ޑިމޮކްރެސީއެއްގެ ބިންގަލަކީ މިނިވަން އިންސާފުވެރި ޢަދުލުވެރި އިންތިޚާބެއް ކަމަށާއި އަދި މިނިވަން އިންސާފުވެރި ޢަދުލުވެރި އިންތިޚާބަކީ ޤައުމުގެ ހަމަޖެހުމާއި ކުރިއެރުން ދެމިއޮތުމަށްވެސް އެހާމެ މުހިންމުކަމެއްކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.

ސަރުކާރުން މިހެން ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ބޭއްވުމަށް ވާން ޖެހޭ ތައްޔާރީތައް ފަށާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވުމުން އެކަމަށް މަރުހަބާ ވިދާޅުވެ ނެރުއްވި ބަޔާނެއްގައެވެ.

ސަރުކާރުގެ ބަޔާނުގައި ކުރީފަހަރުތަކެކޭ އެއްފަދައިން މިފަހަރުވެސް ރިޔާސީ އިންތިޚާބުގެ ކަންކަން ދިވެހިރާއްޖޭގައި ކުރިޔަށްދާގޮތް ބެއްލެވުމަށް، ދިވެހިރާއްޖެއަށް ޒިޔާރަތް ކުރައްވާ، ބޭރުގެ ފަރާތްތަކަށް ދިވެހި ސަރުކާރުން މަރުޚަބާ ވިދާޅުވާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ސަރުކާރުން ނެރުއްވި ނޫސްބަޔާނުގައި ޤައުމީ މަސްލަހަތު އިތުރަށް ގޯސްވެދާނެފަދަ ޢަމަލުތައް ނުހިންގުމަށާއި، ރާއްޖޭގެ އާންމު ޙާލަތު އިޢާދަކުރުމަށް ދިވެހި ސަރުކާރުން ކުރައްވާ މަސައްކަތްތަކަށް ހުރަސްއެޅޭފަދަ ކަންތައްތަކުން އެއްކިބާވެތިބުމަށް ސިޔާސީ ޕާޓީތަކަށާއި، ސިޔާސީ ފަރާތްތަކަށާއި، ބޭރުގެ ފަރާތްތަކަށް ދިވެހި ސަރުކާރުން ވަނީ އިލްތިމާސް ކުރައްވާފައެވެ.

ސަރުކާރުން ނެރުއްވި ބަޔާނުގައި، 2008 ވަނަ އަހަރުގެ ފަހުން ދިވެހިރާއްޖޭގައި މިހާތަނަށް ބާއްވަވާފައިވާ އިންތިޚާބުތަކަކީ، މިނިވަން އަދި އިންސާފުވެރި އިންތިޚާބުތަކެއްކަމުގައި ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކާއި ބޭރުގެ ފަރާތްތަކުން ޤަބޫލުކުރައްވައި އެކަން ހާމަކުރައްވާފައިވާކަން ފާހަގަކުރައްވާފައި ވެއެވެ.

އަދި މި އަހަރުގެ ރިޔާސީ އިންތިޚާބަކީވެސް، މިނިވަން، އިންސާފުވެރި އިންތިޚާބަކަށް ހެއްދެވުމަށްޓަކައި ސަރުކާރުން ކުރައްވަންޖެހޭ އެންމެހައި ކަންކަން ކުރައްވާނެކަމުގެ ޔަޤީންކަން ދިވެހި އެންމެހާ ރައްޔިތުންނަށާއި، ބޭރުގެ ފަރާތްތަކަށް ސަރުކާރުން ދެއްވާކަން މިބަޔާނުގައި ހާމަކުރައްވާފައިވެއެވެ.

އެހެން ފަހަރުތަކެކޭ އެއްފަދައިން ބައިނަލްއަޤްވާމީ ފަރާތްތަކާއެކު މިފަހަރުވެސް މަސައްކަތް ކުރައްވަމުންދާނޭކަމަށާއި، ޚާއްޞަގޮތެއްގައި އިންތިޚާބުގެ ޤާނޫނީ އަދި އިދާރީ އޮނިގަނޑު ދިރާސާކުރެއްވުމަށްފަހު، ޔޫރަޕިއަން ޔޫނިއަނުން ހުށަހަޅާފައިވާ ކަންތައްތައް ތަންފީޛު ކުރެއްވުމަށްޓަކައި ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވާކަމުގައިވެސް މި ނޫސްބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙަސަނު

    ދެން ސުޕްރީމް ކޯޓުން ކުރާ އަމުރު ތަންފީޒު ނުކުރުމުގެ ބިންގަލަކީ ކޮބާ ؟؟
    މީހުން ހިފާހައްޔަރު ކުރުންތަ ނޫނީ ބޭނުން ވީމަ ކުރުންތަ

  2. Anonymous

    ކައެމެން ޑިމޮކްރަސީއޭ ކިޔައިން އަނގަނާރުވާ