މުޖުތަމައުގެ ތެރޭގައި ދިރިއުޅޭ އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ ފަރާތްތަކަށް ފުރިހަމަ އަޅާލުމާއި އުފާވެރިކަން ލިއްބައި ނުދެވޭ މުޖުތަމައަކީ ވަރަށް ބަދު ނަސީބު، އަބާއްޖަވެރި މުޖުތަމައެއް ކަމަށް ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ލޯފަން ކުދިންގެ ޖަމްއިއްޔާ، ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސްއިން މާލޭގައި ކުރިއަށް ގެންދިޔަ އެ ސޮސައިޓީގެ އަހަރީ ކޭމްޕް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަ ދައްކަމުން އިމްރާން ވިދާޅުވީ މުޖުތަމައެއްގެ ބަދަހިކަމާއި އުފާވެރިކަމާއި، ދުޅަހެޔޮކަން ވަޒަން ކުރުމުގެ އެންމެ މުހިންމު މިންގަނޑަކީ އެ މުޖުތަމައެއްގައި ދިރިއުޅޭ އެހެން އަފްރާދުންނާ އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް އެ މުޖުތަމައަކުން ލިއްބައިދޭ އެހީތެރިކަމާއި އޯގާވެރިކަމާއި އުފާވެރިކަން ކަމަށެވެ. އިމްރާން ވިދާޅުވީ ޔޫތް މިނިސްޓްރީއާ ގުޅިގެން ލޯފަން ކުދިންގެ ޖަމްއިއްޔާއިން ކުރިއަށް ގެންދިޔަ ކޭމްޕަކީ އެތައް ބަޔަކަށް ހިތަށް އުފާވެރިކަން ގެނެސްދިނުމަށްޓަކައި މުހިންމު ޕްރޮގްރާމެއް ކަމަށެވެ.

"އަޅުގަނޑު ހިތުން، މި ކޭމްޕުން ލިބުނު ތަޖުރިބާގެ ބޭނުން ކޮށްގެން މިފަދަ ގިނަ ކޭމްޕްތަކާ ދިމާއަށް ދަތުރު ކުރަންޖެހޭ. ނުކުޅެދުންތެރިކަން ހުރި އެހެން ކުދިންގެ ހާލަތާ މެދު ވިސްނައި އެކުދިންނަށްޓަކައި ވިސްނައި މުޖުތަމައާ ސަރުކާރާ އަދި ހާއްސަކޮށް ޖަމްއިއްޔާތައް ގުޅިގެން ކޮށްދޭނެ ކަންކަމަކީ ކޮބައިތޯ ބަލައި އެކަންކަން ރަނގަޅަށް އޮގަނައިޒް ކުރަންޖެހޭ" އިމްރާން ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ހުރިހާ މިނިސްޓްރީ ތަކުން އަދި ދައުލަތުގެ ހުރިހާ މުއްސަސާތަކުން މިކަމާ އަޅާލުމަށް ވަރަށް ބޮޑު ސަމާލުކަމެއް ލޯފަން ކުދިންގެ ޖަމްޢިއްޔާގެ ފަރާތުން ގެނެސްދެވިދާނެ ކަމަށެވެ. އިމްރާން ވިދާޅުވީ ރާއްޖޭގެ އާބާދީއަށް ބަލާއިރު ތަފާތު ނުކުޅެދުންތެރިކަން ހުރި ހުރިހާ ކުދިންނަށް އަޅާލާނެ ގާބިލްކަމާއި ފުދުންތެރިކަން އެބަހުރި ކަމަށާއި ބޭނުންވަނީ އެކަންކަން ރަނގަޅަށް ތަރުތީބުކޮށްގެން ހިންގުން ކަމަށެވެ.

އަދި އެކުދިންނަށްޓަކައި ދޭންޖެހޭ ފުރިހަމަ ތައުލީމާއި ތަމްރީނާ ހުނަރު ދީގެން، މުޖުތަމުގަ ބޭނުން ހިފޭނެ ބަޔަކަށް ހެދުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭކަމަށް ވެސް އިމްރާން ވިދާޅުވިއެވެ. އިސްނަގައިގެން ރަނގަޅު ނިޒާމެއްގެ ތެރެއިން ތަރުތީބުވެގެން ހާއްސަކޮށް ޔޫތް މިނިސްޓްރީން އެމަސައްކަތައް އިތުރަށް ސަމާލުކަމެއް ދެއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި އެ މަސައްކަތުގައި ސަރުކާރުގެ ހުރިހާ މުވައްސަސާތައް ބައިވެރިވެ މަދަނީ ޖަމްއިއްޔާ ޖަމާއަތްތައް ބައިވެރިކޮށް ހުރިހާ ކުދިންނަކީ އުފާވެރި ހިތްހަމަޖެހޭ ހަޔާތެއް ވޭތުކޮށް އަދި މުޖުތަމުގައި އެކުދިންނަށް ފުރިހަމަ ދައުރަކާއި ފުރިހަމަ މަގާމެއް ލިބިގެންވާ ބަޔަކަށް ހަދައިދިނުމުގެ މަސައްކަތް ކުރެވިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

އެ ހަފްލާގައި ލޯފަން ކުދިންގެ ޖަމްއިއްޔާގެ ވެބްސައިޓް ލޯންޗްކޮށްދެއްވުމުގެ އިތުރުން އެޖަމްއިއްޔާގެ މަދަހަ އަލްބަމްވެސް ނެރެދެއްވީ އިމްރާންއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބެއްޔާ

    އެހެންވެ މިސަރުކާރުން އިމްރާނުގެ ސަރުކާރުން އެހީބޭނުންވާ ފަރާތްތަކަށްދޭ އެހީ މަދުކޮށްދޭން ނިންމީ. ގައިމު އިމްރާނުވެސް އިންނަ ބައްދަލުވުމަކުން އެކަން ނިންމާނީ. ދެން މިހާރުކީކޭތޯ ތިވިދާޅުވަނީ.