ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މަޖިލީހުގެ ތަޅުމުގައި އިނގިރޭސިބަހުން ވާހަކަ ދެއްކެވުމުން އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) އެކަމާއި ނުރުހިއްޖެއެވެ.

މިއަދުގެ ޖަލްސާގައި ޖާބިރު އިނގިރޭސިބަހުން ވާހަކަ ދެއްކެވެމުން ނިޒާމީ ނުކުތާއެއް ނަންގަވައި ވައްޑެ ވަނީ އެއީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްތޯ ނުވަތަ ޖެނެރަލް އެސެމްބްލީގެ ޖަލްސާއެއްތޯ ސުވާލު އުފައްދަވާފައެވެ.

ވައްޑެ ވިދާޅުވީ، ރާއްޖޭގައި ދިވެހި ބަހަށް އިސްކަން ދިނުމާ ބެހޭ ގާނޫނެއް އޮންނާނެ ކަމަށެވެ. އަދި އެގާނޫނުން ގައުމީ ބަހާއި ރަސްމީ ބަސް ބޭނުން ކުރުމަށާއި ދިވެހި ބަހުން މުއާމަލާތު ކުރުމަށް ލާޒިމު ކުރާ ކަމަށް ވައްޑެ ވިދާޅުވިއެވެ.

"އެހެންމަ މި މަޖިލީހުގައި އެދައްކަވާ ވާހަކަ އަޅުގަނޑުމެންނަކަށް ނޭނގޭ. އެހެން ބަސް ބަހުން ދެއްކޭ ކަމުގައިވާނަމަ އަޅުގަނޑަށް ހީވަނީ އޭގެ ތަރުޖަމާ އަޅުގަނޑުމެންނަށް ލިބޭނެ ގޮތެއް ޖެހޭނެހެން ހައްދަވާދޭން" ވައްޑެ ވިދާޅުވިއެވެ.

ވައްޑެ ނެންގެވި ނިޒާމީ ނުކުތާއާ ގުޅިގެން އީވާ ވިދާޅުވީ، ޖާބިރު ދެއްކެވި ވާހަކައިގެ ތަރުޖަމާ ލިބޭނެ ގޮތެއް ހައްދަވައިދެއްވާނެ ކަމަށެވެ. އެހެން ނަމަވެސް ވައްޑެ ވެސް މަޖިލީހުގެ ގަވައިދު އަލުން ކިޔާލުމަށް އިވާ ވަނީ އިލްތިމާސް ކުރައްވާފައެވެ.

"ތިބޭފުޅުން. އިއްޒަތްތެރި މެމްބަރުން މަޖިލިސް ގަވައިދު އެކުލަވާލެއްވީ. މަޖިލިސް ގަވައިދު އެކުލަވައި ލެއްވިއިރު، ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަން ޖެހޭނެ ވަކި ބަހެއް ލިޔެފަކާއެއް ނެތް." އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ، މީގެ ކުރިން ވެސް ބައެއް މެމްބަރުން މަޖިލީހުގައި އިޓަލީ ބަހުންނާއި އަރަބި ބަހުން ވެސް ވާހަކަ ދައްކަވާފައިވާ ކަމަށެވެ. އެހެން ނަމަވެސް ބޭނުން ވަނީ އެންމެންނަށް ވެސް ވިސްނޭ ބަހަކުން ވާހަކަ ދެއްކުން ކަމަށް އީވާ ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ވައްޑެގެ ބޭބެ

    ވައްޑެ އެއީ އިންގްލިޝް އެނގޭ މީހެއް ނޫން.

    16
  2. ކެރަފާ

    ވައްޑެ އަލުން ސްކޫލަށް ދާށޯ އީވާ ބުނީ

    14
  3. ބިންގޯ

    ވައްޑެއަށް އިގިރޭސި ބަސް ނޭގުން އެއީ ޖާބިރު މަސްސަލައެއް ނޫން.

    4
    1
  4. ބަރުގޮނު

    މެމްބަރަކު ބޭނުން ބަހަކުން ވާހަކަ ދެއްކެވުން މަސްއަލައަކަށް ނުވިޔަސް ދައްކަވާ ވާހަކަ ހަމަ ވަގުތުން ދިވެހިބަހަށް ތަރުޖަމާ ކުރެވޭ އިންތިޒާމް ކުރެއްވުން ރަގަޅު.