ނިކަމެތިންގެ ހާލު ރަނގަޅު ކުރަން 13.2 މިލިއަން ހަރަދުކުރަން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނަައިފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުން މިދިޔަ އަހަރު ނިކަމެތިންނަށް ހިނގި ހަރަދަކީ 3.2 މިލިއަން ރުފިޔާއެވެ. ކަރަންޓު ބިލުންނާއި ފެން ބިލުން ނިކަމެތިންނަށް ދޭ ސަބްސިޑީއަށް ދެ މިލިއަން ރުފިޔާ ވެސް ވަނީ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައެވެ.

ފެނާއި ނަރުދަމާ ހިދުމަތަށް ސަބްސިޑީ ދިނުމާ ބެހޭ ގަވާއިދުގައި ބުނާ ގޮތުން ނިކަމެތި ފަރާތްތަކާއި ފަގީރު ފަރާތްތަކަށް ސަރުކާރުން ފެނާއި ނަރުދަމާގެ ބިލުދެއްކުމަށް ދައުލަތުން މާލީ އެހީ ފޯރުކޮށްދޭން ވާނެއެވެ.

އިސްލާމިކް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިވަގުތު ރާއްޖޭގައި ފަގީރުންގެ ގޮތުގައި 8764 މީހުން އެބަތިބިއެވެ. އޭގެތެރޭގައި ހިމެނެނީ މާލޭގެ ދަފްތަރުގައި ހިމެނޭ 1717 މީހަކާއި އަތޮޅުތަކުން 7047 މީހުން ކަމަށް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީވާން މިނިސްޓްރީން، ދޭތެރެ ދޭތެރެއިން ހުޅުވާލައެވެ.

އަންނަ އަހަރަށް ލަފާކޮށް ދައުލަތުގެ ބަޖެޓްގެ ގޮތުގައި 36.9 ބިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހުށަހަޅާފައެވެ. މިނިސްޓަރު އިބްރާހީމް އަމީރު ހުށަހެޅުއްވި ބަޖެޓަކީ ހަރަދުގެ ގޮތުގައި ކަނޑައެޅިފައިވާ 34 ބިލިއަން ރުފިޔާ އަދި ދަރަނި ދެއްކުމަށް ކަނޑައެޅިފައިވާ 2.9 ބިލިއަން ރުފިޔާއެވެ.

އަންނަ އަހަރު އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 24.3 ބިލިއަން ރުފިޔާއެވެ. އެހެންކަމުން އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވަނީ 9.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

އަންނަ އަހަރަށް ލަފާ ކުރާ އާމްދަނީގެ ތެރެއިން 15.4 ބިލިއަން ރުފިޔާ އަކީ ޓެކުހެވެ. ޓެކްސް ނޫން ގޮތުގައި ހަ ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓްގައިވެއެވެ. އަދި، ހިލޭ އެހީ އާއި އެހެނިހެން ގޮތް ގޮތުން 2.9 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލަފާކޮށްފައިވެއެވެ.

ބަޖެޓްގެ ހިސާބުތައް

  • ޖުމުލަ ބަޖެޓް: 36.9 ބިލިއަން ރުފިޔާ
  • އާމްދަނީ: 24.2 ބިލިއަން ރުފިޔާ
  • ޑެފިސިޓް: 9.7 ބިލިއަން ރުފިޔާ
  • ދަރަނި ދެއްކުން: 2.9 ބިލިއަން ރުފިޔާ
  • ޕީއެސްއައިޕީ: 6.2 ބިލިއަން ރުފިޔާ

އާމްދަނީއާއި ދަރަނި މެނޭޖް ކުރަން އާ ކަންކަން

އާމްދަނީ ހޯދަން އަލަށް ފަށަން ހިމަނާފައިވާ ކަންކަމުގެ ތެރޭގައި ހިމެނެނީ، ދައުލަތުން ހަރަދުކޮށްގެން ހިއްކާފައިވާ ބިން އަމިއްލަ ފަރާތްތަކަށް ވިއްކުމާއި، ރިއަލް އެސްޓޭޓް ޓޫރިޒަމް ތައާރަފް ކުރުމާއި، ރިސޯޓް ތަރައްގީ ކުރަން ރަށްރަށް ދޫކުރުން، އަދި ޕްލާސްޓިކް ކޮތަޅު ޓެކުހެއް ނަގަން ފެށުމެވެ.

މި ގޮތުން ބިން ވިއްކައިގެން 300 މިލިއަން ރުފިޔާ ހޯދަން ބަޖެޓްގައި ހިމަނާފައިވެއެވެ. ރިއަލް އެސްޓޭޓް ޓޫރިޒަމުން 213 މިލިއަން ރުފިޔާ، އަދި ރިސޯޓް ތަރައްގީ ކުރަން ރަށްރަށް ދޫކޮށްގެން 148 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެއެވެ. ޕްލާސްޓިކް ޓެކުހުން 48 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓްގައިވެއެވެ.

