށްފައިވާކަން އިއުލާން ކުރެއްވީވެސް މި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ސައިކަލަށް ފާސް ހެއްދޭ ގޮތެއް ހަދަން ފެނޭ...

    • ހުސޭނުބޭ

      ވަރަށް ތާޢިދު! ކޮންމެހެން ކުރަންޖެހޭ ކަމެއް!