ފުލުހުންނާއި ރައްޔިތުންނާ އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުޅުދުއްފުށި ސިޓީގައި އަވައްޓެރި ފުލުހުންގެ ހިދުމަތް ފަށައި އެކަމުގެ ރަސްމީ ލިޔުން ކައުންސިލާ ހަވާލުކޮށްފިއެވެ.

ރޭ އެކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ކުޅުދުއްފުށި ސިޓީގައި އަވައްޓެރި ފުލުހުންގެ ހިދުމަތް ފެށިގެން ދިއުމަކީ ފުލުހުންގެ މުއައްސަސާއަށާ ހާއްސަކޮށް ކުޅުދުއްފުއްޓަށް ވަރަށް ތާރީހީ ކަމަކަށް ވެގެންދާނެ ކަމެއް ކަމަށެވެ. އަދި ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި މިއަދުގެ ޕޮލިސިންގެ ހިދުމަތް ދިނުމުގައި ގެންގުޅޭ އުސޫލުތަކާއި ވައްޓަފާޅި ދެނެގެނަގެން ރައްޔިތުންނަށް ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމުގައި އެންމެ އެކަށީގެންވާ ރަނގަޅު މޮޑެލްއަކަށް މަސައްކަތްކުރުމަށްޓަކައި ފުލުހުން ފެށި މަސައްކަތަށް ލިބިގެންދިޔަ އިތުރު ހިތްވަރެއްކަމަށް ވިދާޅުވިއެވެ.

އަދި އަތޮޅުތެރޭގައި ފެށިގެންދާ އަވައްޓެރި ފުލުހުންގެ ހިދުމަތަކީ ދިވެހި ފުލުހުންގެ ފަރާތުން ރައްޔިތުންނަށް ފޯރުކޮށްދޭ އަމާންކަމާއި ރައްކާތެރިކަަމަށް ފެށިގެންދާ ވަރަށް މުހިއްމު މަސައްކަތެއްކަމުގައި ފާހަގަކުރެއްވިއެވެ. އަދި އަވައްޓެރި ފުލުހުންގެ ނަތީޖާ ފެނިގެންދާއިރު ހުރިހާ ރައްޔިތުންނަށް އެކަމުގެ ފުރިހަމަ އިހުސާސްކުރިވެގެންދާނެ ކަމާއި ސަލާމަތާއި ރައްކާތެރިކަން ރައްޔިތުންނަށް އިހުސާސް ކުރެވިގެންދާނެ ކަމުގައިވެސް މިނިސްޓަރު ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ އަވައްޓެރި ފުލުހުންގެ ހިދުމަތުގައި ފުލުހުން އަދާކުރަންޖެހޭ ދައުރާއި ގާނޫނީ ހައިސިއްޔަތު ބޮޑުކަމާ އެހެންނަމަވެސް އެންމެން އެކުގައި ގުޅިގެން ކުރެވޭ މަސައްކަތުން މިކަމަށް އެދޭވޭ ނަތީޖާ ނެރެވިގެންދާނެ ކަމުގައެވެ.

އެ ރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ، އަވައްޓެރި ފުލުހުންގެ ހިދުމަތަކީ ދިވެހި ފުލުހުންގެ މަސައްކަތަށް ގެންނަށް މަސައްކަތްކުރާ އިންގިލާބީ ބޮޑު ބަދަލެއް ކަމަށެވެ. އަދި އެ ބަދަލަކީ ކަމެއް ދިމާވުމުން އެކަމަށް ފިޔަވަޅުއަޅަންތިބޭ ބައެއްގެ ބަދަލުގައި، މުޖުތަމައަށް ނުކުމެ އިސްވެ މައްސަލަތައް ދެނެގަނެގެން އެ މައްސަލަތަކަށް ހައްލުހޯދުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި މަސައްކަތް ބަދަލުކުރުން ކަމުގައި ފާހަގަކުރެއްވިއެވެ.

ކުޅުުދުއްފުށީ އަވަށްޓެރި ފުލުހުންގެ ހިދުމަތް ގާއިމްކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން

ފުލުހުންނަކީ މިހާރަށްވުރެ ބޮޑަށް ކުޅުދުއްފުށި ސީޓީގައި ހުރި ކުށުގެ މައްސަލަތަކަށް މަސައްކަތްކުރާ ބަޔަކަށް ވެގެންދާނެ ކަމުގައި ސީޕީ ފާހަގަކުރެއްވިއެވެ. އަދި އަވައްޓެރި ފުލުހުންގެ ހިދުމަށް ކުޅުދުއްފުށި ސިޓީގައި ފެށިގެންދާ މިދާ ވަގުތަކީ ރައްޔިތުންނާއި ފުލުހުން ގުޅިގެން މަސައްކަތް ކުރުމުގެ މުހިއްމުކަން ކުރިއަށްވުރެ އިތުރުވެފައިވާ ވަގުތެއްކަމުގައި ފާހަގަކުރެއްވިއެވެ. ރައްޔިތުންނާ ގުޅިގެން ކުރާ މަސައްކަތުން ދިވެހި ރާއްޖެއަށް، ހާއްސަކޮށް ކުޅުއްފުށި ސިޓީއާއި އެ ސަރަހައްދުގެ އެހެން ރަށްރަށަށްވެސް ދިމާވެފައިވާ ކުށުގެ ނުރައްކާތަކުން އަޅުގަނޑުމެންނަށް އަރައިގަނެވޭނެ ކަމަށް ވިދާޅުވިއެވެ.

ރައްޔިތުން ފުލުހުންގެ ކިބައިން އެދެނީ އިންސާނީ ހައްގުގެ އެންމެ މަތީ މިންގަނޑުތަކުގެ ތެރެއިން ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުން ކަމާއި ކުށްކުރުން މަދު މުޖުތަމައަކަށް ހެދުމަށް ފުލުހުން މަސައްކަތްކޮށްދިނުން ކަމަށާއި އަދި އަވައްޓެރި ފުލުހުންގެ މަސައްކަތަކީ ދެންނެވުނުފަދަ ޑިމޮކްރެޓިކް ހިއުމަން ރައިޓްސް ބޭސްޑް އަދި ކުށާއި ކުށުގެ ބިރުވެރިކަން ދަށްކުރުމަށް ހާއްސަ އިސްކަމެއްދީގެން މަސައްކަތްތައް ކުރުމަށް ގާއިމުކުރެވޭ ހިދުމަތެއް ކަމުގައި ފާހަގަކުރެއްވިއެވެ.