ދަރަނި މެނޭޖް ކުރަން ތިން އަމާޒެއް ކަނޑައަޅަން ނިންމާފައިވާ ކަމަށް މިނިސްޓަރު އަމީރު މަޖިލީހުގައި ވިދާޅުވިއެވެ. އެއް އަމާޒަކީ 2023 ނިމެންވާއިރަށް ސީދާ ދަރަނި ޖީޑީޕީގެ ނިސްބަތުން 105 އިންސައްތައަށް ތިރި ކުރުމެވެ. އަދި އެ އަހަރުގެ ނިޔަލަށް ޕްރައިމަރީ ބަޖެޓް ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން ފަސް އިންސައްތައަށް ތިރިކުރުމަކީ ދެވަނަ އަމާޒެވެ. ތިންވަނަ އަމާޒަކީ އަހަަރަކަށް ފަހު އަހަރެއް ބަޖެޓް ޑެފިސިޓް ކުޑަ ކުރުމެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ސުޒާ

    ނިކަމެތިންނޭ ކިޔާނެ ކަމެއް ނެތް.. މިހާރުވެސް ތިއުޅެނީ ހިޔާ ފުލެޓުތަކުގެ ނިކަމެތި އާއިލާތައްފެލަންވެގެން އަގުބޮޑުކޮއްގެން.

    12
  2. ހެހެހެ

    ދެ ބާރުގެ ވެރިންގެ ރަސްމީ ގެކޮޅުގެ ހަރަދަށް 12 މިލިއަން
    ނިކަމެތިންނަށް އެހީވާން 13 މިލިއަން ރުފިޔާ

    15
  3. ރަން ރީނދޫ

    އެންމެ ނިކަމެތި ބަޔަކީ މަޖިލިސް މެމްބަރުން. ތީތި ކޮޅު އެބޭފުޅުންގެ ޖީބުފުޅަށް ލެވޭގޮތަށް
    އޮންނާނީ.

  4. ޙަަަހަ

    ފުރަަތަމަ ދޭންވީ ބޮޑުވަޒީރަށް ވާންބޭނުންވާ މީހާއަށް ، އޭނާ ބުނެފައޮތީ މުސާރަނުނަގާ ނޫޅެވެޔޭ، ރައީސެއްގެ މުސާރައާއި މެމްބަރުކަމުގެ މުސާރައަކުން ނުވެޔޭ

  5. ޢިދުރީހު

    ޢަންނިއާ ފަނޑިޔާރަށާ ދެމީހުންނައް ގަނޑުވަރުހަދަން 12 މިލިއަން ރާއްޖޭގެ ހުރިހާނިކަމެތި ރައްޔިތުނަށް 1 އަހަރައް 13 މިލިއަން ވަރައް ތާހިރު މި 13 މިލިޔަނުން ވެސް ބޮޑުބައެއް ކާނީ ސަރުކާރުގަތިބި ބޮޑުން

  6. ކާފަބޭ2020

    ތިޔަވިދާޅުވާނިކަމެތިންނަކީ 1 ނޫމަޑި 2 ބޯގަންވިލާގޭކުދިން 3 ބުރުމާގާސިމު 4 ރީކޯމޫސާފަދަ ނިކަމެތިބޭފުޅުންތޯ؟ ޜައިއްޔަތިންފެލައިގެން 60 މިލިއަންރުފިޔާނަގާފަ 13.5 މިލިއަންރުފިޔާވެސްމިދެނީ މިކަހަލަނިކަމެތިންނަށް! ވާހްވާހް 13 ބިލިއަންރުފިޔާގެދަރަނިބަޖެޓެއްހުށައެޅީމަ ހަމަ ތާލިޔާ ތާލިޔާތާލިޔާ😆😆😆😆😆😆😆😆😆😆😆

  7. ފަރީދާ

    ސަރުކާރު މުވައްޒަފުންގެ ތެރެއިން މަސައްކަތު މީހުންނާއި އިދާރީ މީހުންނަކީ ވަޒީފާއެއްގައި ތިއްބަސް ވަރަށް ނިކަމެތި ބައެކެވެ. ސަރުކާރުގެ އެއްބަޔަކަށް ބޮޑު މުސާރަ ދީ އެމީހުންގެ ދިރިއުޅުން ތަނަވަސްވެ ރާއްޖެއިން ބޭރަށް އިރުއިރުކޮޅުން ދަތުރު ކުރެއެވެ. އެކަމަކު އިދާރީ މަޤާމުތަކުގައި ތިބޭ 5000 ވަރަކަށް ރުފިޔާ ގެއަށް ގެންދަންލިބޭ މުވައްޒަފުން ދަރާވިކި އަނބިދަރިނަށް ކުޑަމިނުން މީރު ކާއެއްޗެއް ގަނެ ނުދެވެއެވެ. ޓީޗަރުންނާ ނަރުހުންނަށް މިހާރުވެސް އަނގަޅު މުސާއެއް ނިސްބަތުން ލިބެއެވެ. އެކަމަކުވެސް އަންނަ އަހަރު ޓީޗަރުންނަށް މުސާރަ ބޮޑުކުރާ ވާހަކަ ވަނީ ވިދާޅުވެފައެވެ. މިހާރުވެސް އިދާރީ މުވައްޒަފުންނާ ދެމެދު ދެގުނަ ތަފާތެވެ. ޖުޑީޝަރީގައި 25000 ރ ލިބޭ ގާޒީން އެބަތިއްބެވެ. މީ އަޖައިބެކެވެ. ނިކަމެތި މުވައްޒަފު 30، 35 އަހަރު ސަރުކާރުގަ އުޅެ ވަންނާނެ ބޯހިޔާވަހިކަމެއްނެތެވެ.