ގަލޮޅު މަދަރުސާގެ ހަތަރު އަހަރުގެ ދަރިވަރަކަށް، އެ މަދަރުސާގެ މުވައްޒަފަކު ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައާއި ސްކޫލްތަކުގައި ޖިންސީ ގޯނާ ކުރުން އިތުރުވަމުން އަންނަ މައްސަލާގައި އިދާރާތައް ހާޒިރުކުރި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގެ ބައްދަލުވުން ސިއްރުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީއަށް މިއަދު ހާޒިރުކޮށްފައިވަނީ ޖެންޑާ މިނިސްޓްރީއާއި، އެޑިއުކޭޝަން މިނިސްޓްރީއާއި، ފުލުހުންގެ ބޭފުޅުންނެވެ. އެ ކޮމިޓީ ވަނީ 10:45 ހާއިރު ފަށައިފައެވެ.

ބައްދަލުވުން ފަށަމުން ކޮމިޓީގެ ނައިބު މުގައްރިރު، ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓެ) ވިދާޅުވީ އާންމު ގޮތެއްގައި ވެސް ކުޑަކުދިންނާ ގުޅުން ހުރި މައްސަލަތައް ކޮމިޓީން ސިއްރުކޮށްގެން ކުރިއަށް ގެންދާތީ މިއަދުގެ ބައްދަލުވުން ސިއްރުކޮށްގެން ގެންދަން ނިންމާފައިވާ ކަމަށެވެ.

އެ ކަމަށް ކޮމިޓީގައި ތިއްބެވި މަޖިލިސް މެންބަރުން އިއުތިރާޒް ކޮށްފައި ނުވާތީ، ކޮމިޓީ ސިއްރު ކުރި ހިސާބުން ލައިވް އޯޑިއޯ ސްޓްރީމް މަޖިލީހުގެ އިދާރާއިން ވަނީ މެދުކަނޑާލައިފައެވެ.

މި މައްސަލައާ ގުޅިގެން އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވެސް މަޖިލީހުގެ ގަވާއިދުގެ 179 ވަނަ މާއްދާގެ ދަށުން، ތަޅުމުގައި ބަހުސް ކުރަން މައްސަލައެއް ހުށަހެޅުއްވިއެވެ. އެކަމަކު ކޮމިޓީން ބަލަން ފެށި މައްސަލައަކަށް ވާތީ ތަޅުމަށް އެޖެންޑާއެއް ނުކުރެއެވެ.

މިފަދަ ހައްސާސީ މައްސަލަތަކުގައި މެޑިކަލް ރިޕޯޓް އަވަހަށް ހެދޭނެ އިންތިޒާމު ހަމަޖެހިފައި އޮންނަން ޖެހޭއިރު، މި މައްސަލާގައި ރިޕޯޓް ހެދުން ލަސްވުމަކީ ލިބުނު އަނިޔާގެ މިންވަރު ދެނެގަތުމެއް އެޅޭ ހުރަހެއްގެ ގޮތުގައި ޝިޔާމް ފާހަގަ ކުރެއްވިއެވެ. ސްކޫޅްގައި ސީސީޓީވީ ކެމެރާ ވެސް ނެތެވެ.

މި މައްސަލައާ ގުޅިގެން ސަރުކާރަށާއި އެޑިއުކޭޝަން މިނިސްޓްރީއަށް ވެސް ގިނަ ފާޑުކިއުންތަކެއް އަމާޒުވެފައިވަނިކޮށް އެ މައްސަލާގައި ވަނީ 69 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނުވިސްނުން

    މިކަންކަން ސިއްރުކުރާތީ ރައްޔިތުން ރަތަށްއަރަނި ސިއްރުކުރަންޖެހޭ ކަންކަމަށްވުރެއް ނުރައްކާތެރި ކަންކަން މީ ކަންދައްކަންވީކަމެއްނޫ ނޫން ބިރުބޮޑުބައްޔެއް ސަލާމަތް ވޭ