ރިޔާސީ އިންތިޚާބުގެ ސައްޙަކަން ކަށަވަރުކުރުމަށް މިނިވަން މުސްތަޤިއްލު އިލެކްޝަންސް ކޮމިޝަނެއް އެކުލަވާލުމަށް އެމްޑީޕީން ގޮވާލައިފިއެވެ.

އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ވޯޓު ޙައްޤުވާ މީހުންގެ ލިސްޓުކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން ޢާންމުކޮށްފައިވާ ލިސްޓާ ގުޅޭގޮތުން އެ ޕާޓީން ހުށަހެޅި ކަންބޮޑުވުންތަކަށް އަދިވެސް ޙައްލު ލިބިފައިނުވާ ކަމަށާއި އިންތިޚާބުގެ މިނިވަން އިންސާފުވެރިކަމާއި، ދެފުށްފެންނަކަން ކަށަވަރުކުރުމަށްޓަކައި ވޯޓު ޙައްޤުވާ މީހުންގެ ލިސްޓުގެ ސައްޙަކަން ކަށަވަރުކުރަންޖެހޭ ކަމަށެވެ.

އެކަމަށްޓަކައި އައިޑީ ކާޑު ނަންބަރާއި، ނަމާއި، އެޑްރެސް ބަލާ، އަޅާކިޔާ، ޔަޤީންކުރަންޖެހޭ ކަމަށާއި އެހެންނަމަވެސް ވޯޓު ޙައްޤުވާ މީހުންގެ ލިސްޓުކަމަށް ބުނެ ޢާންމުކޮށްފައިވާ ލިސްޓުގައި އައިޑީކާޑު ހިމަނާފައެއް ނުވާކަން އެމްޑީޕީން ފާހަގަކޮށްފައިވެއެވެ. އަދި މި މައްސަލަ އެމްޑީޕީގެ ފަރާތުން ތަކުރާރުކޮށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

"ހައުސިންގ މިނިސްޓްރީއިންވަނީ ދަފުތަރުގައި ނަން ޖެއްސުމުގެ ފުރުސަތު ހުޅުވާލައިފައެވެ. އެކަމުގެ ސަބަބުން ވޯޓު ޙައްޤުވާ މީހުންގެ ލިސްޓުކަމަށް ބުނެ އިލެކްޝަންސްއިން ޢާންމުކޮށްފައިވާ ލިސްޓަށް ބަދަލު އަންނާނެކަމަށްޓަކައި، 1 ޖުލައި 2018 ގެ ފަހުން ރަށްވެހިކަން ބަދަލުނުކުރުމަށް އެކޮމިޝަނުންވަނީ އެދިފައެވެ. މިއާ ޚިލާފަށް، ދަފުތަރަށް އުނިއިތުރު ގެނައިނަމަވެސް، ވޯޓު ޙައްޤުވާ މީހުންގެ ލިސްޓަށް ބަދަލު ނާންނާނެކަމަށް ހައުސިންގ މިނިސްޓްރީއިން ބުނެފައިވެއެވެ" އެ ބަޔާނުގައި ބުނެފައިވެއެވެ.

ރިޔާސީ އިންތިޚާބު ބޯމަތިވެފައިވާ މިދަނޑިވަޅުގައި، ވޯޓު ޙައްޤުވާ މީހުންގެ ލިސްޓަށް އޮޅުންބޮޅުން އެރިޔަ ނުދިނުމަށް، ދަފުތަރަށް އުނިއިތުރު ނުގެނައުމަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ..

ކަންމިހެން ހުރުމާއެކު، ސަރުކާރުގެ ނުފޫޒުތަކުން ނެއްޓި، މިނިވަން އިންސާފުވެރި، އަދި ދެފުށްފެންނަ އިންތިޚާބެއް ބޭއްވުމުގެ ނިޔަތާއި، ޤާބިލުކަން އަދު މިއޮތް އިލެކްޝަންސް ކޮމިޝަނަށް ލިބިގެންވާކަމަކަށް ނުދެކޭ ހިނދު، ސިޔާސީ ޕާޓީތަކާ މަޝްވަރާކޮށް، އިންތިޚާބުގެ ސައްޙަކަން ކަށަވަރުކުރުމަށް މިނިވަން މުސްތަޤިއްލު އިލެކްޝަންސް ކޮމިޝަނެއް އެކުލަވާލުމަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ޙަފްޞާ / މާލެ

  ފުވާދުޤާސިމާ އޭނަގެ އަންހެނުން އެމްޑީޕީގެ ރިލޭތަކުގައި ބައިވެރިވާޙާލު ، ފުވާދުޤާސިމު އެލެކްސަންސްކޮމިސަނަރއަކަށް ހުރި ދުވަސް މިމީހުން ހަނދާންނެތުންލެއް ހާދަ އަވަހޭ ދޯ؟

 2. ދިވެއްސެއް

  ފުރަތަމަ އެމް.ޑީ.ޕީން މިނިވަން ކެނޑިޑޭޓެއް ނެރެވޭތޯ ބަލާބަލަ. އިބޫގެ ހަތަރެސްފައިގަ ނަޝީދު އެހެރީ ކަސްތަޅުއަޅުވާފަ.

 3. ހިރަސް

  ކުރީގެ ކޮމިސަން މެންބަރުންގެ އަގު ވައްޓާލަން މަޖިލިހަށް ގޮސް، އެމީހުންގެ ނަޒާހަތޭ ކިޔައިގެން މީޑިޔާ ބައްދަލުވުން ބާއްވާ، ސިޔާސީ މީހުންނާ އެތަކެއް ޑިލުހެދި އިސްމާލު ހަބީބު އަކީ މިއަދު މެންބަރެއް.
  އިލެކްްސަން ކޮމިސަނުގެ އެސް.ޖީ ކަންކުރި ސަރީފުއަކީ ފަހުން ވަކިޕާޓީއެއްގެ އެކްޓިވިސްޓެއް. މިއަދު އެއީ ކޮމިސަނުގެ ރައީސް.
  ދެންތިބީ ޕާޓީތަކުގެ އިސްމީހުން ކުރީގަ.
  އެއް މެންބަރު މަދުކަންވެސް އަދި ނޭނގޭ. ސަކީލުގެ ބަދަލުގަ ކާކު؟
  މުއައްޒަފުންނަށް މިހާރުވެސް ގިނައިންތިބީ އޭރުވެސް ނަފުސުވިއްކާލި މީހުން.
  މުޅިތަން ތާހިރުކުރަން ޖެހިފަ.