މަގުމަތީގައި ދުއްވާ އުޅަނދުތަކުގެ ރޯޑްވާދިނަސް ހުއްދަ ދޫކުރެވޭނީ ސަރުކާރުން ގަބޫލުކުރާ ފެންވަރުގެ ސެޓްފިކެޓް އޮންނަ ފަރާތްތަކަށް އެކަނި ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ނައިބް ޝިމާޒް އަލީ ވިދާޅުވީ ރޯޑްވާދިނަސް ދިނުމުގެ ކަންކަމާއި ގުޅޭ ގޮތުން ފުލުހުންނާ މަޝްވަރާތަކެއް ކުރެވެމުންދާ ކަމަށެވެ.

މަގުމަތީގައި ދުއްވާ ވެހިކަލް ވެހިކަލްތަކަކީ ސަލާމަތީ އަދި ރައްކާތެރި ވެހިކަލްގެ ގޮތުގައި ބެލުމަށްޓަކައި ރޯޑްވާދިނަސްގެ މުހިއްމު ކަމަށް ފުލުހުންވެސް ފާހަގަކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. އެކަން މިހާރަށްވުރެ ރަނގަޅަށް ހަރުދަނާ ކުރުމަށްޓަކައި އުސޫލެއް އެކުލަވައިލުމުގެ މަސައްކަތް މިނިސްޓްރީން ވަނީ ފަށާފައެވެ. އެ އުސޫލުގެ ދަށުން ރޯޑްވާދިނަސް ދޫކުރުމަށްޓަކައި ހުއްދަ ދޫކުރެވޭނީ ދުއްވާ އުޅަނދުތައް މޮނީޓާކޮށް ބެލެހެއްޓޭ ފުރިހަމަ ޓެކްނޮލޮޖީ ބޭނުންކުރެވޭ ގަރާޖުތަކަށެވެ.

ރޯޑްވާދިނަސް ދޫކުރާ 40 ގަރާޖެއް ހުރިއިރު މިހާރު ހުރީ އެ ޝަރުތުތައް ހަމަވާ އަށް ވަރަކަށް ގަރާޖެވެ. ޝިމާޒް ވިދާޅުވީ މިހާތަނަށް އެއިން އެއްވެސް ތަނެއް މޮނިޓާ ކުރެވިފައި ނެތް ކަމަށެވެ. ގަރާޖުތަކަށް ދެން ރޯޑްވާދިނަސް ދޫކުރާނީ އެއްބަސްވުމަކާ އެކުއެވެ.

"އެއްބަސްވުމާ ހިލާފުވާ ފަރާތްތަކަށް ދޫކޮށްފައިވާ ފަރާތްތަކުގެ ރޯޑްވާދިނަސް ބާތިލްކުރެވޭނެ" އަދި ހުއްދަ ދުކުރެވޭނީ ސަނަދެއް އޮންނަ ފަރާތަކަށް ކަމަށް ވިދާޅުވިއެވެ.

"އެތަންތަނުގައި ހުންނަ ޖެހޭނެ ޕޮލިޓެކްނިކް ނުވަތަ ދިވެހި ސަރުކާރުގެ ސަނަދެއް އޮންނަ ދިވެއްސެއް" އެ ސަނަދު ނެތް މީހަކަށް ހުއްދަ ދޫނުކުރާނެ ކަމަށް ވިދާޅުވިއެވެ. ޕޮލިޓެކްނިކުން ނަމަ، އެ ފަރާތަކީ ވެހިކަލް މަރާމަތުން ކޯހެއް ފުރިހަމަކޮށްފައިވާ ފަރާތަކަށް ވާން ޖެހެނޭއެވެ.

ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީ އާ އުސޫލު އިއުލާންކުރުމާއެކު ރޯޑްވާދިނަސް ހަދާ ގަރާޖުތަކަށް އަލުން ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ. އެއާއެކު މިހާރު ދޫކޮށްފައިވާ ހުރިހާ ހުއްދައެއް އުވިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި އުސޫލު އާއްމުކުރާނެއެވެ.