ކ. ރަސްފަރީ ފަރަށް އެރި "ނެވިއޯ އަމަރީލިސް" އާގު ބޯޓުގެ ވެރިފަރާތް 100 މިލިއަން ރުފިޔާ އިން ޖޫރިމަނާ ކުރުމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ނިންމި ނިންމުން އިސްތިއުނާފްކޮށްފިއެވެ.

އިންޑިއާގެ ޓުޓިކޮރިން ބަނދަރުން ފުރައިގެން ދަތުރު ކުރަމުން ދިޔަ، އާގު ބޯޓު ފަރަށް އެރީ އޮގަސްޓް 19 ވަނަ ދުވަހުއެވެ. ޕެނަމާގައި ރަޖިސްޓްރީކޮށްފައިވާ 623 ފޫޓުގެ އާގު ބޯޓު ފުން ކުރެވުނީ ޓަގްބޯޓެއް ގެނެސްގެން ފަރަށް އެރިތާ 10 ދުވަސް ފަހުންނެވެ. ބޯޓު ފުން ކުރި އިރު، ފަރަށް ބޮޑެތި ގެއްލުންތަކެއް ލިބި، މުރަކަތައް ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށްވެއެވެ.

ފަރަށް ލިބުނު ގެއްލުންތައް ބަލަން އީޕީއޭ އިން ހެދި ސާވޭއަށް ފަހު އެ ތަނުން ނިންމީ މިފަދަ މައްސަލަތަކުގައި ކުރެވެން އޮންނަ އެންމެ ބޮޑު ޖޫރިމަނާ ކަމަށްވާ 100 މިލިއަން ރުފިޔާއިން ބޯޓުގެ ވެރިފަރާތް ޖޫރިމަނާ ކުރާށެވެ.

ޖޫރިމަނާގެ އިތުރުން ފަރަށް ލިބުނު ގެއްލުމާއި ދައުލަތަށް ލިބުނު އެހެނިހެން ގެއްލުމުގެ ހިސާބު އެދި އިރު އަދަދު ވަނީ 893 މިލިއަން ރުފިޔާ އަށް އަރައިފައެވެ. އީޕީއޭއިން ބުނެފައި ވަނީ އެ އަދަދު ނުދައްކައިފި ނަމަ ގެއްލުމުގެ ބަދަލު ހޯދަން ދައުވާ ކޮށްދޭން އޭޖީ އޮފީހުގައި އެދޭނެ ކަމަށެވެ.

ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވައިދުގެ ދަށުން އީޕީއޭއިން ނިންމާ ނިންމުންތައް އެންވަޔަރަމެންޓް މިނިސްޓަރަށް އިސްތިއުނާފު ކުރުމުގެ ފުރުސަތު އޮވެއެވެ.

އީޕީއޭ އިން ނެރުނު ބަޔާނެއްގައި ރަސްފަރީ ފަރަށް އެރި ބޯޓު ފުންކޮށް ނިމުމާ ގުޅިގެން ލިބުނު ގެއްލުންތައް ބެލުމަށް އީޕީއޭ އާއި އެމްއެންޑީއެފް ގުޅިގެން އެ ސަރަހައްދު ބަލައި ސާވޭ ކުރިއިރު ފަރުގެ 8،867 އަކަ މީޓަރުގެ ސަރަހައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.

ކ. ރަސްފަރި އާއި އެ ރަށުގެ ވަށައިގެންވާ ސަރަހައްދަކީ ސެޕްޓެމްބަރު 27، 1995 އިން ފެށިގެން ހިމާޔަތްކޮށްފައިވާ ސަރަހައްދެކެވެ.

އިންޑިއާގެ ޓުޓިކޮރިން އިން ފުރައިގެން ދެކުނު އެފްރިކާ އަށް ދަތުރު ކުރަމުންދަނިކޮށް ބޯޓުގެ އިންޖީނުގެ ތިން ވަނަ ޔުނިޓު މާބޮޑަށް ހޫނު ގަދަވެގެން ނިއްވާލަން ޖެހުމުން، އޮޔާދާން ފެށި ބޯޓު ގޮސް ލެއްގީ ރަސްފަރި ފަރަށެވެ. އެ ބޯޓު ގާތްގަނޑަކަށް 17 ވަރަކަށް ގަޑިއިރު ވަންދެން އޮޔާ ދިޔައެވެ.ބޯޓު ފަރަށް އުރުނު އިރު އެ ބޯޓުން ކަމާބެހޭ ފަރާތައް ރިޕޯޓުކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދުންމާރި

    ބޯޓު ޖުރުމަނާ ނުދަްކައިވަނިކޮށްދޫކޮށްލީ ކީއްވެ؟ މައްސަލަ ތަޙްޤީޤުނުކޮށް ބޯޓު ދޫކޮށްލީ ކީއްވެ؟ ބޯޓު ހިމާޔަތްކޮށްފަވާ ފަރަކަށް ލެއްގީ އެއީ ފުޅިމަދުކޮޅެއްތަ؟ އިންޑިޔާއިން ފުރައިގެން އެފުރިލކާއަށް ދަތުރުކުރާއިރު ކ.ރަސްފަރީ ކަނޑުއޮޅި ހުރަސްކުރުން ލާޒިމުތަ؟ 17 ގަޑިއިރު އިންޖީނު ހުއްޓިފަވާ 600 ފޫޓަށްވުރެ ދިގު މި ބިޔަ ބޯޓު ރާއްޖޭގެ ސަރަހައްދަށް ވަދެގެން އޮޔާއައިއިރު ސަރަހައްދު ބަލަހައްޓާ ކަނޑުގެ ސިފައިންނާ ފުލުހުންނާ އިންޑިޔާގެ ކަނޑުގެ ސިފައިންކޮބާ؟ ކޮބާ ރާޑަރުތައް؟ 17 ގަޑި އިރު އިންޖީނު ހުއްޓިގެން އެއްވެސް ފަރާތަކަށް ރިޕޯޓު ނުކުރީކީއްވެ؟ ރަސްފަރީ ފަރަށް ބިޔަ ބޯޓު އުރުނުއިރު ބޯޓުގެ ނަގިލިނެތީތަ؟ ނޫނީ ނަގިލިލާޏްވެސް ނޭނގުނީތަ؟ ކޮބާ ބައިނަލްއަޣުވާމީ ކަނޑުދަތުރުފަރުރާބެހޭ ޤާނޫނުތަކާ މުއާހަދާތައް؟ ކެޕްޓަނާ ޗީފް އޮފްސަރާ އެހެންފަޅުވެރިންތިބީ 17 ދުވަސްވަންދެން ހޭވެރިކަން ނެތިފަބާ؟ ބޯޓުގަ މުއާސަލާތީ އެއްވެސް އެއްޗެއް ސަ؛ާމަތީ އެއްވެސް އެއްޗެއް ނެތީތަ؟ ބޯޓު ދޫކޮށްލުމަށްފަހު ޤާނޫނުގަ ނުވަތަ ޤަވާޢީދުގަ އިސްތިއުނާފުއިޮންނަކަމަށްބުނެ ތިޔަ ހިންގަނީ އަނެއް ޖަރީމާ

  2. މޫރިޖަނާ

    ތިޔަ ފައިސާއިން މުރަކަތައް މަރާމާތު ކުރަނީތަ ނޫނީ ތިޔަ ފައިސާ ދިރުވާލަނީ ތަ؟ މީގެ ޖަވާބެއް ބޭނުން