މެންބަރު ކަމުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ "ރާއްޖެ ޓީވީ" ގައި ދެއްވި ވާހަކަތަކަކާއި ގުޅިގެން އޭނާގެ މައްޗަށް ފުލުހުން ކުރިން ކުރި ތުހުމަތުތައް ޓެރަރިޒަމްގެ ތުހުމަތައް ބަދަލުކޮށް އަނެއްކާ ވެސް ތަޙްޤީޤު ފަށައިފިއެވެ.

މުސްތަފާ "ރާއްޖެޓީވީ" ގައި ދެއްކި ވާހަކަފުޅާއި ގުޅިގެން ކުރިން އޭނާގެ މައްޗަށް ކޮށްފައިވަނީ ގާނޫނީގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމަށާއި، ޣައިރު ޤާނޫނީ އަމަލުތައް ހިންގުމަށް ރައްޔިތުންނަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދެއްކި ކަމުގެ ތުހުމަތެވެ.

ނަމަވެސް ރޭ މުސްތަފާ އާއި އެކު ފުލުސް އޮފީހަށް ހާޒުރުކުރުވުމަށް ފަހު ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން މުސްތަފާގެ ވަކީލް މަހުފޫޒް ސައީދު ވިދާޅުވީ މުސްތަފާ ރޭ ހާޒިރުކޮށް އޭނާގެ މައްޗަށް ކުރެވޭ ތުހުމަތު ޓެރަރިޒަމްގެ ތުހުމަތަށް ބަދަލުކޮށްފައިވާ ކަން ފުލުހުން އަންގާފައިވާ ކަމަށެވެ.

ކުރިން ކުރެވުނު ތުހުމަތު ޓެރަރިޒަމްގެ ތުހުމަތަށް ބަދަލުކޮށްފައިވަނީ ޕީޖީގެ ލަފާގެ މަތިންކަމަށް ފުލުހުން ވިދާޅުވިކަމަށްވެސް މަހުފޫޒް ވިދާޅުވިއެވެ.

މުސްތަފާގެ މައްޗަށް ކުރެވުނު ތުހުމަތު ބަދަލުކުރުމާއި ގުޅޭ ގޮތުން ފުލުހުން އަދި މިހާތަނަށް އެއްވެސް މައުލޫމާތެއް ނުދެއްވައެވެ.

މުސްތަފާގެ މައްޗަށް މިހާރު ތުހުމަތު ކުރެވޭ ޓެރަރިޒަމްގެ ކުށާއި ބެހޭ ތަފްސީލެއް ވެސް އަދި ނުލިބެއެވެ. ނަމަވެސް އާންމުގޮތެއްގައި ޓެރަރިޒަމްގެ މައްސަލަތަކުގައި ދިހަ ވަރަކަށް އަހަރަށް ވުރެ ބޮޑު ޖަލު ޙުކުމެއް އަންނާނެއެވެ.