ކުށްތަކުގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހުންގެ ބަންދާމެދު ނިންމާ ނިންމުންތައް އިސްތިއުނާފު ކުރާނަމަ ހަމައެކަނި މާލޭގައި ހުންނަ ހައި ކޯޓަށް ހުށަހެޅޭ ގޮތަށް ސްޕްރީމް ކޯޓުން ހަމަޖައްސައިފިއެވެ.

ސްޕްރީމް ކޯޓުން އިއްޔެ ނެރެނު ސާކިއުލާގައި ބުނެފައިވަނީ، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރުންގެ ކުރިމަށްޗަށް ޙާޟިރުކުރުމުން ބަންދާމެދު ކޯޓުން ނެރޭ އަމުރުގެ މައްސަލަތަކަކީ އަވަސްކަމާއެކު ނިންމަންޖެހޭ ބާވަތުގެ މައްސަލަތަކެއް ކަމުގައިވާތީއާއި، ހައިކޯޓުގެ ދެކުނު ގޮތްޕާއި އުތުރު ގޮފީގައި ދާއިމީކޮށް ފަނޑިޔާރުން ޤާއިމްވެ ތިބޭގޮތަށް ހަމަޖެހިފައި ނުވާތީ އެފަދަ މައްސަލަތަށް އިސްތިއުނާފު ކުރުމަށް ހުށަހަޅާނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ މާލޭގައި ހުންނަ މައި އިދާރާއަށް ކަމަށެވެ.

ކޯޓުތަކުގެ ގާނޫނަށް 2014 ވަނަ އަހަރު ގެނެވުނ އިސްލާހާއެކު، ރާއްޖޭގެ އުތުރާއި ދެކުނުގައި ހައި ކޯޓުގެ ދެ ގޮފި ގާއިމް ކުރެވުނެވެ. އެއަށްފަހު އަތޮޅު ތެރޭގެ މެޖިސްޓްރޭޓް ކޯޓުތަކުން ނިންމާ ނިންމުންތަކާއި ޓްރައިބިއުނަލްތަކުން ނިންމާ ނިންމުންތައް އެ ސަރަހައްދެއްގައި ޤާއިމުކުރެވިފައިވާ ހައިކޯޓުގެ ގޮފީގައި އިސްތިއުނާފު ކުރަމުންދިޔައެވެ.

ބަންދު އަމުރުތައް މާލެއިން އިސްތިއުނާފު ކުރެވޭގޮތަށް ހަމަޖެއްސިއިރު، ފަނޑިޔާރުން ދާއިމީކޮށް ގޮފިތަކުގައި ތިއްބެވުމުގެ ބަދަލުގައި ކަނޑައެޅޭ ވަކި އުސޫލަކުން ގޮފިތަކަށް ދަތުރު ކޮށްގެން މައްސަލަތައް ނިންމާ ގޮތަށް މިއަހަރުގެ ފެބުރުވަރީ މަހުގެ ތެރޭގައި ސްޕްރީމް ކޯޓުން ހަމަޖައްސާފައިވެއެވެ. އެހެންކަމުން މިހާރު ހައިކޯޓުގެ ގޮފިތަކުގައި ދާއިމީކޮށް ފަނޑިޔާރުން ނުތިއްބަވައެވެ.