ދަނޑުވެރިކަމަށް ފަސް ރަށެއް ދޫކުރަން ފިޝަރީޒް މިނިސްޓްރީން ނިންމައިފިއެވެ.

އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ސަރުކާރުގެ ސްޓްރެޓަޖިކް އެކްޝަން ޕްލޭންގައި ކަނޑައެޅިފައިވާ ދަނޑުވެރިކަމުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގެ ގޮތުން، ދެ ވަނަ ބުރުގައިފަސް ރަށެއް ބީލަމުގެ އުސޫލުން 21 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ.

މިގޮތުން މިނިސްޓްރީން ދޫކުރަން ނިންމާފައިވާ ފަސް ރަށަކީ ށ. ނެޔޮ،ނ.ތޮޅެންދޫ،ގދ.އޮއިނިގިއްލާ،މ.މާހުރާ އާއި ލ.ތުނބުރިއެވެ.

މި ފަޅުރަށްތައް ކުއްޔަށް ދޫކުރުމުގައި މިނިސްޓްރީގެ މަގްސަދަކީ ދިވެހިރާއްޖޭގައި ކާބޯތަކެތި އުފެއްދޭ މިންވަރު އިތުރުކޮށް، ރާއްޖެއަށް އެތެރެކުރަންޖެހޭ ކާބޯތަކެތީގެ މިންވަރު މަދުކޮށް، ކާނާގެ ޔަގީންކަން ކަށަވަރުކޮށް ދިނުން ކަމަށްވެސް ބުނެފައި ވެއެވެ.

މީގެއިތުރުން، ކުކުޅު، އަސްދޫނިފަދަ ޕޯލްޓްރީގެ ބާވަތްތަކާއި ބަކަރި ފަދަ ޖަނަވާރު ގެންގުޅުމާއި ރާއްޖެއަށް ބޭނުންވާ އެކި ބާވަތްތަކުގެ ގަސްގަހާގެހީގެ މުޑުވައް ރާއްޖޭގައި އުފައްދައިގެން އާމްދަނީ ހޯދުމުގެ ފުރުސަތުވެސް އޮންނާނެ ކަމަށް އެ މިނިސްޓްރީގެ އިއުލާނުގައި ވެއެވެ.

ދަނޑުވެރިކަމުގެ މަސައްކަތުން ލިބޭ ނަފާ އިތުރުކުރުމަށް ކުރަންޖެހޭ ހަރަދު ކުޑަކުރުމަށް ބާރުއެޅުމުގެ ގޮތުން މިރަށްތަކަށް ދެއްކުމަށް ހަމަޖެހިފައިވާ އަހަރީ ކުއްޔަކީ އަހަރަކަށް އަކަފޫޓަކަށް 10 ދިހަ ލާރިއެވެ.

އަދި މި ރަށްރަށުގެ ބިމުގެ ސަރަައްދުން ގިނަވެގެން %30 ބިމުގެ ސަރަހައްދެއްގައި އެ މިނިސްޓްރީން ކަނޑައަޅާ ކާނާގެ ބާވަތްތައް އުފައްދަން ޖެހޭނެ ކަމަށް ބުނެފައިވެއެވެ.

މީގެ ކުރިންވެސް މިނިސްޓްރީން ވަނީ މީގެ ތެރެއިން ބައެއް ރަށްތައް ދަނޑުވެރިކަމަށް ދޫކުރަން ނިންމައި އިއުލާނުކޮށްފައެވެ.