ލާމަރުކަޒީކޮށް ރައްޔިތުންނާ ގާތުން ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ހއ. ތުރާކުނުގައި ގާއިމްކުރި ޕޮލިސް ޑެސްކު ރަސްމީކޮށް ހުޅުވައިފިއެވެ.

ތުރާކުނު ޕޮލިސް ޑެސްކު ހުޅުއްވައި ދެއްވީ އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދުއެވެ.

އިމްރާން ވިދާޅުވީ މުޅި ރާއްޖެއަށް ފުލުހުންގެ ހިދުމަތް ފުޅާކުރުމަށްޓަކައި ފުލުހުންގެ މުއައްސަސާއިން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށާއި މިހާރު ފުލުހުންގެ ހިދުމަތް ދިނުމުގެ އެންމެ މުހިންމު އަސާސީ ފަލްސާއަކީ އަވަށްޓެރި ފުލުހުންގެ ހިދުމަތް ކަމަށެވެ.

އަދި އެ ހިދުމަތް ގާއިމްކުރެވިގެން ދަނީ ކޮންމެހެން ކުށް އުފެދިގެން ނުވަތަ އުފަންވެފައި އޮތުމަކުން ނޫންކަމަށާއި ކުުށާ ހަމައަށް ދިއުމުގެ ކުރިން ކުށަކަށް ވެދާނެ ކަންކަން ދެނެގަނެ މުޖުތަމައު ސަލާމަތްކުރުމަށްޓަކައި ކުރެވޭ މަސައްކަތަށް ކަމަށް ވިދާޅުވިއެވެ.

ހަމީދު ވިދާޅުވީ ފުލުހުންގެ ހިދުމަތުގެ ގާނޫނަށް އަމަލުކުރަމުންދާއިރު، ގާނޫނުން ފުލުހުންގެ މަސައްކަތްތައް އިންތިޒާމްވެގެންވާ ގޮތް ވަރަށް ސާފުކޮށް ގާނޫނުގައި ކަނޑައަޅާފައިވާ ކަމަށެވެ.

އަދި ލާމަރުކަޒީކޮށް ހިދުމަތް ދިނުމަށާއި މުޖުތަމައު އޮންނަ ގުޅުން ދެމެހެއްޓުމަށް ވަރަށް ބޮޑަށް ގާނޫން ބާރުއަޅުއްވާފައިވާކަން ފާހަގަކުރައްވައި، ފުލުހުންގެ މަސައްކަތްތައް އަމާޒުކޮށްފައިވަނީ ރައްޔިތުންނަށް ފުލުހުން ދޭ ހިދުމަތް އަލުން ތަރުތީބުކޮށް ޑިމޮކްރެޓިކް ވެއްޓަކަށް އެކަށޭނެ ތަރައްގީވެފައިވާ ފުލުހުންގެ ހިދުމަތްތަކެއް މުޅި ރާއްޖެއަށް ފޯރުކޮށްދޭ މުއައްސަސާއަށް ފުލުހުންގެ ހިދުމަތް ބަދަކުރަމުން ގެންދިއުމަށް ކަމަށް ވިދާޅުވިއެވެ. ތުރާކުނުގައި ޕޮލިސް ޑެސްކެއް ހުޅުވިގެންދާކަމީ އެއަމާޒަށް ވާސިލްވުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއްކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމިޝަނާ އޮފް ޕޮލިސް ހަމީދު ވާހަކަ ދައްކަވަނީ

މީގެއިތުރުން ފުލުހުންގެ ސްޓްރެޓީޖަކް ޕްލޭންގައި ލޯކަލް ޕޮލިސިންގ ކަނޑައަޅާފައިވަނީ އަތޮޅުތެރޭގައި ދެވޭ ފުލުހުންގެ ހިދުމަތްތްތަކަށް އިތުރު އަހައްމިއްޔަތުކަމެއް ދިނުމުގެ ގޮތުންކަމަށާއި މިއަދުން ފެށިގެން ހޯރަފުށިން ފުލުހުން އައިސް ދެމުން ދިޔަ ހިދުމަތަށް ނިމުން އައިސް ތުރާކުނުގައި ފުލުހުންގެ ހިދުމަތް ދެވިގެންދާނީ ރައްޔިތުންނާ ކައިރިންކަމަށް ވިދާޅުވިއެވެ.

ޕޮލިސް ޑެސްކެއް ގާއިމްވެގެން ދިއުމާއެކު ކޮވިޑް ފަދަ ބަލިމަޑުކަމެއް މެދުވެރިވާ ހާލަތެއްގައި ރައްޔިތުންނާއި ކައުންސިލާއި ހެލްތު ސެންޓަރާ ގުޅިގެން މަސައްކަތްކުރަންޖެހޭ ކުރުުމުން ފެށިގެން ރަށުގައި ހިންގާ ކުށުގެ އަމަލުތަަކަށް ފާރަވެރިވި އެކުށްތައް ހުއްޓުވުމަށް އަތޮޅުގައި ގާއިމްވެފައިވާ ފުލުހުން ޓީމުތަކާއެކު މަސައްކަތްކުރުމާއި ރައްޔިތުންނާ ގާއިމްކުރެވޭ ގުޅުމުގެ ތެރެއިން ފުލުހުންގެ މަގުސަދުތައް ހާސިލްކުރުމަށް ކޮންމެ ދުވަހަކު މަސައްކަތް ކުރެވިގެންދާނެކަމަށްވެސް ކޮމިޝަނަރު ވިދާޅުވިއެވެ.

ރައްޔިތުންނާއި މުއައްސަސާތަކާއި ޖަމިއްޔާ ޖަމާއަތްތަކާ ގުޅިގެން ރަށުގެ ވެއްޓަކީ އަމާން ތަނަކަށް ހެދުމަށް މަސައްކަތްކޮށެއްވުމަށް ހއ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންގެ ކިބައިން ހަމީދު އެދިވަޑައިގެންނެވިއެވެ. އަދި ފުލުހުން ކުރަމުންދާ މަސައްކަތްތަކުގައި އެންމެ ކުރީ ސަފުގައި ފުލުހުންނާއެކު އަތުގުޅާލައިގެން މަސައްކަތްކޮށްދެއްވުމަށް ތުރާކުނު ރައްޔިތުން ކިބައިން އޭނާ އެދިވަޑައިގަތެވެ.