ރ. އުނގޫފާރު މަގުތަށް ހެދުމުގެ ދެވަނަ ފޭސް މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

އެ މަސައްކަތުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ޒީނިޔާ އަހުމަދު ހަމީދުއެވެ. މަސައްކަތުގެ ކޮންޓްރެކްޓާއެއްގެ ހަައިސއްޔަތުން ސޮއި ކުރެއްވީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއެވެ.

އެ ކޮންޓްރެކްޓުގެ އަގަކީ 21,654,416.92 ރުފިޔާއެވެ. 365 ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކޮށްފައިވާ މަސައްކަތުގައި އައު މަގުތަކެއްގައި ތާރުއަޅައި، މަގުތަކުގައި ފެންހިންދާ ނިޒާމް ގާއިމްކޮށް މަގުބައްތި ޖަހާނެއެވެ.

އުނގޫފާރު މަގުތައް ހެދުމުގެ ދެވަނަ ފިޔަވަހީގެ މަޝްރޫއުގައި ސޮއިކޮށްފައިވާއިރު ފުރަތަމަ ފިޔަވަހީގައި ހަދާ މަގުތަކެއް 87 އިންސައްތަ ވަނީ ނިންމާލާފައެވެ. އެގޮތުން ޖުމްލަ 3.2 ކިލޯ މީޓަރު ދިގު މިނުގެ 14 މަގެއްގައި ތާރު އަޅާ ނިމިފައިވާ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.

މަޝްރޫއުގެ ދަށުން، 16,488 އަކަ މީޓަރުގެ ސަރަހައްދެއްގައި ތާރުއެޅުމާއި، 16,488 އަކަ މީޓަރުގެ ސަރަޙައްދެއްގައި އޭބީސީ ފަށަލަ އެޅުމާއި، 16,488 އަކަ މީޓަރުގެ ސަރަޙައްދެއްގައި ސަބްގްރޭޑް މަސައްކަތް ކުރުމާއި، ފެންހިންދާ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ހިމެނެއެވެ.